ޚަބަރު

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް މަހުޖޫބު ޝުޖާއު އައްޔަންކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މަހުޖޫބް ޝުޖާއު މިއަދު އައްޔަންކޮށްފިއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ،

އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށާއި މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މަހުޖޫބު އައްޔަންކޮށްފައިވާ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއު ވިލަރެސްކުރައްވާ ރައީސް އޮފީހުގެ މަންދޫބުގެ ގޮތުގައި ހުންނެވި މަހުޖޫބު އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރެއްވުމާ ހަމައަށް ހުންނެވީ ޕްލޭނިން މިނިސްޓްރީގައި، ތިލަމާލެ ބްރިޖު މަޝްރޫއުގެ ޕްރޮޖެކްޓު ޑިރެކްޓަރުގެ ގޮތުގައެވެ.

މަހުޖޫބް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމާއި ބޯޑު މެމްބަރުކަންވެސް ކުރައްވައިފައެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުރި ގޯޑަން އެންޑްރޫ ސްޓުއަޓް، މިދިޔަ އަހަރުގެ ނޮވެމްބަރު 10 އިން ފެށިގެން މަގާމުން ވަކިކުރުމުންނެވެ.

އޭގެ ފަހުން އެމްއޭސީއެލް ހިންގެވުން ހަވާލުކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އޮފިސަރަކަށް އޭރު ހުންނެވި އަދި ފަހުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފައިވާ އިބްރާހިމް ތޯހާއާއެވެ.