ކުރީގެ އެޓާނީ ޖެނެރަލް އަދި ރައީސް އޮފީހުގެ މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ކުރާ، މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތަށް އާޒިމާގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމައިފިއެވެ.

އާޒިމާގެ މައްޗަށް ކުރާ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އާޒިމާގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އެ މައްސަލައިގައި އިއްޔެ ހައި ކޯޓުގައި ބޭއްވި ޝަރީއަތުގައި ދައުލަތުން ވިދާޅުވެފައިވަނީ މި މައްސަލަ ހުށަހެޅި ދައުވާ ކުރުމުގެ މަރުހަލާ ކުރިއަށްދިޔަ އިރު، އާޒިމާގެ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނިހާޔަތަކީ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ ހައިސިއްޔަތުން އެ މައްސަލައިގައި މަސައްކަތް ކުރައްވާފައިވާ ފަރާތެއް ކަމަށެވެ. އެހެންކަމުން ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން އޭނާއަށް އާޒިމާގެ ދިފާއީ ވަކީލުކަން މި މައްސަލައިގައި ނުކުރެވޭނެ ކަމަށެވެ.

އެ ޝަރީއަތުގައި ނިހާޔަތު ވިދާޅުވެފައިވަނީ ޕީޖީގައި އެ މައްސަލަ އޮތް އިރު، މައްސަލައާ ބެހޭ އެއްވެސް ކަމެއްގައި އޭނާގެ އެއްވެސް ދައުރެއް ނުވަތަ ބައިވެރިވުމެއް އޮތް ގޮތެއް ދައުލަތަށް ބަޔާންކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ދައުލަތުން ދެއްކީ ހުސް ވާހަކަ ކަމަށާއި އެ މައްސަލައިގެ ކަމެއްގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އަދި މައްސަލައާ އެއްވެސް ގުޅުމެއް ނެތް އިރު، ހަމައެކަނި އެ އޮފީހުގައި އުޅުނީތީ މަސްލަހަތު ފުށުއަރާކަމަށް ދެކުމަކީ ރަނގަޅު ގޮތް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އިއްޔެގެ ޝަރީއަތް ނިންމާލީ މިއަދުގެ ޝަރީއަތުގައި ނިހާޔަތަށް އާޒިމާގެ ދިފާއީ ވަކީލުކަން ކުރެވޭނެ ކަމާ މެދު ގޮތެއް ކަނޑައަޅާ ގޮތަށެވެ. މިއަދުގެ ޝަރީއަތުގައި އެކަމާ ގުޅޭގޮތުން ބެންޗުން ވިދާޅުވީ، ނިހާޔަތަށް ދިފާއީ ވަކީލެއްގެ ގޮތުގައި މި މައްސަލައިގައި މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ. ނިހާޔަތުގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒުނާ ވެސް އަޒީމާގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވައެވެ.

ދައުލަތުން ވިދާޅުވެފައިވަނީ ފަޒްނާއަށް ވެސް އެ މައްސަލައިގައި ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ނިންމީ ފަޒްނާއަށް ވެސް ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ ކަމަށެވެ.

އާޒިމާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އެ އިސްތިއުނާފީ މައްސަލައިގެ މިއަދުގެ ޝަރީއަތުގައި ދައުލަތުން ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އެ ނިންމުން އިސްތިއުނާފު ނުކުރެވޭނެ ކަމަށް މީގެ ކުރިން ހައި ކޯޓުން ކުރި ހުކުމެއްގައި ބުނެފައިވާ ކަމަށެވެ.

އެ ވާހަތަކާ ގުޅިގެން ނިހާޔަތު ވިދާޅުވީ، ދައުލަތުން ހަވާލާދެއްވާ އެ ހުކުމަކީ ގާނޫނާހިލާފު ހުކުމެއް ކަމަށާއި އެ ހުކުމާ ދުރަށްދާން ޖެހޭ ކަމަށެވެ. އަދި ހައި ކޯޓުގެ ނިންމުމަކާ ދުރަށް ހަމަ އެ ކޯޓުން ދިއުން މަނާކުރާ ގާނޫނީ ހުރަހެއް ނެތް ކަމަށާއި އެއީ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ 198 މާއްދާ ބައްޓަންކޮށްފައިވާ ގޮތުން ޝަރީއަތުގެ ކުރިން ހުށަހެޅުން ހުށަހަޅާ މަރުހަލާގައި ނިންމާ ނިންމުންތައް އިސްތިއުނާފު ކުރެވޭނެތީ އާއި މަދަނީ މިންގަނޑުން ނިންމާ ނިންމުމަކީ އެ މަރުހަލާގައި ނިންމާ ނިންމުމަކަށް ވާތީ ކަމަށެވެ.

ނިހާޔަތު ވިދާޅުވީ ހައި ކޯޓުގެ އެ ހުކުމް ރަނގަޅު ކަމަށް ބަލާ ނަމަ، މަދަނީ މިންގަނޑުން ބޭރުކުރާ މައްސަލަައެއް ވެސް އިސްތިއުނާފު ނުކުރެވޭނެ ކަމަށެވެ.

ދައުލަތުގެ ފަރާތުން ވެސް މަދަނީ މިންގަނޑުން ނިންމާ ނިންމުންތައް ވަރަށް ގިނައިން އިސްތިއުނާފުކުރާކަން ފާހަގަކުރައްވައި ނިހާޔަތު ވިދާޅުވީ، ދައުލަތަށް އެ ނިންމުންތައް އިސްތިއުނާފުކުރެވޭނަމަ ދައުވާ ލިބޭ ފަރާތަށް ވެސް އެ ހައްގު ލިބިގެންވާނެ ކަމަށެވެ. އާޒިމާއާ މެދު ދައުލަތުން ތަފާތު ގޮތަކަށް އަމަލު ކުރަމުންދާ ކަމަށް ބުނެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ އާއި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްސަލަ ނިހާޔަތު މިސާލަކަށް ދެއްކެވިއެވެ.

ދައުލަތުން ވިދާޅުވީ، ދައުވާ ލިބޭ އެއްވެސް ފަރާތަކާ މެދު ބޭއިންސާފުން ނުވަތަ ތަފާތުކުރުމުގެ ނިޔަތުގައި ކަމެއް ނުކުރާނެ ކަމަށެވެ.

ނިހާޔަތު ކޯޓުގައި ފާހަގަކުރެއްވި ބައެއް ކަންކަމާ ގުޅިގެން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުލަތާ ސުވާލު ކުރައްވައިފައެވެ. އެގޮތުން މަދަނީ މިންގަނޑުން ނިންމާ ނިިންމުން ދައުލަތަށް އިސްތިއުނާފު ކުރެވޭ އިރު، ދައުވާ ލިބޭ މީހާއަށް އެކަން ނުކުރެންވީ ކީއްވެގެންތޯ ދައުލަތާ ސުވާލުކުރެއްވިއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ދައުލަތުން ވިދާޅުވީ، ކުރިން ގާނޫނު އޮތްގޮތުން މަދަނީ މިންގަނޑުން ކުރިއަށްގެންދާ މައްސަލަތައް އިސްތިއުނާފުކުރެވޭ ކަމަށާއި ނަމަވެސް ފަހުން ގާނޫނު އިސްލާހުކޮށްފައިވަނީ އެފަދަ މައްސަލަތައް އިސްތިއުނާފަށް ހުށަހެޅޭ ނަމަ، އެއީ ނުބައި ދޮރެއް ހުޅުވޭ ގޮތެއް ކަމަށެވެ. އަދި ދައުލަތުން މަސައްކަތްކުރަނީ އެ ދޮރު ބަންދުކުރަން ކަމަށާއި އެހެންކަމުން ދިފާއަށް އެ ނިންމުން އިސްތިއުނާފު ކުރެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ދައުލަތުގެ އެ ޖަވާބާ ގުޅިގެން ބެންޗުން ވިދާޅުވީ، ދައުލަތުގެ ވާހަކަތަކާ ގުޅޭގޮތުން ދެން އޮންނަ ޝަރީއަތެއްގައި މައުލޫއީ ގޮތުން ވާހަކަދައްކަން ފުރުސަތު ދެއްވާނެ ކަމަށެވެ.

ދައުވާ ލިބޭ އާޒިމާއަށް ވާހަކަދައްކަން ލިބުނު ފުރުސަތުގައި އޭނާ ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މަދަނީ މިންގަނޑުން ގޮތެއް ނިންމަންޖެހޭ ގޮތަށް ލިޔަން ޖެހުނީ އެއްވެސް ހެއްކެއް ނެތި މީހުންނަށް ދައުވާ ކުރުމުން މައްސަލަ ނުނިމި އެތައް އަހަރެއް ވަންދެން މީހުންނަށް ކުރިމަތިވާ ގެއްލުންތަކުން ސަލާމަތް ކުރުމަށް ކަމަށެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރާ ދައުވާތަކަށް މިހާރު ތިން އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އޭނާގެ ހައްގުތަކެއް ގެއްލެމުންދާ ކަމަށް ވިދާޅުވިއެވެ.

މި މައްސަލަ ބައްލަވާ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ހުސައިން ޝަހީދު، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ. މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.