ކްރިމިނަލް ކޯޓަށް ހުށަހެޅި ގިނަ މައްސަލަތަކެއް ގާނޫނާހިލާފަށް ބޭރުކޮށްލައިފައިވާކަމަށް ހައި ކޯޓުން ހުކުމްކޮށްފިއެވެ.
ހައި ކޯޓުން މިއަދު ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ދައުވާ އުފުލުމުގެ މުއްދަތު ފާއިތުވި ފަހުން ހުށަހެޅި މައްސަލަތަކެއް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ބޭރުކޮށްލި 22 މައްސަލައަކާ މެދު އަލުން ކްރިމިނަލް ކޯޓުން ގޮތެއް ނިންމަން ހުކުމްކޮށްފައެވެ.
އެ 22 މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފައިވަނީ ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާއެވެ. އެ ހުރިހާ މައްސަލަތަކެއް އަލުން މުރާޖާ ކޮށްދޭން އެދުމުން، އެ މައްސަލަތައް ބެލުމަށްފަހު ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން އަމުރުކޮށްފައިވަނީ ރަޖިސްޓްރާގެ ނިންމުން ބަދަލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ގާޒީންގެ މަޖިލީހުން އެގޮތަށް އަމުރުކުރީ ސްޕްރީމް ކޯޓުން ބާތިލް ކޮށްފައިވާ ހައި ކޯޓުގެ ގަޒިއްޔާއެއްގެ ފާހަގަކޮށްފައިވާ ކަންތައްތަކުގެ މައްޗަށް ރިއާޔަތް ކޮށެވެ.
ކްރިމިނަލް ކޯޓުން ބޭރުކުރި މައްސަލަތަކުގެ ތެރޭގައި އިސްލާމިކް ސްޓޭޓުގެ ރާއްޖޭގެ ގޮފީގެ ލީޑަރުކަމަށް ތުހުމަތުކުރާ މުހައްމަދު އަމީންގެ މައްސަލަ ވެސް ހިމެނެއެވެ. ކްރިމިނަލް ކޯޓުން ވަނީ އަމީން ބަންދުން ދުކޮށްލުމަށް އަމުރުކޮށްފައެވެ. ދައުލަތުގެ ފަރާތުން އެ މައްސަލަ ހިމެނޭހެން ބާކީހުރި މައްސަލަތައް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތް ގޮތަށެވެ.
ދައުލަތުގެ އެ ހުށަހެޅުމާ ގުޅިގެން ހައި ކޯޓުން ބުނީ، ކޯޓަށް މައްސަލައެއް ބަލައިގަތުމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާއަކީ މައްސަލައިގައި ހިމެނޭ ދެ ފަރާތަށް ފުރުސަތު ދީގެން ކުރިއަށް ގެންދާ މަރުހަލާއަކަށް ނުވާތީ، އިސްތިއުނާފް ރައްދުވާ ފަރާތެއް ނެތް ގޮތަށް އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
އެ މައްސަލަތައް ބެލުމަށްފަހު ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ކުމުގައި ބުނީ، ކްރިމިނަލް ކޯޓުގެ ނިންމުންތައް ބިނާވެފައިވަނީ ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާ ހައި ކޯޓުގެ ގަޒިއްޔާއަކަށް ކަމަށް ވުމުން އެ ނިންމުން ބިނާކޮށްފައިވާ ގާނޫނީ އަސާސް ސައްހަ ކަމަށް ބެލެވެން ނެތުމުން ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލު ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ދައުލަތުގެ ފަރާތުން އެ މައްސަލަތައް ހުށަހެޅުމުން އޭގައިވާ ކަންކަމަށް ބަލާފައި އަލުން ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށެވެ.
މި މައްސަލަ ބެއްލެވި ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ، ފަނޑިޔާރު އަލީ ސަމީރު، ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ސަމީރު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު