ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓުތަކުގައި އުފެދޭ ދުވަހު ކުނި އުކާލުމަށް އަންނަ މަހުން ފެށިގެން 150 ރުފިޔާގެ ފީއެއް ނަގާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.
ވެމްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލެ ހިޔާ ފްލެޓުގައި ގިނަ އަދަދެއްގެ އާއިލާތަކުން މިހާރު އާބާދުވެފައިވުމާ ގުޅިގެން އެ ކޯޕަރޭޝަނުން ދުވަހު ކުނި އުކާލުމުގެ ހިދުމަތްތައް އެ ސަރަހައްދަށް މެދުނުކެނޑި ފޯރުކޮށްދެމުންދާ ކަމަށެވެ.
ނަމަވެސް އަންނަ މަހުގެ އެކަކުން ފެށިގެން ކުނި އުކާލުމުގެ ހިދުމަތަށް ބިލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
ކުނި އުކާލުމުގެ ހިދުމަތަށް ހިޔާ ފްލެޓުތަކުންވެސް ނަގާނީ މާލެއާއި ހުޅުމާލޭގެ ގޭބިސީތަކުން ކުނި އުކާލުމަށް ނަގާ 150 ރުފިޔާގެ ފީ އެވެ. އަދި ވެމްކޯގެ ބިލް އަދި އެކައުންޓުގެ ތަފުސީލު ރަޖިސްޓްރީ ކުރެވިފައިވާ ފްލެޓުގެ ވެރިފަރާތުގެ ފޯނަށް އެސްއެމްއެސްގެ ޒަރިއްޔާއިން ފޮނުވާނެއެވެ.
ވެމްކޯއިން ބުނީ، ދެވަނަ ފިޔަވަހީގެ ގޭބީސީތަކަށް ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ހިދުމަތަކީ ދުވަހު ކުންޏަށް ހާއްސަ ހިދުމަތެއްކަމުން، އެނޫން ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެ ކޯޕަރޭޝަންގެ 'ކޯލް އެންޑް ޕިކަޕް' ކެޕްސް ހިދުމަތަށް އެދެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު