މިދިޔަ އަންގާރަ ދުވަހު އުރީދޫގެ ފޯރިގަދަ މަސް ރޭހަށް ފުރި ފަސް ޓީމުގެ ތެރެއިން, ''ޗޮކުން'' ދާނެ ކަމަށް އެންމެންނަށްވެސް ބެލެވުނީ ސްޓެލްކޯގެ ކަނބަލުންގެ ޓީމެވެ. އެހެން ހީކުރެވުނީ ސަބަބެއްވެސް ނެތިއެއް ނޫނެވެ. އެ ދުވަހު މަހަށްފުރި ޓީމުތަކުގެ ތެރޭގައި މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދި ސްޓެލްކޯގެ ފިރިހެން މުވައްޒަފުންގެ ޓީމާ އެކު ގިނައީ ހަށިގަނޑު ވަރުގަދަ ފިރިހެނުން ގިނަ ޓީމުތަކެވެ. އޭގެ ތެރޭގައި ބީއެމްއެލް, ރޭންޖާސް, ރަތްމަސް އަދި ނާލު ބައްތެލި ޓީމު ހިމެނެއެވެ.
އެއާ ހިލާފަށް ސްޓެލްކޯ ކަނބަލުންގެ ޓީމުގައި ކޯޗާއި މެނޭޖަރު ފިޔަވައި ދެން ތިބީ ހުސް އަންހެނުންނެވެ. ބާރަ އަންހެނުން ހިމެނޭ އެ ޓީމުގައި ގިނައީ ބުޅީގައި ކަންވާރު އައްސާލަން ނޭނގޭ, ބުޅީގައި އެންކޮޅު ލާން ނޭނގޭ މީހުންނެވެ. ދުވަހަކު ފެނުން މައްޗަށް މަހެއް ހިއްލާލާފައި ނުވާ މީހުންވެސް ތިއްބެވެ.
"އަންހެން ޓީމެއް ވީމަ އެހާ ބޮޑަކަށް ހިއެއް ނުވޭ ހޯޕެއް އޮތް ކަމަކަށް. މީހުން ބުނި އަންޑާ އެސްޓިމޭޓް ކުރެވުނޭ, އެންމެ ހީނުކުރި ޓީމޭތީ," ކާމިޔާބީއަށް ހަމްދުކޮށް ޓީމުގައި ހިމެނޭ އެސިސްޓަންޓް އޮފިސަރު, ފާތިމަތު ރިޒްނާ ވިދާޅުވިއެވެ.
އެ ވާހަކަތަކަށް ސްޓެލްކޯ ކަނބަލުން މާޔޫސެއް ނުކުރެވުނެވެ. މީގެ ކުރިން އުރީދޫ މަސް ރޭހުގެ ތިން ވަނަވެސް ހޯދާފައިވާތީ, އެދުވަހު މެންދުރު މަހަށް ފުރީ ތަފާތު ދެއްކުމުގެ އަޒުމުގައެވެ. ސީދާ އެއްވަނަ އަށެވެ. އެ ކަނބަލުންނަށް މުޅި ދަތުރުގެ ހުރިހާ ވަގުތެއްގައިވެސް ހިތްވަރަކަށްވީ ދަތުރުގެ މެނޭޖަރު, ސްޓެލްކޯގެ އެސިސްޓަންޓް މެނޭޖަރު މުހައްމަދު ވަހީދާއި ކޯޗެއްގެ ގޮތުގައި ބައިވެރިވި, ސީނިއާ ޓެކްނީޝަން އަބްދުލް އަޒީޒު (އަޒީބެ) އެވެ.
ދަތުރަށް ފުރައިގެން ތަނެއްގައި މަޑުކުރަންދެން އަޒީބެ އާއި މެނޭޖަރު ދިޔައީ ފިލާވަޅު ނަގައިދެމުންނެވެ. ބުޅި އަޅުވާނެ ގޮތާއި, އެންކޮޅު އެޅުވުން މޮޅު ގޮތްތަކާއި ނަނު ދޫކުރާނެ ވަރަށް ދަންދެންވެސް ކިޔައިދީ, ފަރިތަކުރުވިއެވެ. ނަތީޖާއެއްގެ ގޮތުން މިއަދު ސްޓެލްކޯ ކަނބަލުންގެ ޓީމުގައި ކެޔޮޅަކަށް ދޫކުރާނެ މީހަކު ނެތެވެ. މާލެ ލެފީ, އެންމެން މަސް ބާނައިގެން, ވަށިގަނޑުތައް ފުރާލައިގެންނެވެ.
މަސް ކިރައި ނިމި ނަތީޖާތަކަށް ބެލި އިރު, ދެވަނަ ދުވަހުގެ ޗެމްޕިއަންކަން ހޯދީ ސްޓެލްކޯ ކަނބަލުންނެވެ. މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދުމުގެ އިތުރުން އެ ޓީމުން މަސް ރޭހުގެ ތާރީހުވެސް ބަދަލުކޮށްލިއެވެ. އެ މުބާރާތުގެ 11 ސީޒަން މިހާތަނަށް ބާއްވާފައިވާ އިރު, އެ ޓީމުން ވަނީ މިއިން ދުވަހަކު ޓީމަކުން ނުހޯދާ ވަރަށް ޕޮއިންޓު ހޯދައިފައެވެ. ޖުމުލަ 108 މަސް ބާނައި 837.90 ޕޮއިންޓު ހޯދިއެވެ.
މި ނަތީޖާއާއެކު ސްޓެލްކޯ ކަނބަލުންގެ ރޫހު ވަނީ އިތުރުވެފައެވެ. ޓީމު އޮތީ ފައިނަލުގައި ވާދަކޮށް, ޖެހުނު ޓީމެއް ބަލިކޮށް ޗެމްޕިއަންކަން ހޯދުމުގެ އަޒުމުގައެވެ. ސްޓެލްކޯ އިން ހޯދަމުން އަންނަ މޮޅު ދިފާއުކުރުމަށް މިފަހަރު ނުކުމެ ތިބީ އެމީހުންނެވެ. މިއާއެކު އެހެން ކުންފުނިތަކުގެ އަންހެނުންނަށް ސްޓެލްކޯ ކަނބަލުން ދޭން ބޭނުންވާ މެސެޖެއް އެބަ އޮތެވެ. މަސް ލާރިއަށް ހަދަނީ އަންހެން ވެރިން ކަމެވެ. ކެރިގެން ނުކުތުމަށެވެ.
"އަންހެނުންނަށްވެސް ވާނޭ. މިއީ ފިރިހެނުންނަށް އިންނާނެ ކަމެއް ނޫނޭ. ބޭނުމަކީ ކުރިއަށް އޮތްތަނުގައި ގިނަ އަންހެން ޓީމުތަކެއް ވާދަކުރަން ނުކުންނަން," "ވަން"އަށް އިންޓަވިއު ދިން ސްޓެލްކޯ ކަނބަލުންގެ ޓީމުން ބުންޏެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ މިއަހަރުގެ މަސް ރޭހުގައި 23 ޓީމެއް ބައިވެރިވެއެވެ. މުބާރާތުގެ އެއްވަނައަށްދާ ޓީމަކަށް އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ބައި ލައްކަ ރުފިޔާއެވެ.
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް