ހުޅުމާލޭގެ މަގު ހެދުމުގެ ތެރޭގައި ސްޓެލްކޯގެ މައި ކޭބަލަކަށް ދިމާވި މައްސަލަ ހައްލު ކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯ އިން ބުނީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުމާލޭގެ މަގު ހެދުމުގެ ތެރޭގައި ސްޓެލްކޯގެ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ، ގްރޭޓާމާލޭ އިންޓަކަނެކްޝަން ގްރިޑުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

ނަމަވެސް ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑް އޮޕަރޭޝަނަށް މިހާރު ގެނެސްފައިވާ ކަމަށާއި، ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދެވިފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އެއްވެސް ކަސްޓަމަރަކަށް ކަރަންޓުގެ ހިދުމަތް ނުލިބޭނަމަ 104 އަކަށް ގުޅުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ސްޓެލްކޯ އިން ވަނީ ކަރަންޓު ކެނޑުނު ވަގުތު ދިމާވި ދަތިތަތަކަށް ލަސްޓަމަރުންގެ ކިބައިން މައާފަށް އެދިފަ އެވެ.