ހުޅަނގު ޔޫރަޕުގެ އެންމެ ބޮޑު އެއްބާރުކަމަށްވާ ފަރަންސޭސިވިލާތުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިމަހުގެ ދިހަ ވަނަ ދުވަހު ވަނީ ބާއްވައިފައެވެ. ޖުމްލަ ބާރަ ކެންޑިޑޭޓުން ވާދަކުރެއްވި މި އިންތިޚާބުގައި ރައްޔިތުން ވޯޓުއެޅިގޮތް ސާފުވިއިރު އެއްވެސް ކެންޑިޑޭޓަކަށް ފަންސާސް އިންސައްތަ ނުހޯއްދެވުނެވެ. އެހެންވީމާ ދެންއޮތީ ދެވަނަ ބުރެއްގެ ވޯޓުލުމެވެ. އެބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންނެވެ. އެއީ މިހާރުވެސް ރައީސް ކަމުގައި ހުންނެވި އެމަނުއެލް މެކްރޯނާއި ކަނާތުފިޔައިގެ ހައްދުފަހަނަޅާފައިވާ ފިކުރު ތަމްސީލު ކުރައްވާ މާރީ ލިޕެންއެވެ. މެކްރޯނަށް ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ 28 އިންސައްތަ އެވެ. ލިޕެންއަށް ލިބިވަޑައިގަތީ 23 އިންސައްތައެވެ. ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހު ސައުވީހުގައެވެ.
ފްރާންސްގައި އެންމެފަހުން 2017 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ވާދަކުރައްވާފައިވަނީ މެކްރޯނާއި ލިޕެން އެވެ. އެހެންވީމާ މިއީ ފަސްއަހަރުގެ ތެރޭގައި މިދެބޭފުޅުންގެ ދެވަނަ ކުރިމަތިލުމެވެ. ކުރީފަހަރު ދާދިފަސޭހަކޮށް މެކްރޯން ކުރި ހޯއްދެވިޔަސް މިފަހަރު އެހާ ފަސޭހައެއް ނުވާނެއެވެ. މެކްރޯނަށް އިހަށްއޮތް ތާއީދާއި ލޯބި މިހާރު ވަނީ ބޮޑުތަނުން ދަށްވެފައެވެ. ޚާއްސަކޮށް ފްރާންސްގެ އިރު އުތުރާއި އިރުދެކުނުގެ ސަރަހައްދުތަކުގައި އޭނާއަށް ތާއީދުކުރާ މީހުންނަށްވުރެ ގިނައީ ނުކުރާ މީހުންނެވެ. މިފަހަރު މެކްރޯނަށް ކުރިހޯއްދެވިއްޖެނަމަ މިކަންވާނީ 2002 ވަނަ އަހަރު ރައީސް ޔެކް ޝިރާކު ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވިފަހުން ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް އައު ދައުރެއް ކާމިޔާބު ކުރެެއްވޭ ފުރަތަމަ ފަހަރު ކަމުގައެވެ.
ފަރަންސޭސި އިންތިޚާބުގެ ފުރަތަމަ ބުރުން ފާހަގަކުރެވިގެންދިޔަ އެއްކަމަކީ ރައްޔިތުންގެ ތެރޭގައި ވަރިހަމަބޮޑުވުން އިތުރުވަމުން އަންނަ ކަމެވެ. ކޮންމެ މީހަކު ހޮވުނަސް މަށަށް ހެވޭ ވަރިހަމައޭ ބުނާ ބީދަޔަކުން ވަރަށް ގިނަ ބަޔަކު ވޯޓުލާން ނުނިކުމެއެވެ. ވޯޓުލާން ނުކުތީ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ގާތްގަޑަކަށް 73 އިންސައްތަ މީހުންނެވެ. މިއީ ފާއިތުވި ވިހި އަހަރުގެ ތެރޭގައި ފަރަންސޭސިވިލާތުގެ ރިޔާސީ އިންތިޚާބެއްގައި އެންމެ މަދުން ވޯޓުލީ ފަހަރެވެ. ދެވަނަ ބުރުގައި މިކަން ތަކުރާރުވެއްޖެނަމަ އޭގެ ގެއްލުން ބޮޑުވާނީ ރައީސް މެކްރޯނަށެވެ. ކަނާތުފިޔައިގެ މީހުން ބަރާބަރަށް ވޯޓުލާން ނިކުމެއެވެ. ވަރިހަމަ ބޮޑުވެގެން ނުނިކުމެ ތިބެނީ އެނޫން މީހުންނެވެ. ރައީސް މެކްރޯނަށް ވޯޓުދޭން ތިބި މީހުންނެވެ. މިއީ އޭނާގެ ކެމްޕޭނުން ފޯކަސް ކުރަންޖެހިފައިވާ މައްސަލައެކެވެ.
މީގެ ފަސް އަހަރު ކުރިން މެކްރޯނާއި ލިޕެންގެ ކުރިމަތިލުމުގައި މެކްރޯން ވަނީ 66 އިންސައްތަ ހޯއްދަވައިފައެވެ. އެފަހަރު ލިޕެންއަށް ހޯއްދެވުނީ 34 އިންސައްތައެވެ. މިފަހަރު އެހާބޮޑު ތަފާތެއް ނުފެންނާނެ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ. މެކްރޯން ކުރި ހޯއްދެވުމަކީ މިފަހަރުވެސް އެންމެ ކައިރި ގޮތެވެ. އެކަމަކު ޚިޔާލު ހޯދުންތަކުން ދައްކާގޮތުން ދެބޭފުޅުންގެ ފަރަގު ހުންނާނީ ގާތްގަޑަކަށް ދެ ޕަސަންޓުގައެވެ. ފަހަރުގައި ލިޕެން ކުރިވެސް ހޯއްދަވައިފާނެއެވެ. އެހެންވެއްޖެނަމަ ފްރާންސްގެ ސިޔާސަތަށް ވަރަށް ބޮޑު ބަދަލެއް އަންނާނެއެވެ. އިޖުތިމާއީ ކަންކަމުން ފެށިގެން އިގްތިސާދީ އަދި ޚާރިޖީ ގުޅުންތަކަށެވެ. މާރީ ލިޕެންއަކީ ހައްދުފަހަނަޅާފައިވާ ވަތަނީ ފިކުރުގެ ބޭފުޅެކެވެ. ޚާއްސަ ގޮތެއްގައި މުސްލިމުންނާ ދެކޮޅު ހެދުން ބޮޑެވެ.
އެއްވެސް ތަނެއްގައި އެއްވެސް ގޮތަކުން ބުރުގާ ހުއްދަކުރުމަކީ ލިޕެން ދެކޮޅު ހައްދަވާ ކަމެކެވެ. އަދި ދޮން ނަސްލު ނޫން ނަސްލުތަކުގެ މީހުން ފްރާންސްގައި ވަޒަންވެރިވެ ރަށްވެހިވުމަކީ ވަކިން ދެކޮޅު ކަމެކެވެ. މިހެންގޮސް އަދިވެސް ތަފާތު ކިތަންމެ ކަމެކެވެ. އެހެންވީމާ ލިޕެންގެ ވެރިކަމެއް ފެށުމަކީ ކަޅު ނަސްލުގެ މީހުންނާއި މުސްލިމުން ވަރަށް ޖެހިލުންވާ ކަމެކެވެ. ފްރާންސްގެ އާބާދީގެ ތެރެއިން ގާތްގަޑަކަށް ނުވަ އިންސައްތަޔަކީ އުތުރު އެފްރިކާގެ އަރަބި ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. އަލްޖީރިޔާ އާއި ޓިއުނީޝިޔާއާއި މޮރޮކޯގެ މަޣުރިބީންނެވެ. އޭގެތެރޭގައި ގިނައީ މުސްލިމުންނެވެ. އެފަދަ ގިނަ މީހުން ދިރިއުޅެނީ މައިގަޑު ގޮތެއްގައި ފްރާންސްގެ އިރުދެކުނުގެ ސަރަހައްދުތަކުގައެވެ. އެހިސާބުގައި ދިރިއުޅޭ ދޮން މީހުންގެ ސަޕޯޓް އޮންނަނީ ލިޕެންއަށެވެ.
ފަހަކަށް އައިސް ލިޕެންގެ މަގްބޫލުކަން އަންނަނީ އިތުރުވަމުންނެވެ. ކުރީގެ އިންތިޚާބާ ޚިލާފަށް މިފަހަރު ލިޕެންގެ އެޖެންޑާގައި ހައްދުފަހަނަޅާފައިވާ ފިކުރު މާބޮޑަކަށް ހިމަނާފައެއް ނުވެއެވެ. އެހެންނަމަވެސް ލިޕެންއަކީ ކާކުކަމެއް މީހުންނަކަށް ނޯޅެއެވެ. ގެންގުޅޭނީ ކޮންކަހަލަ ސިޔާސަތެއްކަންވެސް ނޯޅެއެވެ. އެހެންކަމާއެކު ދެވަނަ ބުރުގެ ވޯޓުލުމުގައި ވާތުފިޔައިގެ އެންމެން ބައިވެރިވެ މެކްރޯނަށް ވޯޓުދިނުމުގެ މުހިއްމުކަން ވަނީ ބޮޑުވެފައެވެ. ޚާއްސަގޮތެއްގައި ފުރަތަމަ ބުރުގައި ޖީން ލުކް މެލެންކޮންއަށް ވޯޓު ދިން މީހުންނެވެ. ފުރަތަމަ ބުރުގައި ބާވީސް އިންސައްތަޔާއެކު މެލެންކޮންއަށް ލިބިވަޑައިގަތީ ރޭހުގެ ތިންވަނައެވެ. މެލެންކޮންގެ ސަޕޯޓަރުންނަކީ ލިޕެންެއާއި އެކަމަނާގެ އެޖެންޑާއަށް ނަފްރަތު ކުރާ ބައެކެވެ. އެހެންވީމާ އެެެއެންމެން މެކްރޯނުގެ ފަހަތަށް އަރާނެ ކަމަށް ވަނީ ގަބޫލު ކުރެވިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ