މާލޭގައި ބިދޭސީންގެ މެދުގައި ހިނގި މާރާމާރީއެއްގައި އެކަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މިރޭ ބުނީ، އެ މާރާމާރީ ހިނގާފައިވަނީ މިރޭ، 8:20 އެހާކަންހާއިރު ހެންވޭރު ސޯސަން މަގުގައި ކަމަށެވެ.

އެ މާރާމާރީގައި ބިދޭސީއަކަށް އަނިޔާވެފައިވާއިރު، އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން މިހާރު އަންނަނީ އެ މަރާމާރީ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މާލޭގައި ބިދޭސީންގެ މެދުގައި މިރޭ މާރާމާރީއެއް ހިނގިއިރު، ހުޅުމާލޭގައި މިއަދު ހަވީރު ވަނީ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލައިފައެވެ. ރެސްޓޯރެންޓެއްގެ ވެއިޓަރަކަށް މަސައްކަތް ކުރާ ބަންގްލަދޭޝް މީހާ މަރާލިކަމުގެ ތުހުމަތުވަނީ އެ ރެސްޓޯރެންޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރާ ޕާކިސްތާނުގެ މީހަކަށެވެ. ފުލުހުން މިހާރު ވަނީ އޭނާ ހޯދަން ފޮޓޯވެސް އާންމުކޮށްފައެވެ.