ޚަބަރު

އައްމަޓީއަކީ ކުށްވެރިއެއްގެ ގޮތުގައި ދައުލަތުން ވާހަކަދައްކާތީ އެކަން ހުއްޓުވުމަށް ސުޕްރީމް ކޯޓުގެ އަމުރަކަށް އެދިއްޖެ

ހިޔާނާތުގެ 42 ދައުވާއެއް ކޮށްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) އަކީ ކުށްވެރިއެއްގެ ގޮތުގައި ދައުލަތުން، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ ފަރާތުން ވާހަކަ ދައްކާތީ އެކަން ހުއްޓުވުމަށް ސުޕްރީމް ކޯޓުގެ އަމުރަކަށް އޭނާ އެދެފިއެވެ.

ހިޔާނާތުގެ ގިނަ މައްސަލަތަކެއް ހުށަހެޅިފައިވާތީ އެ މައްސަލަތައް ނިމެންދެން އޭނާ ބަންދުކުރުމަށް ހުށަހެޅުމުން، ކުރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ.

އެގޮތުން ތިންވަނަ ފަހަރަށް އައްމަޓީ ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. ކުރިމިނަލް ކޯޓުގެ އެ ހުކުމް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން އިސްތިއުނާފަށް ހައިކޯޓަށް ހުށަހެޅީ އެމަހުގެ 23 ވަނަ ދުވަހުއެވެ.

އޭނާ ދޫކޮށްލާ ކޮންމެ ފަހަރަކު ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅައެވެ. އެއިން ކޮންމެ ފަހަރަކު ކުރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް، އޭނާ ބަންދުކުރަން ހައިކޯޓުން އަމުރު ކުރިއެވެ. އެގޮތުން އެންމެ ފަހުން އޭނާ ބަންދުކުރަން ހައިކޯޓުން އަމުރު ކުރީ، 15 ނޮވެމްބަރު 2021 ގައެވެ. އެއީ އެފަހަރު ކަފާލާތުގެ ދަށުން ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުންނެވެ. އެފަހަރު އައްމަޓީ ދޫކޮށްލީ، އޭނާގެ އަންހެން ދައްތައާއި ކޮއްކޮ ޖާމިނުވާ ގޮތަށެވެ.

ނަމަވެސް އެންމެފަހުން އައްމަޓީ ދޫކޮށްލައިގެން ހައިކޯޓަށް ހުށަހެޅި މައްސަލަ، އިޖުރާއީ ގޮތުން ބެލެން ނެތްކަަމަށް ކަނޑައަޅައި އެކޯޓުން ވަނީ ބޭރުކޮށްލައިފައެވެ.

އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ ކޯޓުގައި މިއަދު ބޭއްވި އިސްތިއުނާފީ އަޑުއެހުމުގައި އައްމަޓީގެ ދިފާއީ ވަކީލު މަރިޔަމް ނިހާޔަތު ވިދާޅުވީ އައްމަޓީގެ މައްސަލައިގައި ކޯޓާއި ފަނޑިޔާރުންގެ ހައިބަތަށް އުނިކަން ލިބޭ ގޮތަށް ސޯޝަލް މީޑިއާ އާއި ޓުވީޓާ އާއި އަމިއްލަ ބްލޮގްތަކުގައި ލިޔަމުންދާ ކަމަށެވެ.

މިސާލެއްގެ ގޮތުން ނިހާޔަތު ދެއްކެވީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިދިޔަ އަހަރު ކުރެއްވި ޓުވީޓެކެވެ. އެއީ ވެސް އައްމަޓީ ބަންދުން ދޫކޮށްލުމާ ބެހޭގޮތުން ޝަމީމު ކުރެއްވި ޓުވީޓެކެވެ.

ނިހާޔަތު ވިދާޅުވީ ޝަމީމު ޓުވީޓު ކުރައްވާފައި ވަނީ، ކަފާލާތުގައި މީހުން ބަންދުން ދޫކުރުމާއި ޖާމިނުކޮށް މީހުން ދޫކުރުމުގެ އުސޫލުތައް ފަނޑިޔާރުންނަށް ނޭނގޭ ކަމަށް ދޭހަވާ އިބާރާތަކުން ކަމަށެވެ. އަދި އައްމަޓީގެ މައްސަލައިގައި ދައުލަތުގެ ވަކީލުން ދަށު ކޯޓުގެ ފަނޑިޔާރަށް ހައި ކޯޓުގައި ތުހުމަތުތައް އަމާޒުކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެގޮތަށް ވާހަކަދެއްކުމުން ވަކި މީހަކީ ކުށްވެރިއެއް ކަން އާންމުންނަށް ގަބޫލު ކުރެވި، މައްސަލަ ނިންމުމުގެ ކުރިން ފަނޑިޔާރުންނަށް ނުސީދާ ގޮތުން ނުފޫޒު ފޯރުވަން މަގުފަހިވާ ކަމަށް ވެސް ނިހާޔަތު ވިދާޅުވިއެވެ.

ނިހާޔަތުގެ ވާހަކަތަކާ ގުޅިގެން، ދައުލަތުން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ދައުލަތުން ކުރި ކަމެއް ނުދެއްކޭ ކަމަށެވެ. އެހެންކަމުން މި މަރުހަލާގައި އެފަދަ އަމުރެއް ނެރެން ނުޖެހޭ ކަމަށްވެސް ބުންނެވެ. އަދި ވަކި މީހަކު އަމިއްލަ ހައިސިއްޔަތުން އެފަދަ ގޮތަކަށް މީހަކު ވާހަކަ ދައްކައިފިނަމަ އަމުރަށް އެދެންޖެހޭނީ އެ މީހަކާ ދެކޮޅަށް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

މިއަދުގެ އަޑުއެހުން ނިިންމަވައިލައްވަމުން، ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު އިބްރާހިމް ދީދީ ވިދާޅުވީ، މި މައްސަލައިގައި އައްމަޓީގެ ފަރާތުން އެދިފައިވާ އަމުރާ މެދު ނިންމާ ގޮތެއް މިއަދު ދެފަރާތަށް އަންގަވާނެ ކަމަށެވެ.