ފުޓްސަލް

ގަމު ކައުންސިލް ތުނޑީ ރަމަޟާން ކަޕް: ގޯޅި އެސްސީއާއި ބެސްޓް ސެމީއަށް

ޖުމުލަ 26 ޓީމަކުން ވާދަކުރާ ލ. ގަމު ކައުންސިލުގެ ތުނޑީ ރަމަޟާން ކަޕުގެ ސެމީ ފައިނަލް ފުރަތަމަ ޖާގަތައް ބީން އެންކަރޭޖިން ސޮސައިޓީ ފޯ ތުނޑި (ބެސްޓް) ގޯޅި ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

ގަމު ތުނޑީ އަވަށު ޒުވާނުންގެ އިސްނެގުމަށް ތުނޑީ ފުޓްސަލް ދަނޑުގައި ރާވައި ހިންގަމުން އަންނަ ރަމަޟާން ކަޕަކީ މީގެ ކުރިންވެސް އެރަށުގައި ފޯރިއާއެކު ބާއްވާފައިވާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތް ކުރިއަށްދަނީ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހުއެވެ. މުބާރާތުގައި 26 ޓީމު ބައިވެރިވެފައިވުމުން މިއަހަރުގެ މުބާރާތް ކުޅެފައިވަނީ އަށް ގްރޫޕަކަށް ބަހާލައިގެންނެވެ.

މުބާރާތުގެ ގަދަ 16 ނިމި، ކުއާޓާ ފައިނަލްގެ މެޗުތައް ރޭ ފަށާފައިވާ އިރު، ފުރަތަމަ މެޗުގައި ބެސްޓުން ނުކުތީ އައުޓްރީފް އެސްސީއާ ދެކޮޅަށެވެ. އެ މެޗު ބެސްޓުން ކާމިޔާބުކުރީ 6-4 ގެ ނަތީޖާއަކުންނެވެ.

މެޗު ފޯރިގަދަކޮށް، ވާދަވެރިކޮށް ފެނުނު އިރު، ފުރަތަމަ ދެ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހީމް އަސްވާދު (ގަބޭ)އާއި އަލީ އިރުފާނެވެ. ދެވަނަ ހާފަށް ނުކުމެ އަހުމަދު ވިޖުދާން (ވިޖުއްކޮ) ޖެހި ގޯލާއެކު އައުޓްރީފުން މެޗުގެ ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް އެޓީމަށް ކުރިމަތިވި އެންމެ ބޮޑު މާޔޫސްކަމަކީ ދެވަނަ ހާފުގެ ކުރީކޮޅުގައި ފަސް ފައުލް ހަމަވުމެވެ.

އޭގެ ސަބަބުން ލިބުނު ދެ ޕެނަލްޓީއެއް ބެސްޓްގެ އަލީ ހާފިޒް (ހާއްޕެ) ގޯލަށް ވައްދާލާ ޓީމުން ހަތަރު ގޯލު ޖެހި އިރު، ހިތްވަރާއެކު ކުޅުނު އައުޓްރީފްގެ އަނެއް ގޯލުތައް މެޗުގައި ޖެހީ އާދަމް ނާސިހް (އާދަންނާ) އާއި އިބްރާހީމް ހަމްދާން (ހަމްދެ) އަދި އަބްދުﷲ ޒިޔާން (ޖަންކީ)އެވެ.

ބެސްޓުން ހަ ގޯލު ހަމަކުރީ ރ. ދުވާފަރަށް ނިސްބަތްވާ މުހައްމަދު ޖުމާން އަހުމަދާއި ތ. ތިމަރަފުށީގެ އިސްމާއީލް މުނީޒް (ޓްރީ) ޖެހި ގޯލުތަކުންނެވެ.

ރޭ ކުޅުނު ދެވަނަ ކުއާޓާ ފައިނަލް މެޗުގައި ކަންމަތީގެ މައްޗަށް ގޯޅި އެސްސީ ކުރި ހޯދީ 6-3 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ގޯޅި އެސްސީގެ އަހުމަދު ހަލީމް (އަންމަޑޭ) ހެޓްރިކް ހެދި އިރު، އެޓީމުގެ އަނެއް ތިން ގޯލު ޖަހައިދިނީ ޖުމައިލް ޖަމީލް (ޖުންބެ) އާއި ހުސައިން ނާސިދު (ނާއްޓޯ) އަދި ގައުމީ ފުޓްސަލް ޓީމުގެ ސާމިން މުހައްމަދު ނަސީރެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ހެޓްރިކް ހެދި އަންމަޑޭއެވެ.

ކަންމަތީގެ ގޯލުތައް މެޗުގައި ޖަހައިދިނީ އިބްރާހީމް ޝަރީފާއި ޒައިދާން އަބްދުﷲ (ޒައިއްކޮ) އަދި މުހައްމަދު ނިޒާމް (ޕީކޭ) އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް އަނެއް ދެމެޗު މިރޭ އޮންނާނެއެވެ. ސެމީގައި ބެސްޓާއި ގޯޅި ކުޅެން ޖެހޭ ޓީމުތައް އެނގޭނީ މިރޭގެ މެޗުތައް ނިމުމުންނެވެ.

ކުއާޓާ ފައިނަލްގައި މިރޭ 9:30 ގައި އޮންނަ މެޗުގައި ޑެޓްރޮއިޓްސް ޖޫނިއާ އާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ވާދަކުރާ އިރު، މިރޭ 10:30 ގައި ކުޅޭ ކުއާޓާ ފައިނަލް ފަހު މެޗުގައި ސުބަރު އެސްސީން ނުކުންނާނީ މަތިމަރަދޫ ޔޫތާ ދެކޮޅަށެވެ.

ތުނޑީ ރަމަޟާން ކަޕްގެ މެއިން ސްޕޮންސަރަކީ ގަމު ކައުންސިލެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިންއެވެ.