ޚަބަރު

ޔާމީންގެ މަރު: ކުށް ސާބިތު ނުވި ދިފްރާންއާއި އިސްމާއީލް ރަޝީދުގެ މައްސަަލަ ހައިކޯޓަށް

އިބްރާހިމް ޒަކީ

ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވަައި ފެނުނު ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތު ނުވެ ދޫވި ދެމީހުން ކަމަށްވާ، ގދ. ގައްދޫ/ ސިންދުބާދުގެ, މުހައްމަދު ދިފްރާންއާއި ކ. މާލެ/ މ. ތާއިފް, އިސްމާއީލް ރަޝީދުގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު 23 އޭޕްރިލް 2017 ވަނަ ދުވަހުގެ ރޭ ދަންވަރު މަރާލީ، އޭނާ ދިރިއުޅުނު އިމާރާތް މ. ސްޕެޓީއުލާ ގޭ ސިޑި ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީގެންނެވެ. އެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް ދައުލަތުން އުފުލިއެވެ.

އޭގެ ތެރޭގައި ހިމެނެނީ ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ/ އަހުމަދު ޒިހާން އިސްމާއީލްގެ އިތުރުން ގދ. ގައްދޫ/ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ/ ހަސަން ޝިފާޒާއި މ. ތާއިފް/ އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ/ އީސްޓް، ހުސައިން ޒިޔާދެވެ.

މި މައްސަލައިގައި ދެމީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެއީ ހައިޝަމް އާއި ޒިހާންގެ މައްޗަށެވެ.

އޭގެ ތެރެއިން ހައިޝަމުގެ މައްޗަށް ކުށް ސާބިތުވީ، ޔާމީން މަރާލަން ދިން ހަމަލާ ރާވައި، ޓާސްކުތައް ހަވާލުކޮށް އަމަލީ ގޮތުން އެކަން ކުރި ފަރާތް ކަމަށް ސާބިތުވުމުންނެވެ. ޒިހާންގެ މައްޗަށް ކުށް ސާބިތުވީ، އެ ހަމަލާ ދިނުމުގައި އަމަލީ ގޮތުން އޭނާ ބައިވެރިވެފައިވާކަން ސާބިތުވެގެންނެވެ.

އެހެންކަމުން އެ ދެމީހުން އުމުރަށް ޖަލަށްލުމާ އެކު، ޔާމީން ރަޝީދުގެ މަރުގެ ދިޔައިގެ ގޮތުގައި، 1،333،333 (އެއް މިލިއަން ތިންސަތޭކަ ތިރީސް ތިން ހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ) ޔާމީން ރަޝީދުގެ އާއިލާއަށް ދިނުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.

ނަމަވެސް މުހައްމަދު ދިފްރާނާއި ހަސަން ޝިފާޒާއި އިސްމާއިލް ރަޝީދު އަދި ހުސައިން ޒިޔާދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެއީ ދައުލަތުން ހުށަހެޅި ހެކިތަކުން ގަސްތުގައި މީހަކު މަރާލިކަން އެމީހުންގެ މައްޗަށް ސާބިތުކުރުމަށް ބަލައި ރުކުންތައް ހަމަނުވާތީއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، ޔާމީން ރަޝީދު މަރާލި މައްސަލައިގައި ދިފްރާންއާއި އިސްމާއީލް ރަޝީދުގެ މައްޗަށް، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން ކްރިމިނަލް ކޯޓަށް ހުށަހެޅި, ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް އެކޯޓުން ނިންނި ނިންމުުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ، އެ މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ނިންމި ހަތަރު މީހުންގެ ތެެރޭގައި ހިމެނޭ ޒިޔާދާއި ޝިފާޒުގެ މައްސަލަ އިސްތިއުނާފު ނުކުރީ ކުށް ސާބިތުވާ ވަރަށް ހެކިބަސް ލިބިފައިނުވާތީ ކަމަށެވެ.