"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މިދިިޔަ އަހަރުގެ ޖެނުއަރީ މަހު އެމްޓީސީސީއާ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު އެ މަސައްކަތް ނިންމާ ގޮތަށެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރަން ނިންމެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގައި ހިމެނޭ ހުރިހާ ރަށެއް ފެރީ ވިއުގައަކުން ގުޅައިލުމަށް ވަނީ ނިންމައިފައެވެ. އެ ފިޔަވަހީގެ ދަށުން ފެރީގެ ހިދުމަތް ފެށުމަށް ބޭނުންވާ ބައެއް ފެރީތައް ބަނދެ ނިންމައި، ދަތުރުތައް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ފެރީތައް ބަނުމުގެ މަސައްކަތް ކުރަމުން އަންނަނީ ގަލްފް ކްރާފްޓުންނެވެ.
ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ޕާމަނެންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.
އެމްޓީސީސީން ބުނީ، ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޒޯން 2 (ނ، ރ، ބ އަދި ޅ) އާއި ޒޯން 3 (ކ، އއ، އދ އަދި ވ) އާއި ޒޯން 4 ( މ، ފ، ދ، ތ އަދި ލ) އާއި ޒޯން 5 (ގއ އަދި ގދ) ޒޯން 6 (ސ އަދި ޏ) ގައި ހިމެނޭ ރަށްތަކަށް ސްޕީޑް ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.
އެގޮތުން ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ޒޯންތަކަށް ހިދުމަތްދިނުމަށް ޖުމުލަ 65 ލޯންޗް އުފައްދައި ތައްޔާރުކުރާނެ ކަމަށާއި އެއާކޯން ކުރެވިފައިވާ އެ ލޯންޗުތައް ހުންނާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރައި ފޭބޭގޮތަށް އަދި ބަލިމީހުން އުފުލުމަށް ވެސް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައި ކަމަށް އެމްޓީސީސީން ބުންޏެވެ. މީގެ އިތުރުން ލޯންޗުގައި ފާހާނާއާއި ލަގެޖު ބެހެއްޓޭ ޖާގަ ހާއްސަކުރެވިފައި ހުންނާނެ ކަމަށް ވެސް ބުންޏެވެ.
އެމްޓީސީސީން ބުނީ ފެރީގެ ހިދުމަތްތައް ހަފުތާއަކު ހަތް ދުވަހު ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޖުމުލަ 149 ޓާމިނަލް އެޅިގެންދާނެ ކަމަށާއި އެގޮތުން ޒޯން ޓާމިނަލުގެ ގޮތުގައި ފަސް ޓާމިނަލާއި، 31 ފެރީ ޓާމިނަލުގެ އިތުރުން 113 ފެރީ ސްޓޮޕް ހެދިގެންދާނެ ކަމަށެވެ. އެއިން ކޮންމެ ތަނަކީވެސް ހިދުމަތް ހޯދާ ކަސްޓަމަރުންގެ ފަސޭހައަށްޓަކައި ހެދިގެންދާނެ ތަންތަން ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
އެ މަޝްރޫއުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހި ނިމުމާއެކު މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅައިލުމުގެ މަސައްކަތް ފުރިހަމަވެގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަގުސަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު