ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ފަނޑިޔާރު އަލީ ސަމީރު އިސްތިއުފާ ހުށަހަޅުއްވާފައިވާކަން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ "ވަން" އަށް ކަށާވަރު ކޮށްދީފައެވެ.

ޖޭއެސްސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފަނޑިޔާރު އަލީ ސަމީރު އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށެވެ. ނަމަވެސް އަލީ ސަމީރު އިސްތިއުފާ ހުށަހެޅުއްވި ސަބަބެއް ވިދާޅެއް ނުވެއެވެ.

އަލީ ސަމީރު މިއަދު އިސްތިއުފާ ހުށަހެޅުއްވިރު، އޭނާ ހުންނެވީ އުމްރާއަށް ވަޑައިގެން ކަމަށް މައުލޫމާތު ލިބިފައެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އަލީ ސަމީރު އައްޔަންކޮށް، މަގާމުގެ ހުވާކުރެއްވީ 26 މާޗު 2011ގަ އެވެ. ހައި ކޯޓުގެ ފަރާތުން ޖޭއެސްސީއަށް އިންތިހާބު ކޮށްފައިވާ ފަނޑިޔާރަކީ ވެސް އަލީ ސަމީރެވެ.

ހައި ކޯޓަށް އައްޔަންކުރުމުގެ ކުރިން އޭނާ ވަނީ، ޖިނާއީ ކޯޓުގެ ސެކްރެޓެރީ ކަމާއި، މަދަނީ ކޯޓުގެ ސީނިއާ އެޑްމިން އޮފިސަރު ކަމުގެ މަގާމާއި މަދަނީ ކޯޓުގެ ގާޒީ ކަމުގެ މަގާމާއި މަދަނީ ކޯޓާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމުގެ މަގާމުވެސް އަދާ ކުރައްވައިފައެވެ.

އަލީ ސަމީރަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.