ލ. އަތޮޅުގައި ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވާ ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް)ގެ ފަރާތުން އިންތިޒާމްކޮށް ކުރިއަށް ގެންދާ ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2022 ގައި ބަވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
ލީޑް ވެޓްރަންސް ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް މިއަހަރު ހުޅުވާލީ މުޅި ރާއްޖެއަށެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ހިސާބެއްގެ، ދިވެހި ކޮންމެ ރައްޔިތަކަށްވެސް މުބާރާތުގައި ކުޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ލީޑުން މައުލޫމާތު ދީފައިވެއެވެ. މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލީ ޖަމިއްޔާ ޖަމާއަތްތަކަށާއި އަމިއްލަ ވިޔަފާރިތަކުގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ސަރުކާރު އިދާރާތަކަށާއި ކުންފުނި އަދި އަމިއްލަ ކުންފުނިތަކަށެވެ.
ލީޑުން މައުލޫމާތު ދީފައިވާ ގޮތުގައި ޓީމުތަކުގައި ހިމެނޭނީ ދިވެހި ރާއްޖެއަށް ނިސްބަތްވާ 35 އަހަރުން މަތީގެ ކުޅުންތެރިންނެވެ. އެހެން ނަމަވެސް ކޮންމެ ޓީމަކަށްވެސް އެޓީމަކުން ބޭނުންވާނަމަ، އުމުރުން 30 އަހަރާއި 35 އަހަރާ ދެމެދުގެ އެއް ކުޅުންތެރިއަކު ޓީމުގައި ހިމެނުމަށް ފުރުސަތު ލިބޭނެއެވެ. މުބާރާތުގައި ބައިވެރިކުރުމަށް ނިންމާފައި ވަނީ އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 16 ޓީމަކަށެވެ.
ލީޑުގެ ރައީސް މުހައްމަދު އަފްރާހް (އައްޕި) "ވަން" އަށް ވިދާޅުވީ ކޮވިޑަށްފަހު ޖަމިއްޔާގެ ކުޅިވަރު ހަރަކާތްތައް އަލުން ފެށުމުގެ ފުރުސަތު ލިބުމަކީ ހިތްހަމަ ޖެހުމެއް ކަމަށެވެ. އެގޮތުން ވެޓްރަންސް މުބާރާތަކީ މީގެ ކުރިންވެސް ލީޑުން ބާއްވަން ގަސްދުކޮށް، އަދި ނުބޭއްވި އޮތް މުބާރާތެއް ކަމަށާއި މިފަހަރު މުބާރާތާއެކު ދެން ކޮންމެ އަހަރަކު މުބާރާތް ބާއްވަން މަސައްކަތް ކުރާނެ ކަމަށްވެސް އައްޕި ވިދާޅުވިއެވެ.
އައްޕި އިތުރަށް ވިދާޅުވީ ވެޓްރަންސް މުބާރާތް ބާއްވާ މައިގަނޑު މަގުސަދަކީ އުމުރުން ދުވަސްވަމުންދިޔަ ނަމަވެސް، ވެޓްރަންސް ކުޅުންތެރިންނަކީ ޒުވާނުންގެ ކުރިމަގަށް މުހިއްމު ބައެއްކަން އަންގައިދިނުން ކަމަށާއި އަދި ވެޓްރަންސް އުމުރުގެ ކުޅުންތެރިންގެ ފިޓްނަސްއަށް ކަސްރަތާއި ސިއްހީ ދުޅަހެޔޮ ކަމަށް އަހަންމިއްޔަތުކަން ދޭން ޖެހޭކަން ދައްކުވައިދިނުން ކަމަށެވެ.
އޭގެ އިތުރުން މުބާރާތުން ހާސިލްވާނެ އެންމެ ބޮޑު ކަމެއްގެ ގޮތުގައި އައްޕި ފާހަގަކުރީ އެކުވެރި މާހައުލެއްގައި އޭރާއި މިހާރުގެ ކުޅުންތެރިން އެކުގައި ޝާމިލްވެ، ރަށުގެ، އަތޮޅުގެ ކުޅިވަރަށް މުހިއްމު ގުޅުންތަކެއް ބަދަހި ވެގެން ދިޔުމެވެ. އެއާއެކު މުބާރާތުން ފުޓްސަލްގެ ރޫހު ކުރިއެރުވުމަށް ހުރިހާ އެންމެން އެކުގައި ކުރެވޭ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް އައްޕި ފާހަގަކުރިއެވެ.
މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 25 އޭޕްރީލް ވާ ހޯމަ ދުވަހުގެ ރޭ 12:00 އެވެ. އޭގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކޮށް، ހުށަހެޅުމުގެ އިތުރުން މުބާރާތުގައި ބައިވެރިވާ ފީގެ ގޮތުގައި 1000 ރުފިޔާ ދެއްކުމަށް ލީޑުން ވަނީ އިރުޝާދު ދީފައެވެ.
މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ލ. ފޮނަދޫ ފުޓްސަލް ދަނޑުގައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ލިބިގެންދާނެއެވެ.
މުބާރާތާ ގުޅޭ އިތުރު މައުލޫމާތު 9984111 އަށް ގުޅުމުން ލިބޭނެއެވެ.