ޚަބަރު

މާލެ އަތޮޅު މާބޮޑަށްވެސް ހިންގާލަންޖެހޭ: ފައްޔާޒު

އިބްރާހިމް ޒަކީ

މާލެ އަތޮޅު މާ ބޮޑަށްވެސް އެމްޑީޕީން ހިންގާލަންޖެހޭ ކަމަށް، އެ ޕާޓީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގައި ވާދަ ކުރައްވާ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒުގެ ކެންޕެއިން ސްލޯގަން އަކީ" އެމްޑީޕީ ހިންގާލަން،" އެވެ.

ކެމްޕެއިން ދަތުރު ތަކުގައި ފައްޔާޒުގެ ޓީމުން އެކި އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން އިއްޔެ ވަނީ މާލެ އަޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތް ކުރައްވައިފައެވެ. އޭގެ ތެރޭގައި މާފުށްޓާއި ގުޅި އަދި ގުރައިދޫ ހިމެނެއެވެ.

ޗެއާޕާސަންކަމުގެ އިންތިހާބުގައި ކެމްޕެއިނަށް ފައްޔާޒު އެކި އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން މާލެ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅަށްފަހު ޕާޓީގެ މެންބަރުންގެ ފަރާތުން ލިބުނު މައުލޫމާތަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ފައްޔާޒު ވިދާޅުވީ، މާލެ އަތޮޅުގައި އެމްޑީޕީގެ ހަރަކާތްތައް އިތުރަށް ހިންގައި ވަރުގަދަ ކުރަން ޖެހޭކަން އެއަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުތަކުން ހާމަވެފައިވާ ކަމަށެވެ.

"މި އަތޮޅަކީ އިގުތިސާދީ ގޮތުން ވަރުގަދަ އަތޮޅެއް. މާލެ އަތޮޅު މާ ބޮޑަށްވެސް އަޅުގަނޑުމެން ހިންގާލަން ޖެހޭ،" ފައްޔާޒް ވިދާޅުވިއެވެ.

އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޗެއާޕާސަންގެ އިންތިހާބުގައި، ފައްޔާޒު ވާދަ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަަނުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އެ އިންތިހާބުގައި ވާދަ ކުރައްވަނީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.