ޚަބަރު

ޣައްސާނާއި ސައީދު ފުލުހަށް ހާޒިރުކުރަނީ

ރިފާ ހަލީލު

އިދިކޮޅު ޕީޕީއެމް/ ޕީއެންސީން "ނޭވާ ހޮޅިއަށް" ނަމުގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް ޝަރުތުތަކަކާއެކު ދޫކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.

ޣައްސާނާއި ސައީދު މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް ދޫނިދޫއަށްވެސް ގެންދިޔައެވެ. އެ ދެ މެމްބަރުން ދޫކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި ބަންދުގެ މަޖިލީހުގައެވެ. އެގޮތުން އެ ދެ މެންބަރުން ދޫކޮށްލާފައިވަނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށާއި ފޯނު ނަންބަރާއި އުޅޭ އެޑްރެސް ބަދަލުވެއްޖެ ނަމަ އެކަން އެންގުމަށް އަދި ފުލުހުންނަށް ކިޔަމަންވުމަށް ޝަރުތުކޮށްފައެވެ.

ޕީޕީއެމުން މިއަދު ބުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭއްވި މުޒާހަރާއާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ޕީޕީއެމްގެ ނައިބު ރައިސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.

އެގޮތުން މިރޭ 9:30 އަށް ސައީދު ހާޒިރުވުމަށް އަންގާފައިވާ އިރު، ޣައްސާން ހާޒިރުވުމަށް އަންގާފައިވަނީ މިރޭ 10:30 އަށެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ ތެރެއިން މާލޭގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު މުޒާހަރާ ބޭއްވީ އެ ހަރަކާތް ނުބޭއްވުމަށް ފުލުހުން އަންގާފައިވަނިކޮށެވެ.

އެ މުޒާހަރާގެ ތެރެއިން ޖުމުލަ 17 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ސައީދާއި ޣައްސާންގެ އިތުރުން ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްވެސް ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ހައްޔަރު ކުރި އެންމެން މިހާރު ވަނީ ދޫކޮށްލައިފައެވެ.