ރިޕޯޓް

ގޯމޭ ފައިންޑައިން: ފައިންޑައިނިން އަށް އެއްވަނަ، ރޯދަ ވީއްލަންވެސް މިވަރެއް ނެތް

އަލީ ޔާމިން

މާލޭގެ އެންމެ ބާރުބޮޑު މަގެވެ. ހަލަބޮލި މާހައުލަށް އަލިކަމެއް ގެނެސްދިނީ ފަރީދީމަގުގެ މެދެއްހާ ހިސާބުގެ އުތުރު ފަރާތުގައި ރަން ކުލައިން ޖަޒީކޮށްފައިވާ "ގޯމެ ރެސްޓޯރެންޓް" އެވެ. ތަނުގެ ބޭރަށް އެކަނި ބަލައިލިޔަސް އެތަނުގެ ހައިބަތު ފެނެއެވެ. ހީވަނީ ކައިވެނި ހަފުލާއަކަށް ތައްޔާރުކޮށްފައިވާހެނެވެ. އެ މަގުން ހިނގާ ކޮންމެ މީހެއްގެ ލޮލުގައި މާ ދުރުން އެ ރެސްޓޯރެންޓް އަޅައިގަނެއެވެ.

މާލޭގައި ހުރި "ފައިން ޑައިން" އަށް ހާއްސަ ރެސްޓޯރެންޓްތަކުގެ ތެރެއިން ގޯމޭ އަކީ، އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލު މަންޒިލެވެ. ގޯމޭއަކީ މަޝްހޫރު އެތައް ބައެއްގެ ފޭވަރިޓެވެ. އެތައް ބައެއްގެ ލޯބީގެ ފެށުމެވެ. ދެ ފަންގިފިލާގެ ގޯމޭއަކީ 114 މީހުންގެ ޖާގައިގެ، ރެސްޓޯރެންޓެވެ. ގޯމޭއަށް ވަނުމަށް އޮންނަ މައި ދޮރުން، ދެތިން ސިޑީގެ ހަރުފަތް ގިރާކުރުމަށް ފަހު އެތެރެޔަށް ވަން އިރު ހީވީ ކައިވެނި ހަފުލާއެއްގައި އުޅެވޭހެނެވެ. ފެއަރީ ލައިޓްތަކާއި އެކި ވައްތަރުގެ މާމެލާމެއްޔާއި އެކި ބްރޭންޑްތަކުގެ ލައިޓުތަކުން 20 މީހުންގެ ޖާގައިގެ ގޯމޭގެ ހޯލް އޭރިއާ އޮތީ އެއްކޮށް ޖަޒީކޮށްފައެވެ. އެތަނުގެ ކަނެއްގައި، ކައުންޓަރު ހުރިއިރު، ހިނިތުންވުމާއެކު، ކަސްޓަމަރުންގެ އިސްތިގުބާލުގައި ވެއިޓަރުން ތިއްބެވެ. ގޯމޭގެ ހޯލް އޭރިއާގެ އިރު ދެކުނުން އެއް ކަނެއްގައި އެތައް ސަތޭކަ މަލަކުން ޒީނަތްތެރިކޮށްފައިވާ ސަރަހައްދެއް ހުއްޓެވެ. އެއީ 14 މީހުންގެ ޖާގައިގެ ގާޑަން އޭރިއާއެވެ. ގޯމޭއަށް އަންނަ މީހުންގެ މެދުގައި އެންމެ މަގުބޫލު ތަނެވެ. އެތަނުގައި ދިގުކޮށް ޖަހާފައިވާ، ދެތިން މޭޒު ހުރިއިރު، ތަނުގެ މާހައުލާ މޭޒުތަކުގައިވާ ކުލައާ ގުޅެއެވެ. ގޯމޭގެ ހުރިހާ މޭޒެއްވެސް ހުރީ، ރޯދަ ވީއްލުމަށް ފައްކާކޮށްފައެވެ. މީރު، އަދި ދުޅަހެޔޮ ރޯދަ ވީއްލުމަކަށް ބޭނުންވާ ހުރިހާ އެއްޗެއް ސުފުރާމަތިން ފެންނަން ހުއްޓެވެ. މީރު ބުއިންތަކެވެ. މިޔުޒިކީ މަޑުމަޑު ރާގަކާއެކު، ގޯމޭގެ އެތެރެޔަށް ވެރިވެފައިވަނީ އިތުރު ހަމަހިމޭން ކަމެކެވެ. ދެ މޭޒުގެ ދެމެދުގައި ޖާގަ ބޮޑުކަމުން، މިއީ، ހަމަޖެހިލައިގެން ތިބެ ކާއެއްޗެއްސަށް އިންސާފުކުރުމަށް ހިތްފަސޭހަ މާހައުލެކެވެ.

ގޯމޭގެ އެންމެ ހާއްސަ ކަމަކީ، ހުރިހާ ވައްތަރެއްގެ މީހުންނަށްވެސް އެތަން އެކަށީގެންވުމެވެ. ވަކިން ލޯބިވެރިޔާއާއެކު ރޯދަ ވީއްލައިލުމަށް ބޭނުން ނަމަ އެފުރުސަތުވެސް ގޯމޭގައިވަނީ ފަހިވެފައެވެ. ގޯމޭގައި ޕްރައިވެޓް ތިން ކޮޓަރި ހުރެއެވެ. އެއީ، ދެ މީހުންގެ ޖާގައިގެ ޕްރައިވެޓް ދެ ކޮޓަރިއާއި ހަތަރު ވަރަކަށް މީހުންގެ ޖާގައިގެ ކޮޓަރިއެކެވެ. އެ ހުރިހާ ތަނެއްވެސް ފަރުމާކޮށްފައިވަނީ، ޕްރައިވަސީ ލިބޭ ގޮތަށް، ހިތްފަސޭހަ ގޮތަކަށެވެ. ކަސްޓަމަރު ބޭނުންވާ ގޮތަކަށް އެތަންތަން ތައްޔާރުކޮށްދޭއިރު، އަގުތައްވެސް ވަނީ ރޯދައަށް ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ.

ލޯބިވެރިންނަށް އެކަންޏެއް ނޫނެވެ. ގޯމޭއަކީ އާއިލާއާއެކުގައި ނުވަތަ ރައްޓެހިންނާއެކުގައިވެސް ރޯދަ ވީއްލައިލުމަށް ދެވަނައެއް ނެތް ފަދަ މަންޒިލެކެވެ. ގޯމޭގެ ހޯލް އޭރިއާއިން، ހުޅަނގަށް ދާއިރު ހުންނަ ސިޑިން އެ ދެވެނީ 20 މީހުންނާއި 25 މީހުންގެ ޖާގައިގެ ވީއައިޕީ ކޮޓަރިއަށެވެ. އެ ކޮޓަރީގައި ދިގުކޮށް ޖަހާފައިވާ މޭޒެއް ހުރިއިރު، ކަސްޓަމަރު ބޭނުންވާ ގޮތަށް އެތަނުގެ މާހައުލު ގޯމޭއިން ބަދަލުކޮށްދެއެވެ. އާއިލާއާއެކު ގްރޫޕް ފޮޓޯއެއް ނަގައި، ހަމަޖެހިލައިގެން، އެހެން ބައެއްގެ އުނދަގުލަކާ ނުލައި ރޯދަ ވީއްލުމަށް މިއީ އެންމެ ހިތްފަސޭހަ އެއް މަންޒިލެވެ. ވީއައިޕީ ރޫމުގެ ޖާގަ ކުޑަ ނަމަ، އަދި އާއިލާ އެކުގައި ކަރޯކޭއެއް ޖައްސާލައި، މަޖާކޮށްލުމަށް ބޭނުން ނަމަ ފުރަތަމަ ފަންގިފިލާގައި ހުރި "ޑައިމަންޓް ކޮޓަރި" އަކީ އެކަމަށް އެންމެ އެކަށޭނެ ތަނެވެ. އެތަނުގެ ޖާގައަކީވެސް 20 މީހުންނާއި 25 މީހުންނެވެ. ނަމަވެސް އެ ކޮޓަރި، ވީއައިޕީ ކޮޓަރިއަށްވުރެ ބޮޑުވެފައި، ޓީވީ އާއި ކަރޯކޭއާ އިންޓަނެޓްގެ ހިދުމަތް ލިބެއެވެ.

ގޯމޭއަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ، އެތަނުގެ ހޯލް އޭރިއާއިން އުރުތަށްދާއިރު ހުރި ދޮރުން އެތެރެޔަށް ވަންނައިރު ހުންނަ "ފައިން ޑައިނިން" އޭރިއާއިންނެވެ. ކަސްޓަމަރުންނަށް ޕްރައިވަސީ ލިބޭ ގޮތަށް އަރާމުގައި ތިބެ ރޯދަ ވީއްލައިލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ "ފައިން ޑައިނިން" އޭރިއާއަކީ 40 މީހުންގެ ޖާގައިގެ ތަނެކެވެ. ގޯމޭގެ ކެފޭ އޭރިއާއަކީވެސް، ހިތްފަސޭހަ ތަނެކެވެ. ދުރުދުރުގައި މޭޒުތައް ހުރިއިރު، އެތަން ހާއްސަކޮށްފައިވަނީ އޯޕަން އޭރިއާތަކުގައި ތިބެން ބޭނުންވާ މީހުންނާއި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށެވެ. ކަސްޓަމަރު ބޭނުން ނަމަ، އޯޕެން އޭރިއާގެ މޭޒުތައްވެސް ގުޅުވާލައި، ގިނަ ބަޔަކަށް އެކުގައި ތިބެވޭނެ އިންތިޒާމު ގޯމޭއިން ހަމަޖައްސައިދޭނެއެވެ. ގޯމޭގެ ކެފޭ އޭރިއާއަކީ 35 މީހުންގެ ޖާގައިގެ ސަރަހައްދެކެވެ.

އެއް ރަހައަކާއި ހެދި ފޫއްސެއް ނުވާނެ

ގިނަ ރެސްޓޯރެންޓްތަކާ ހިލާފަށް ރޯދަ މަހު ގޯމޭއިން ވަނީ ކަސްޓަމަރުން ހިތްހަމަޖައްސައިދިނުމަށް ހަތަރު އިފްތާރު މެނޫއެއް ތައާރަފުކޮށްފައެވެ. ހުކުރު ދުވަހަށް ހާއްސަ މެނޫއެއް ހުރިއިރު، ކޮންމެ ދެ ދުވަހަކުން އެއް ދުވަހު ލިބޭނީ ތަފާތު މެނޫއެކެވެ. އެގޮތުން ހޯމަ އާއި ބުރާސްފަތި ދުވަހު އެއް ވައްތަރެއްގެ މެނޫ ލިބޭއިރު، އާދިއްތަ ދުވަހާއި ބުދަ ދުވަހު ލިބޭ މެނޫ ތަފާތުވާނެއެވެ. ހޮނިހިރާއި އަންގާރައިގައިވެސް ލިބޭނީ މުޅިން ތަފާތު މެނޫއެކެވެ. މިއީ ކަސްޓަމަރުންނަށް އެކި ރަހަތައް ދައްކާލުމަށް ގޯމޭއިން ތައްޔާރުކޮށްފައިވާ މެނޫތަކެވެ. ކޮންމެ މެނޫއެއްގައިވެސް ހުރީ ދިވެހި ޝެފެއްގެ އިރުޝާދާއެކު ތައްޔާރުކުރާ ތަފާތު މީރު ކެއުންތަކާއި ބުއިންތަކެވެ. ދިވެހިންނަށް މީރު ދިވެހިވަންތަ ކެއުންތަކެވެ.

"ކަސްޓަމަރުން ބޭނުންނަމަ، މެނޫ ކަސްޓަމައިޒް ކުރުމުގެ ފުރުސަތުވެސް އެބައޮތް. އަޅުގަނޑުމެންނަށް ގުޅާފަ އެކަން އަންގާލާއިރަށް މެނޫ ބަދަލުކޮށްދޭނެ. މިސާލަކަށް ވަކި ބާވަތްތަކެއްގެ އެއްޗެހި ކެވޭ ބޭފުޅުން ތިއްބަވާނެ. އެ ފަރާތްތަކަށްވެސް އަޅުގަނޑުމެން، ވަކިން ތަކެތި ތައްޔާރުކޮށްދޭނަން." ގޯމޭގެ މެނޭޖަރު، އަބްދުލް ފައްތާހު ވިދާޅުވިއެވެ.

ފައްތާހު ވިދާޅުވި ގޮތުގައި، ގޯމޭގެ އެންމެ ބޮޑު ބޭނުމަކީ، ކަސްޓަމަރުން ހިތްހަމަޖައްސައިދިނުމެވެ. ގޯމޭއަށް ވަދެފައި ނުކުމެގެންދާ ކޮންމެ ކަސްޓަމަރަކުމެ އެތަނުން ނުކުންނައިރު ހިތްހަމަޖެހިފައި ހުރުމެވެ. ދެވަނަ ފަހަރަށް ގޯމޭއަށް އެ ކަސްޓަމަރަކު ދިއުމެވެ.

"ކަސްޓަމާ ސެޓިސްފެކްޝަންއަކީ އަޅުގަނޑުމެން އެންމެ ހާއްސަ އިސްކަމެއް ދޭ ކަންތައް. ކަސްޓަމަރުންނަށް ފަސޭހަވާނެ އެތައް ކަމެއް އަޅުގަނޑުމެން ކޮށްދެން، މިސާލަކަށް އިފްތާރު ރިޒަވޭޝަނެއް ހެއްދުމަށް ފަހު އުޒުރަކާ ލައިގެން ނާދެވިއްޖެ ނަމަ އެހެން ދުވަހަކަށް އަޅުގަނޑުމެން އިތުރު ޗާޖަކާ ނުލައި އެބަ އެކަން ހަމަޖައްސައިދެން. ކޮންމެ ކަސްޓަމަރަކަށްވެސް ކޮމްޕްލެއިނެއް އޮތް ނަމަ އަޅުގަނޑުމެންގެ ސްޓާފުންނާ ފަސޭހައިން ރީޗް ވެވޭނެ. ކޮންމެ މޭޒެއްގައި އުންނަ ބަޓަނަށް ފިއްތާލުމުން ސިކުންތުކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންގެ ސްޓާފުން އެޓެންޑްވާނެ." ގޯމޭގެ ހިދުމަތްތަކުގެ ތަފްސީލުތައް ދެއްވަމުން ފައްތާހު ވިދާޅުވިއެވެ.

ބޮޑެތި ޑިސްކައުންޓްތަކާއެކު ރިޒަވޭޝަނަށް ލުއިތައް

ގޯމޭއަކީ، ފައިން ޑައިނިންއަށް ހާއްސަ ރެސްޓޯރެންޓަކަށް ވުމުން އެތަނަށް އޮންނަ ޑިމާންޑް ބޮޑެވެ. އަދި ރިޕީޓެޑް ކަސްޓަމަރުންގެ އަދަދުވެސް ގިނައެވެ. ގޯމޭއިން އިފްތާރަށް ރިޒަވޭޝަން ހެއްދުމަށް، މުއްދަތެއް ނެވެ. އަންނަ ހަފުތާގައި ދާން ބޭނުން ނަމަ މިއަދުވެސް ރިޒަވޭޝަން ހެއްދިދާނެއެވެ. ނަމަވެސް ކޮންމެ ދުވަހެއްގެ 4:00ގެ ކުރިން އެ ރިޒަވޭޝަނެއް ކަށަވަރު ކުރަން ޖެހެއެވެ. ހާފް ޕޭމަންޓާއެކު ރިޒަވޭޝަން ކަށަވަރުކޮށްދޭއިރު، ގޯމޭގެ ނަންބަރު 3305575 ނުވަތަ 7505575 އަށް ގުޅައިގެން ރިޒަވޭޝަން ހެއްދޭނެއެވެ. ގޯމޭއަށް ގޮސްގެންވެސް ރިޒަވޭޝަން ހެއްދޭނެއެވެ. ގޯމޭއިން މިފަހަރުގެ ރޯދަ މަހު ބޮޑެތި ޑިސްކައުންޓްތަކެއްވެސް ލިބޭނެއެވެ.

ގޯމޭގައި، އާންމު އުސޫލުން ބުފޭގެ ހިދުމަތް ރޯދަ މަހު ލިބެން ނެތަސް 20 މީހުންނަށްވުރެ މަތީ އޯޑަރުތަކަށް ބުފޭގެ ހިދުމަތް އެތަނުން ދޭނެއެވެ. އެއީ ގިނަ ބާވަތްތައް ހިމެނުމުގެ ބޭނުމުގައެވެ. އަދި ފަސޭހައިން އެ ކަސްޓަމަރަކު ބޭނުންވާ ތަކެތި އިހުތިޔާރު ކުރުމުގެ ފުރުސަތު ދިނުމުގެ ބޭނުމުގައެވެ.

ކޭޓަރިން ދާއިރާގައި 12 އަހަރުގެ ތަޖުރިބާއާއެކު، ގޯމޭއިން ވަނީ "ފައިން ޑައިނިން"ގެ ސިފަތަކާއެކު ކޭޓަރިންގެ ހިދުމަތްވެސް ތައާރަފުކޮށްފައެވެ. އެފަހުންވެސް ހަތަރު ވަރަކަށް އަހަރު ވެއްޖެއެވެ. ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ ޓީމަކާއެކު ގޯމޭއިން މި ރޯދަ މަހުވެސް ތިބީ، ކަސްޓަމަރުންގެ އަރުތެރެޔަށް މީރު ރަހަތައް ލައްވައިދިނުމުގެ ބައިވެރިއެއްގެ ގޮތުގައެވެ.