ހުޅުމާލެ ރެސްޓޯރެންޓެއްގައި ވަޅިން ހަމަލާދީ މީހަކު މަރާލި މައްސަލައިގައި ތުހުމަތުވާ ޕާކިސްތާނުގެ ކައްކާ ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ބުނީ ޕާކިސްތާނަށް ނިސްބަތްވާ މުހައްމަދު އާބިދު, 26 މިހާރު އަތުލައިގެންފައިވާ ކަމަށެވެ. އަދި އޭނާގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

ހުޅުމާލޭގައި ހުންނަ ހާނޖީ ރެސްޓޯރެންޓުގައި މިއަދު ހަވީރު ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވެފައިވަނީ އެ ރެސްޓޯރެންޓުގައި ވެއިޓަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ ބަންގަލަދޭޝްގެ ޝަމީމް ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާގެ ބޮލަށާއި ކަރަށް އަނިޔާވެފައިވާއިރު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ.

މީގެ އަށް މަސް ދުވަސް ކުރިން ހުޅުވި "ޚާންޖީ" ރެސްޓޯރަންޓާއި ޖެހިގެން ހުރި ރެސްޓޯރަންޓުގައި މަސައްކަތް ކުރަމުންދާ ބިދޭސީއަކު މިއަދު "ވަން" ބުނީ އޭނާ ހާންޖީ ރެސްޓޯރަންޓު ބަދިގެ ފަޅިން ވަނީ މީހެއްގެ ހަޅޭކުގެ އަޑަށް ކަމަށާއި އަދި އެއްބަޔަކު "ވަޅި ޖަހަނީ އޭ" ކިޔާފައި ހަޅޭލަވާ އަޑު އިވުމުން ކަމަށެވެ.

އޭނާ އެތަނަށް ވަތްއިރު އާބިދު އަތުގައި ވަޅި އެއް އޮތް ކަމަށާއި އެ ވަޅީގަޔާއި އޭނާ ލައިގެން ހުރި ހެދުމުގައި ލޭ ހުރި ކަމަށެވެ. އަދި ޒަހަމްތަކަކާއެކު ޝަމީމް ބަދިގެ ތެރެއަށް ވެއްޓިފައި އޮތްތަން ފެނުނު ކަމަށްވެސް ބުންޏެވެ.

އޭނާ ބުނީ އެއިރު ހާންޖީ ރެސްޓޯރަންޓުގައި ހުރި ޕާކިސްތާން މީހަކު ސީޕީއާރު ދެމުންދިޔަ ކަމަށާއި ނަމަވެސް އެވަގުތު އޭނާގެ އަނގައިން ފޮނު ނުކުމެ، އެއްކޮށް ހަރަކާތް ހުއްޓިފައިވާ ކަމަށެވެ.

ޝަމީމް ހޮސްޕިޓަލަށް ގެންދިޔައީ އެވަގުތު އެތަނަށް އައި ދިވެއްސަކު އެމްބިއުލާންސަށް ގުޅައިގެންނެވެ.