ވިލިމާލެ ހުޅަނދު ދެކުނު ފަރާތު އެއްގަމާއި އަދި ފަޅުތެރޭ އަޅާފައި ހުރި އުޅަނދު ފަހަރު އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.
ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ތިލަމާލެ ބުރިޖު މަސައްކަތަށް ވިލިމާލޭގެ ފަޅުތެރެއާއި އެއްގަމުން ހާއްސަކޮށްފައިވާ ސަރަހައްދު ވަކިކުރުމަށް ފެންސް ޖެހުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެހެންކަމުން އެ ސަރަހައްދަށް އަރާ ގޮތަށް އެ ސަރަހައްދުގެ އެއްގަމާއި ފަޅުތެރޭގައި އަޅާފައި ހުރި އުޅަނދުތައް ނަގައި އެ ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދަށް މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ބަދަލުކުރުމަށް ވަނީ އަންގައިފައެވެ.
އިއުލާނުގައި ބުނީ، އެ މުއްދަތުގެ ތެރޭގައި ތިލަމާލެ ބުރިޖުގެ މަސައްކަތްތަކަށް ދަތިވާ ގޮތަށް އެސަހައްދުން ނުނަގާ ހުރި ހުރިހާ އުޅަނދެއް އެ ކައުންސިލުން ނަގާ އުޅަނދުފަހަރު ބެހެއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދަށް ބަދަލުކުރާނެ ކަމަށެވެ.
އަދި އުޅަނދުފަހަރު ނެގުމުގެ ތެރޭގައާއި ނެގުމަށް ފަހު އުޅަނދާއި އުޅަނދުގައިވާ ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް އެ ކައުންސިލުން ޒިންމާ ނުވާނެކަން ކަމަށްވެސް ބުންޏެވެ.