ޚަބަރު

އިންތި، ފައްޔާޒަށް: މި އިންތިހާބަކީ ވަޒީރުންގެ މެދުގައި އޮންނަ ރީތީގެ މުބާރާތެއް ނޫން

އިބްރާހިމް ޒަކީ

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބަކީ ވަޒީރުންގެ މެދުގައި ބާއްވާ ރީތީގެ މުބާރާތެއް ނޫން ކަމަށް ވިދާޅުވެ، އެ އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އޭނާގެ ވާދަވެރިޔާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގެ ފޯރި ގަދަވެ، ދެ ފަރާތުގެ ދެމެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރަމުންދާ އިރު، މި އިންތިހާބުގައި އިންތި ވާދަކުރައްވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ. ފައްޔާޒު ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ.

އިންތިހާބުގެ ކެމްޕެއިނަށް ލ. ގަމަށް ކުރެއްވި ދަތުރުގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި އިންތި ވިދާޅުވީ، މިއީ ވަޒީރުކަމުގެ ބާކީ އޮތް ދޮޅު އަހަރަށް ހޮވާ ޗެއާޕާސަނެއް ނޫން ކަމަށާއި އަދި މިއީ ވަޒީރުންގެ މެދުގައި ބާއްވާ ރީތީގެ މުބާރާތެއް ނޫން ކަމަށެވެ. އިންތި އެ އިޝާރާން ކުރެއްވީ، ރައީސް ސޯލިހުގެ ވެރިކަމުގައި ބާކީ އޮތް ދޮޅު އަހަރެއްހާ ދުވަހަށެވެ.

"މީ ވަޒީރުންގެ މެދުގައި އޮންނަ ރީތީގެ މުބާރާތެއް ނޫން އެހެންނަމައީ ހުސް ވަޒީރުން މިކަމަށް ކުރިމަތިލައިގެން އުޅޭނީ،" އިންތި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި އިންތިހާބަކީ އެމްޑީޕީއަށް ބޭނުންވާ ޗެއާޕާސަނެއް ހޮވުމުގެ އިންތިހާބު ކަމަށާއި މި އިންތިހާބުގައި އެމްޑީޕީ މެންބަރުން ހޮވާނީ ކޮންމެ ގޮތެއް ހަދައިފަވެސް ޕާޓީގެ އުސޫލުތަކާއި އަސާސްތައް ދަމަހައްޓާނެ މީހަކު ކަމަށެވެ. އަދި ޕާޓީ ބައިބައިކޮށް ޕާޓީގެ އުސޫލުތަކާއި އަސާސްތައް މުގުރާ ހެދުމުގެ ފުރުސަތެއް މި އިންތިހާބުގައި އެމްޑީޕީ މެންބަރުން ނުދެއްވާނެ ކަމަށް

ވިދާޅުވިއެވެ.