ހިޔާ ޓަވަރު 11 އިން ހިޔާ ފްލެޓުތަކުގެ ކުލި ބަލައިގަތުމާއި މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ އެ ސެންޓަރުން ކުލި ބަލައިގަތުމުގެ ހިދުމަތް ދޭނީ ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 1:00 އަށް ކަމަށެވެ.

މީގެ އިތުރުން ހިޔާ ސަރަހައްދުގައި ކުރިއަށް ގެންދާ މައުލޫމާތުގެ ސެޝަންތަކަށް ހުރަސްއެޅޭތީ، އެ ސެޝަންތައްވެސް އެ ސެންޓަރަށް ބަދަލުކުރެވިފައިވާ ކަމަށް ބުންޏެވެ.

މިމަހުގެ އެކަކުން ފަށައިގެން ހިޔާ ފްލެޓުތަކުގެ ކުލި ނަގަން ފަށާފައިވާ އިރު، އެޗްޑީސީން ވަނީ އެއްވެސް ޖޫރިމަނާއަކާ ނުލައި، އޭޕްރިލް މަހުގެ ކުލި މި މަސް ނިމެންދެން ބަލައިގަންނަން ނިންމައިފައެވެ.

ހިޔާ ފުލެޓުތަކުން ކުލި ނަގަން ފަށާފައި މިވަނީ ގިނަ ދުވަސްތަކެއް ވަންދެން ކުލި ފަސްކޮށްދެމުން ދިއުމަށްފަހުއެވެ. އެންމެ ފަހުން ސަރުކާރުން ކުލި ފަސްކޮށްދީފައިވަނީ މިދިޔަ ޑިސެމްބަރު މަހުުގެ ތެރޭގައެވެ. އޭރު އިތުރު ތިން މަސްދުވަހަށް ހިޔާ ފުލެޓުތަކުގެ ކުލި ފަސްކޮށްދިނުމަށް ނިންމިކަން އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ތިން މަސްދުވަހުގެ މުއްދަތު ހަމަވީ މިދިޔަ މަހުގެ ނިޔަލަށެވެ.