ޚަބަރު

2023ގެ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބު ކޮށްލަން ކުރާ މަސައްކަތް ފެއިލްކޮށްލާނަން: ފައްޔާޒު

މުހައްމަދު އިޝާން

އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވާ ގޮތަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި އެމަސައްކަތް ބޮޑުތަނުން ފެއިލް ކޮށްލާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި "ހިންގާލަން" ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ މިއަދު އެމްޑީޕީގެ އާންމު މެމްބަރުންގެ އަތްމަތީގައި އޮތީ އެތައް ޒަމާނެއްވަންދެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި އެ ނަތީޖާއަކީ 2018 ވަނަ އަހަރު ވެރިކަމަށް އެމްޑީޕީގެ ސަރުކާރު އުން ކަމަށެވެ.

"2023 ގައިވެސް އެމްޑީޕީގެ ސަރުކާރެއް އޮންނަ އެބަޖެހޭ، އެކަން ކުރެވޭނީ އަޅުގަނޑުމެންގެ ޕާޓީ އާއި އަޅުގަނޑުމެންގެ މެމްބަރުން އެކުގައި މަސައްކަތް ކުރެވިގެން. ހަމައާއެކު އަޅުގަނޑުމެންގެ ޕާޓީ އާއި ސަރުކާރާއެކު މަސައްކަތް ކުރެވިގެން. އެކަންވާތަން މިއަދު ނުފެންނާތީ އައިސް އަޅުގަނޑުމެންގެ ފުރުސަތަކަށް އެދި ދޮރުގައި ޓަކިޖެހީ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ތެރެއިން ބައެއް ބޭފުޅުން މަސައްކަތް ކުރަމުންދަނީ 2023 ގެއްލުވާލައި 2028 ގައި އެމްޑީޕީގެ ވެރިކަމެއް އަލުން ގެނައުމަށް ކަމަށެވެ. ނަމަވެސް އެއީ ގޯސް ވިސްނުމެއް ކަމަށާއި ޒާތީ ކަމެއްގެ ތެރޭގައި ވެސް ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، 2023ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބު ވެއްޖެނަމަ ރާއްޖެ އަލުން އަނބުރާ ދާނީ ކުރިންއޮތް ގޯސް ހިސާބަށް ކަމަށެވެ.

"އަޅުގަނޑުމެން މި ދިވެހިރާއްޖެ ބަދަލު ކުރެވޭނީ ކުރިއަށް އޮތް މުސްތަގުބަލުގައި ވެސް އެމްޑީޕީ ވެރިކަމެއް މިގައުމުގައި އޮވެގެން. އެމްޑީޕީގެ ވެރިކަމެއް 2023 ގައި މިގައުމުގައި ނެތްކަމަށް ވަންޏާ އަނެއްކާ އަލުން އިއާދަވާނީ ކުރިން އޮތް ކޮންމެވެސް ގޯސް ހިސާބަކަށް، އެހެންވީމާ އެކަމަކަށް އަޅުގަނޑުމެން ފުރުސަތު ދޭކަށްނެތީން. އަޅުގަނޑުމެންނާ ދިމާލަށް ކޮންމެ އެއްޗެކޭ ކީކަމުގައިވިޔަސް އަޅުގަނޑުމެންގެ ބޮލުގައި ކޮންމެ އިލްޒާމެއް އެޅުވިކަމުގައި ވިޔަސް، އެ ފުރުސަތު އެއްވެސް ބަޔަކަށް ދޭކަށްނެތީން. 2023 ގައި އެމްޑީޕީ ސަރުކާރެއް މިގައުމުގައި ނޯންނާނެ ގޮތަކަށް ކުރާ މަސައްކަތް އަޅުގަނޑުމެން ބޮޑުތަނުން ފެއިލްކޮށްލާނަން،" ފައްޔާޒު ވިދާޅުވިއެވެ.

ޗެއާޕާސަންގެ އިންތިހާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް އަދި ބައެއް މިނިސްޓަރުންނަށް ނުފޫޒު ފޮރުވައި ބިރު ދައްކަމުންދާ ކަމަށް ޗެއާޕާސަންގެ މަގާމަށް އޭނާއާ ވާދަ ކުރައްވާ މާފަންނު އުތުރުދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ފަރާތުން ކުރައްވާ ތުހުމަތުކަމަށް ފައްޔާޒު ވަނީ ރައްދުދެއްވައިފައެވެ.

ފައްޔާޒު ވިދާޅުވީ އޭނާ އާއި އޭނާއާ އެކު ތިއްބެވި އެމްޑީޕީގެ އެހެން މެމްބަރުންނަށް ވައްކަމާއި ނުފޫޒާއި ބިރު ދެއްކުމުގެ ތުހުމަތު ކުރަނީ ދައުލަތުގެ މުހިންމު ޒިންމާތަކާ ހަވާލުވެތިއްބެވި ބޭފުޅުން ކަމަށާއި އެހެންކަމުން އެ ތުހުތަމުތައް ބަލަން ޖެހޭ ކަމަށެވެ.

"ވަރަށް ބަދުނާމުކޮށްފި އިނގޭތޯ، ވަރަށް ބަދުނާމު ކޮށްފި. ވަރަށް ފިތުނަކޮށްފި. އަަޅުގަނޑު ދުވަހަކު ހީނުކުރާހާ ދަށުދަރަޖަ އަށް ކަންތައްތައް ގެންގޮސްފި. އަޅުގަނޑު މިއަދު ގޮވައިލަން ދިވެހިރާއްޖޭގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް، އަމިއްލަފުޅަށް ނަމަވެސް އެބޭފުޅުން އެދައްކަވާ ވާހަކަތައް ބަލައި ރައްޔިތުންނާ ހިސާބަށް ކަން އޮތް ގޮތް ގެނެސް ދެއްވުމަށް،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އޭނާއާ ގުޅޭގޮތުން ދައްކާފައިހުރި ވާހަކަތަކެއް މީޑިއާތަކުން ފެނުނު ކަމަށާއި މިރޭގެ ޖަލްސާގައި އެއަށް ރައްދުދެއްވަން ނިންމައިގެން ހުންނެވި ނަމަވެސް ރައްދުދެއްވަން ބޭނުންނުވާ ކަމަށެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އެހެން ގައުމުތަކަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށާއި އެހެންކަމުން ނޫސްވެރިން ހަބަރު ގެނެސްދޭއިރު ތެދުވެރިކަމާއެކު ދެފުށް ފެންނަ ގޮތަށް ހަބަރުތައް ގެނެސްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އޭނާއަށް ކުރާ ތުހުމަތުތަކުގެ ހަގީގަތްތައް ނޫސްވެރިން އަމިއްލައަށް ވެސް ރައްޔިތުންނާ ހަމައަށް ގެނެސްދޭން ޖެހޭ ކަމަށެވެ.