ޖުމުލަ 26 ޓީމަކުން ވާދަކުރާ ލ. ގަމު ކައުންސިލުގެ ތުނޑީ ރަމަޟާން ކަޕުގެ ކުއާޓާ ފައިނަލަށް ގޯޅި އެސްސީއާއި ޑެޓްރޮއިޓްސް ޖޫނިއާ އަދި ސުބަރު އެސްސީ ދަތުރުކޮށްފިއެވެ.
ގަމު ތުނޑީ އަވަށު ޒުވާނުންގެ އިސްނެގުމަށް ތުނޑީ ފުޓްސަލް ދަނޑުގައި ރާވައި ހިންގަމުން އަންނަ ރަމަޟާން ކަޕަކީ މީގެ ކުރިންވެސް އެރަށުގައި ފޯރިއާއެކު ބާއްވާފައިވާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތް ކުރިއަށްދަނީ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހުއެވެ. މުބާރާތުގައި 26 ޓީމު ބައިވެރިވެފައިވުމުން މިއަހަރުގެ މުބާރާތް ކުޅެފައިވަނީ އަށް ގްރޫޕަކަށް ބަހާލައިގެންނެވެ.
ކޮންމެ ގްރޫޕަކުންވެސް ދެޓީމު ގަދަ 16ގެ ބުރަށް ގޮސްފައިވާ އިރު، ހުކުރު ދުވަހުގެ ރޭ ވަނީ މުބާރާތުގެ ގަދަ 16 ގެ މެޗުތައް ފަށައިފައެވެ. އެރޭގެ މެޗުތަކުން މޮޅުވެ ކުއާޓާގެ ޖާގަ މިހާރު ޔަގީންކޮށްފައިވާ އިތުރު ޓީމުތަކަކީ ބީން އެންކަރޭޖިން ސޮސައިޓީ ފޯ ތުނޑި (ބެސްޓް)، ކަންމަތި އަދި އޭގެ އިތުރުން އައުޓްރީފް އެސްސީއެވެ.
ރޭ ކުޅުނު ގަދަ 16ގެ ފުރަތަމަ މެޗުގައި ގޯޅި އެސްސީން ވަނީ 14-1 އިން ގޯޅި ޖޫނިއާ ބަލިކޮށްފައެވެ. ރޭގެ މެޗުގައި ގޯޅި އެސްސީގެ އަހުމަދު ހަލީމް (އައްމަޑޭ) ވަނީ ދިހަ ގޯލު ޖަހައިފައެވެ. އޭގެ އިތުރުން ހުސައިން ނާޝިދު (ނާއްޓޯ) ހެޓްރިކް ހަދާފައިވާ އިރު، އަނެއް ގޯލު ޖެހީ ރިހާމް އަބްދުލްޣަނީ (ބޮބީ) އެވެ. ގޯޅި ޖޫނިއާގެ ހަމައެކަނި ގޯލު ޖެހީ ސައިފް ޒުފުރަތު އިސްމާއީލެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އައްމަޑޭއެވެ.
ރޭ ކުޅުނު ގަދަ 16 ގެ ދެވަނަ މެޗުގައި ޑެޓްރޮއިޓްސް ޖޫނިއާއިން ވަނީ 6-1 އިން ވައްޓަފާޅި ބަލިކޮށްފައެވެ. ޑެޓްރޮއިޓްސްގެ ގޯލުތައް ޖެހީ އަބްދުﷲ ޖަޒްލާނާއި މުހައްމަދު އަފްސަރުގެ އިތުރުން ހަސަން ޒައިދާއި އިބްރާހީމް ހަނީފެވެ. އޭގެ ތެރެއިން ޖަޒްލާނާއި ޒައިދު ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. ވައްޓަފާޅީގެ ހަމައެކަނި ގޯލަކީ ޑެޓްރޮއިޓްސްގެ ޒައިދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އަފްސަރެވެ.
ސުބަރު އެސްސީން ކުއާޓާ ޔަގީންކުރީ ރޭ ކުޅުނު ގަދަ 16 ގެ މެޗުގައި 2-1 އިން އައުޓްރީފް އެފްސީ ބަލިކޮށްގެންނެވެ. ސުބަރުގެ ގޯލުތައް ޖެހީ މުހައްމަދު އިނާޝާއި އަލީ ތޯހިރެވެ. އައުޓްރީފް އެފްސީގެ ގޯލު މުހައްމަދު މާއިސް ޖެހި އިރު، މެޗުގެ މޮޅު ކުޅުންތެރިޔަކީ ސުބަރުގެ އިނާޝެވެ.
ގަމު ކައުންސިލް ތުނޑީ ރަމަޟާން ކަޕްގެ ގަދަ 16 ގެ ދެމެޗު މިރޭވެސް އޮންނާނެއެވެ. މިރޭ 9:30 ގައި އޮންނަ މެޗުގައި ސެންޓްރަލް އޭރިއާ ޓީމުން ނުކުންނާނީ ހޮރަނގަ އެފްސީއާ ދެކޮޅަށެވެ. އަދި 10:30 ގެ މެޗުގައި ހިތަދޫ އެފްސީ ނުކުންނާނީ މަތިމަރަދޫ ޔޫތާ ދެކޮޅަށެވެ.
ތުނޑީ ރަމަޟާން ކަޕްގެ މެއިން ސްޕޮންސަރަކީ ގަމު ކައުންސިލެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިންއެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް