އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަތް މަޝްރޫއެއް ހިންގަން ނިންމައި އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

އެގޮތުން މިއަދު ސޮއިކުރި އެއްބަސްވުންތަކަކީ އދ. ދިގުރަށް އަދި ގއ. ގެމަނަފުށީގައި ޔޫތު ސެންޓަރެއް ގާއިމުކުރުމުގެ އެއްބަސްވުމާއި ނ. މަނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ އެއްބަސްވުމާއި ނ. ލަންދޫ އަދި ތ. ދިޔަމިގިލީގައި ހުރި އާސާރީ ބައެއް ތަންތަން މާރާމާތުކޮށް، ރައްކާތެރިކުރުމަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގެ އިތުރުން ރާއްޖޭގެ ތިން ސަރަހައްދެއްގެ ހޮސްޕިޓަލްތަކުގައި ތިން މަޝްރޫއެއް ހިންގުމަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީދިނުމުގެ އެއްބަސްވުމުގައެވެ.

އެއްބަސްވުމުގައިވާ ގޮތުން ދިގުރަށާއި ގެމަނަފުށީގައި ޔޫތު ސެންޓަރު ގާއިމުކުރުމަށް އިންޑިއާ ސަރުކާރުން ދިހަ މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީ ދޭނެއެވެ. އަދި ޔޫތު ސެންޓަރުތަކުގައި އިންޑޯ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތަކުގެ އިތުރުން ޖިމް، އޮފީސް ސްޕޭސް އަދި ބައްދަލުވުންތައް ބާއްވާނެ މީޓިން ރޫމް ހުންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މި ދެ މަޝްރޫއު ކުރިއަށްގެންދާނީ ޔޫތު މިނިސްޓްރީން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މަނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމަށް އިންޑިއާ ސަރުކާރުން އަށް މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ. މިއީ ބައިނަލްއަގުވާމީ ސްޓޭންޑަޑަށް ފެތޭ ސްޕޯޓްސް ކޮމްޕްލެކްސްއެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން ލަންދޫ އަދި ދިޔަމިގިލީގައި ހުރި އާސާރީ ބައެއް ތަންތަން މާރާމާތުކޮށް، ރައްކާތެރިކުރުމަށް އިންޑިއާ ސަރުކާރުން 5.2 މިލިއަން ރުފިޔާ ދޭން ވަނީ އެއްބަސްވެފައެވެ.

މި މަޝްރޫއުގެ ދަށުން ލަންދޫ މާބުދުގެ އާއި ދިޔަމިގިލީ ދަރިކޮޅުގެ ރަސްމަތިފުށާ ގުޅޭ ގަނޑުވަރު މަރާމާތުކޮށް، ރައްކާތެރިކުރާނެއެވެ. އަދި ސައިޓް މިއުޒިއަމް ގާއިމުކޮށް، އެތަންތަނަށް ޒިޔާރަތްކުރާ މީހުންނަށް އެތަންތަން ފެންނާނެ ގޮތަށް ހަދައި، ގެލެރީތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިޒަމާނުގެ މިއުޒިމްތަކުގައި ގާއިމުކޮށްފައި ހުންނަ ޑިޖިޓަލް އެގްޒިބިޓްތައް އެތަންތަނުގައި ގާއިމުކޮށް، އެތަންތަނާ ބެހޭ މައުލޫމާތު އާއްމުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަޝްރޫއުތަކަކީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސްކީމްގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުތަކެކެވެ. މީގެ ކުރިން ވެސް އިންޑިއާ އިން މަޝްރޫއުތަކަށް އެހީ ފޯރުކޮށްދީފައިވާ އިރު، ގިނައިން ފާހަގަކޮށްލެވެނީ ރަށްރަށުގެ ތަރައްގީއަށް ދޭ އެހީއެވެ.