ޚަބަރު

ގޭދޮށު މަސްޕްލާންޓާ ބެހޭގޮތުން އަމީރާ ސުވާލުކުރަނީ

މުހައްމަދު އިޝާން

ގޭދޮށު މަސްޕްލާންޓާ ބެހޭގޮތުން ސުވާލުކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ.

މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހުށަހަޅާފައިވަނީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރެވެ. އޭނާ ހުށަހެޅުއްވި ލިޔުމުގައި ވަނީ ގޭދޮށު މަސްޕްލާންޓް ހަދައި ހިންގުމަކީ މިނިސްޓަރު އަމީރު ނިސްބަތްވާ އެމްޑީޕީގެ ވައުދު ނާމާގައި ހިމެނޭ ކަމެއް ކަމަށާއި އެކަމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނައި ބަލައިގެންފައިވާ ކަމެއް ކަމަށެވެ.

ޒާހިރު، މިނިސްޓަރާ ކުރައްވަން ހުށަހަޅުއްވާފައިވާ ސުވާލަކީ ގޭދޮށު މަސްފެކްޓްރީއެއް ހިންގަން ގައްދޫ ކައުންސިލުން ހުށަހެޅި ބިޑަށް ބޭރުގެ ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އެކަމަށް ކުރުމަށް ސަރުކާރުން ހުރަސް އަޅާ ސަބަބާއި އެ ސިޔާސަތު ބަދަލު ކުރުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވުމާ ގުޅޭގޮތުންނެވެ.

އެ ސުވާލަށް މިނިސްޓަރު އަމީރު ޖަވާބުދެއްވުމަށްފަހު އިތުރު ވަގުތު އޮތްނަމަ މަޖިލީހުގެ އެހެން މެމްބަރުންނަށް މިނިސްޓަރާ ސުވާލުކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ގޭދޮށު މަސްފެކްޓްރީއާ ގުޅޭގޮތުން މިނިސްޓަރާ ސުވާލުކުރަން ހުށަހެޅިއިރު މިމަހުގެ ހަތް ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވޭނީ އެ ސިނާއަތް ދައުލަތުގެ ކޮންޓްރޯލުން ނެއްޓި، ގޭދޮށު މަސް ޕްލާންޓުތައް އެޅިގެން ކަމަށެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާޅުވީ ރާއްޖޭގެ ދެކުނުގައި މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، މަސް ކިރުވާ އަދަދު އިތުރުވެ މަސްކިރަން ކިޔޫގައި ތިބި ދޯނިތައް އިތުރުވުމުން މިފްކޯއިން މަސް ގަންނަ އަދަދު މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ލިމިޓް ކުރުމާ ގުޅިގެންނެވެ.

އެކަމާ ހިތްހަމަނުޖެހިގެން އިއްޔެ ގިނަ އަދަދެއްގެ މަސްވެރިން ވަނީ ގއ. ކޫއްޑޫގައި ހިތްހަމަނުޖެހުން ފާޅުކޮށް ހަޅުތާލުކޮށް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތަކަށްވެސް ހުރަސް އަޅައިފައެވެ.

އެކަމާ ގުޅޭގޮތުން ރައީސް އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، މި ދުވަސްވަރު މަސްނުކިރިގެން މަސްވެރިންގެ ހުރި ޝަކުވާތައް އަޑުއެހުމަށްފަހު ސަރުކާރާއި މިފްކޯގެ މަޝްވަރާގެ މަތިން މަސްވެރިންގެ ދަތިތަކަށް ހައްލު ހޯދުމަށްފަހު އަލުން މަސްކިރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން މަސްވެރިންނަށް އެއްބަސްވެވޭ ފަދަ ގޮތަކަށް ސަރުކާރުން އިމްޕްލިމެންޓޭޝަން ޕްލޭނެއް ހަދާފައިވާ ކަމަށާއި މަސްވެރިންނަށް ކިޔޫ އޯޑަރެއް ހަމަޖައްސައި އެ އޯޑަރާ އެއްގޮތައް މަސްކިރޭނެ އިންތިޒާމުތައް ކޫއްޑޫގައި ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އެ ޕްލޭންގެ ދަށުން މަސްކިރޭނެ ތަރުތީބާއި ދުވަސް އެ މަސްވެރިންނަށް އަންގާފައިވާ ކަމަށާއި މިވަގުތު ކޫއްޑޫ ފަޅުގައި އޮތް ހުރިހާ މަސް ދޯންޏެއްގެ ހުރިހާ މަސްކިރޭނެ ކަމަށެވެ.