މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 498،235 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށާއި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ކޮންމެ ހަފުތާއެކު ނެރޭ "ވީކްލީ އަޕްޑޭޓްސް އޮން މޯލްޑިވްސް ޓޫރިޒަމް ރިޕޯޓު"ގެ ތެރެއިން ރޭ ނުރުނު ރިޕޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ރާއްޖެ އައިސްފައިވަނީ 1.7 މިލިއަން ފަތުރުވެރިންނެވެ. ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކުރި 2020 ވަނަ އަހަރު އަދަދުތައް ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. އެ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 555،495 ފަތުރުވެރިންނެވެ. އަދި އިއްޔެގެ ނިޔަލަށް މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 498،235 ފަތުރުވެރިން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 131،764 ފަތުރުވެރިންނެވެ. ފެބްރުއަރީ މަހު 149،011 ފަތުރުވެރިން ޒިޔާރަތް ކުރި އިރު، މިދިޔަ މަހު ޒިޔާރަތްކޮށްފައިވަނީ 150،739 ފަތުރުވެރިންނެވެ. އަދި މިމަހުގެ މިހާތަނަށް ޒިޔާރަތްކޮށްފައިވަނީ 66،724 ފަތުރުވެރިން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި 65،683 ފަތުރުވެރިންނާއެކު އޮތީ އިނގިރޭސިވިލާތެވެ. އިންޑިއާ އިން 54,532 ފަތުރުވެރިންނާއެކު ލިސްޓުގެ ދެވަނައަށް ޖެހިލި އިރު، ގިނަ ދުވަސްތަކެއް ވަންދެން ލިސްޓުގެ ކުރީގައި އޮތް ރަޝިއާ ވަނީ ތިންވަނައަށް ވެއްޓިފައެވެ. ރަޝިއާ އިން މިހާތަނަށް ރާއްޖެ އައިސްފައިވަނީ 53,716 ފަތުރުވެރިންނެވެ. ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އެ ދެ ގައުމުގެ މާކެޓަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
- އިނގިރޭސިވިލާތް: 65،683
- އިންޑިއާ: 54,532
- ރަޝިއާ: 53,716
- ޖަރުމަން: 43,875
- އިޓަލީ: 34,220
- އެމެރިކާ: 22,658
- ފްރާންސް: 22,476
- ސުވިޒަލޭންޑް: 11,884
- އޮސްޓްރިއާ: 10,648
- ސައުދި އަރަބިއާ: 10,199
މިއަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރިސޯޓުތަކަށެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ގެސްޓު ހައުސްތަކަށާއި ސަފާރީތަކަށެވެ.
ރިޕޯޓުގައިވާ ގޮތުން 2019 ވަނަ އަހަރު ފަތުރުވެރިން ރާއްޖޭގައި މަޑުކޮށްފައިވަނީ ތިން ދުވަހާއި ހަ ދުވަހުއެވެ. 2020 ވަނަ އަހަރު ދެ ދުވަހާއި ހަތް ދުވަހަށެވެ. 2021 ވަނަ އަހަރު ހަތް ދުވަހާއި ހަތް ދުވަހަށެވެ. އަދި މިއަހަރު ފަތުރުވެރިން ރާއްޖޭގައި އެޗްރެޖް ގޮތެއްގައި ހޭދަކުރަމުންދަނީ ފަސް ދުވަހާއި އަށް ދުވަހެވެ.
މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން އަހަރަށްވާ އިރު، ޓޫރިޒަމްގެ ރަން އަހަރު ފާހަގަކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިން ގެނައި ޖޯޖް ކޯބިން ވެސް ވަނީ ރާއްޖެ އައިސްފައެވެ. ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފަތުރުވެރިކަމުގެ ރަން އަހަރާ ގުޅުވައިގެން ޓޫރިޒަމް އަޕްބީޓް ޓޯކް ޝޯ ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށްގެންދާ ޝޯއެއް ފަށާފައިވާ އިރު، ރަން އަހަރާ ގުޅިގެން ހާއްސަ ސްޓޭމްޕެއް ވެސް ވަނީ ތައާރަފުކޮށްފައެވެ.
މީގެ އިތުރުން ޖަޕާން، ސިންގަޕޫރު، މެލޭޝިއާ އަދި ތައިލެންޑުގެ އިންވެސްޓަރުންނަށް އަމާޒުކޮށްގެން ރާއްޖޭގެ ފަތުރުވެރިކަމަށް ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭ ވެބިނާއެއް ބާއްވާފައިވާ އިރު، އެމްއެމްޕީއާރުސީން ވަނީ އިންޑިއާގެ ފަތުރުވެރިންގެ މާކެޓަށް އަމާޒުކޮށް ޑެސްޓިނޭޝަން އޮންލައިން ޓްރެއިނިންގް ޕްރޮގްރާމެއްވެސް ފަށައިފައެވެ.
ޓޫރިޒަމް މިނިސްޓަރީން އަމާޒު ހިފާފައިވަނީ މިއަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު