ށ. ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނެފި އެވެ.

ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާ ކުރަމުން އެމްޓީސީސީން ބުނީ މުޅި މަޝްރޫއުގެ 62 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ހަަތަރުވަނަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 45،795 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ. އަދި 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 2،320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއުގެ އަގަކީ 64.6 މިލިއަން ރުފިޔާއެވެ.

ފޯކައިދޫ ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާއިރު، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޖޫން މަހުގެ ކުރިން ފޯކައިދޫ ބަނދަރުގެ މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވެފައެވެ.