ވާދަވެރި މެންޗެސްޓާ ސިޓީ ބަލިކުރުމަށްފަހު, ލިވަޕޫލުން އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ލިވަޕޫލުން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުގައި 3-2ގެ ނަތީޖާއަކުން ސިޓީ ބަލިކޮށްގެންނެވެ. މިއީ ޔާގަން ކްލޮޕް ލިވަޕޫލާ ހަވާލުވި ފަހުން އެފްއޭ ކަޕްގެ ފައިނަލަކަށް އެޓީމު ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މީގެ ހަ ދުވަސް ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ލީގުގެ އެއްވަނައިގައި އޮތް ސިޓީ އާއި ދެވަނައިގައި އޮތް ލިވަޕޫލް ވާދަކުރިއެވެ. އެ މެޗުން މޮޅުވެގެން ލިވަޕޫލަށް ލީގުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އޮތް ނަމަވެސް, އެ މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު ދެވަނަ ލެގު މެޗަށްފަހު, ޓީމުގައި އަނިޔާގެ މައްސަލަތައް ގިނަކަން ސިޓީގެ ކޯޗު ގާޑިއޯލާ ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މިރޭ ކުޅުނު އެފްއޭ ކަޕްގެ ސެމީގެ މެޗަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ސިޓީގެ އެއް ނަންބަރު ގޯލްކީޕަރު އެޑަސަން އާއި ރޮޑްރީ އަދި ބެލްޖިއަމް ތަރި ކެވިން ޑި ބްރޭނާ ވެސް ފެނުނީ ބެންޗުންނެވެ. އަދި އެޓީމުގެ އިނގިރޭސި ފުލްބެކް ކައިލް ވޯކާ ވެސް, އަނިޔާގެ ސަބަބުން ފެނިފައެއް ނުވެއެވެ. މިސީޒަނުގައި އެސްޓަން ވިލާއިން 100 މިލިއަން ޕައުންޑަށް ސިޓީއަށް ގެންދިޔަ އިނގިރޭސި ވިންގާ ޖެކް ގްރީލިޝްއަށް ވަނީ ފުރަތަމަ އެގާރައިން ޖާގަ ދީފައެވެ.

މެޗު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ލިވަޕޫލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ ނުވަވަނަ މިނެޓުގައި އެންޑްރޫ ރޮބާޓްސަން ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ޑިފެންޑަރު އިބްރާހިމާ ކޮނާޓޭއެވެ. އެއާއެކު ކޮނާޓޭ މިވަނީ ލިވަޕޫލަށް އެންމެ ފަހުން އޭނާ ކުޅުނު ތިން މެޗުގައި ވެސް ލަނޑު ޖަހައިފައެވެ. އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިމަހު ބެންފީކާއާ ދެކޮޅަށް ކުޅުނު ދެ ލެގުގައި ވެސް ލަނޑު ޖަހައިފައެވެ.

ސިޓީ ކޮޅަށް ކޮނާޓޭ ލަނޑު ޖެހިތާ އަށް މިނެޓު ފަހުން ލިވަޕޫލުން ވަނީ އިތުރު ލަނޑެއް ޖަހައި, ލީޑު ފުޅާކޮށްފައެވެ. މިއަދުގެ މެޗުގައި ސިޓީގެ ގޯލު ބަލަހައްޓަމުންދިޔަ އެމެރިކާގެ ގޯލްކީޕަރު ޒެކް ސްޓެފަންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި, ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސެނަގާލް ތަރި ސާޑިއޯ މާނޭއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. ހާފުގެ އެންމެ ފަހު މިނެޓުގައި ތިއާގޯ އަލްކެންޓަރާ ދިން ރީތި ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން މާނޭއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސިޓީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ, ބޯޅަ ކޮންޓްރޯލު ނުކޮށް ވަރަށް ރީތިކޮށް ގޯލުގެ ތެރެއިން ފޮނުވާލައިގެންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓުތެރޭ ސިޓީން ވަނީ ލަނޑެއް ޖަހައި, އުންމީދު އާކޮށްފައެވެ. ލިވަޕޫލުގެ ފަބީނިއޯ ކައިރިން ނައްޓާލުމަށްފަހު ގެބްރިއަލް ޖެސޫސް ދިން ބޯޅައަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖެކް ގްރީލިޝްއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ, ގްރީލިޝް ވަނީ ލިވަޕޫލު ގޯލުގެ މަތީ ކަނަކަށް އަމާޒުކޮށްލައިފައެވެ.

މެޗުގެ 70 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖެހުމަށް ސިޓީއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ބެނާޑޯ ސިލްވާ ދިން ރީތި ބޯޅައަކުން ގެބްރިއަލް ޖެސޫސް ނުރައްކާކުރުމުގެ ކުރިން ލިވަޕޫލުގެ ބްރެޒިލް ކީޕަރު އެލިސަން ވަނީ ކުރިއަށް ނުކުމެ, ހުޝިޔާރުކަމާއެކު އެ ބޯޅަ ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ސިޓީން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ކައުންޓާ އެޓޭކެއްގައި ލިބުނު ބޯޅައަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު ބެނާޑޯ ސިލްވާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސިޓީގެ ރިޔާދް މަހްރޭޒް ފޮނުވާލި ހަމަލާއެއް ލިވަޕޫލުގެ ކީޕަރު އެލިސަން މަތަކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ރީބައުންސް ބޯޅައިންނެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ކުޅުން ނިމުމުގެ ކުރިން ސިޓީއަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޒިންޗެންކޯ އެއްލި ބޯޅައަކުން ފެނާންޑީނިއޯ ފޮނުވާލި ހަމަލާ, ލިވަޕޫލުގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ދިފާއުކުރި އިރު, ރަހީމް ސްޓާލިންއަށް ލިބުނު ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ލިވަޕޫލުގެ ކީޕަރު އެލިސަންއެވެ.

އެފްއޭ ކަޕުގެ ފައިނަލުގައި ލިވަޕޫލް ނުކުންނަން ޖެހޭނީ ސެމީގެ ދެވަނަ މެޗުގައި ޗެލްސީ އާއި ކްރިސްޓަލް ޕެލަސް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވާ ރާއްޖޭ ގަޑިން މާދަމާ ރޭ 8:30 ގައެވެ.