ތިލަފުށި ފޭސް ދޭއް ހިއްކައި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފިއެވެ.
އެޗްޑީސީން ރޭ ބުނީ، ތިލަފުށި ފޭސް ދޭއް ހިއްކައިދިނުމާއި ގޮނޑުދޮށް ހިމާޔަތްކޮށް ދިނުމުގެ މަސައްކަތަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރުފަހު 3:30 ގެ ކުރިން އެކަމުގެ ލިޔުން ނުވަތަ އެކްސްޕްރެޝަން އޮފް އިންޓްރެސް (އީއޯއައި) އެ ކުންފުންޏަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
އީއޯއައި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތިލަފުށި ހިއްކުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ދިނުމުގައި ބަލާނީ އެ މަސައްކަތަށް ފަންޑުކުރުމަށް ހަމަޖެހިފައިވާ ގޮތާއި ޓެކްނިކަލް ކެޕޭބިލިޓީ އަދި މަސައްކަތް ނިންމަން ހަވާލުކުރާ މުއްދަތުގައި ނިންމޭނެ ކުންފުނިތަކަކީ ކޮބައިކަން ބަލައިގެން ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ، ތިލަފުށީގެ ފޭސް ދޭއް ހިއްކުމުގެ މަސައްކަތަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭނީ އަދި އެ މަސައްކަތް ކުރަންވާނީ ފެޑެރޭޝަން އިންޓަނޭޝަނަލް ޑެސް އިންގީނިއަރަސް-ކޮންސީލްސް (އެފްއައިޑީއައިސީ) ބަޔާންކޮށްފައިވާ މިންގަނޑުތަކުން ކަމަށެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހައިލް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ތިލަފުށީ ފަޅުން މިހާރު ހިއްކާފައިވާ 110 ހެކްޓަރުގެ އިތުރުން 130 ހެކްޓަރުގެ ބިން އަލަށް ހިއްކުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު