ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަދި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ދެ ހަފުތާއަށް ސަސްޕެންޑްކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަލީ އާދަމް ޖަމިއްޔާއެއް އުފައްދައި، އެކަމުގައި ހަރަކާތްތެރިވުމުގެ އިތުރުން އެ ޖަމިއްޔާއިން ބޭއްވި ހަރަކާތެއްގައި އޭނާ ބައިވެރިވެފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނީ އެ ހަރަކާތަކީ ސިޔާސީ ހަރަކާތެއް ކަމަށް ބެލުމުގެ ފުރުސަތު އޮއްވައި އެ ހަރަކާތްތައް ޕްރޮމޯޓް ކުރަން އަލީ އާދަމް ފޭސްބުކްގައި އެކަން ހިއްސާ ކޮށްފައިވާ ކަމަށެވެ. އެކަންކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

މީގެ އިތުރުން ތަފްރީގު ކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށް ދިނުމުގައި ބަލަންޖެހޭ މިންވަރަށް އޭނާ ބަލާފައިނުވާ ކަމަށާއި ބަހައްޓަންޖެހޭ ފަރުވާތެރިކަން ބަހައްޓާފައި ނުވާކަން ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ އަލީ އާދަމްގެ އެ އަމަލުތަކަކީ ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް ކޮށްފައިވާ އަމަލުތަކަކަށްވާތީ، ޖޭއެސްސީގެ ގާނޫނުގެ ދަށުން މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ދެ ހަފުތާއަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އޭނާގެ ސަސްޕެންޝަނާ އެކު ހދ. ޖުޑީޝަލް ދާއިރާ ހިންގުން ހދ. ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު އިސްމާއިލާ ވަނީ ހަވާލުކޮށްފައެވެ.