މަސްވެރިންގެ ދަތިތަކަށް ހައްލު ހޯދައިދިނުމަށްފަހު, އަލުން މަސް ކިރަން ފަށައިފިއެވެ.
ރާއްޖޭގެ ދެކުނުގައި މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، މަސް ކިރުވާ އަދަދު އިތުރުވެ މަސްކިރަން ކިޔޫގައި ތިބި ދޯނިތައް އިތުރުވުމުން މިފްކޯއިން މަސް ގަންނަ އަދަދު މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ވަނީ ލިމިޓްކޮށްފައެވެ.
އެކަމާ ހިތްހަމަނުޖެހިގެން މިއަދު ހެނދުނުން ފެށިގެން ގިނަ އަދަދެއްގެ ދިޔައީ ކޫއްޑޫގައި ހިތްހަމަނުޖެހުން ފާޅުކޮށް ހަޅުތާލު ކުރަމުންނެވެ. އަދި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތަކަށްވެސް މަސްވެރިން ވަނީ ހުރަސް އަޅައިފައެވެ.
އެކަމާ ގުޅޭގޮތުން ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދެކުނުގެ މަސްވެރިކަން ރަނގަޅު މި ދުވަސްވަރު މަސްނުކިރިގެން މަސްވެރިންގެ ހުރި ޝަކުވާތައް އަޑުއެހުމަށްފަހު، ސަރުކާރާއި މިފްކޯގެ މަޝްވަރާގެ މަތިން މަސްވެރިންގެ ދަތިތަކަށް ހައްލު ހޯދުމަށްފަހު އަލުން މަސްކިރަން ފަށާފައިވާ ކަމަށެވެ.
އެގޮތުން މަސްވެރިންނަށް އެއްބަސްވެވޭ ފަދަ ގޮތަކަށް ސަރުކާރުން އިމްޕްލިމެންޓޭޝަން ޕްލޭނެއް ހަދާފައިވާ ކަމަށާއި މަސްވެރިންނަށް ކިޔޫ އޯޑަރެއް ހަމަޖައްސައި އެ އޯޑަރާ އެއްގޮތައް މަސްކިރޭނެ އިންތިޒާމުތައް ކޫއްޑޫގައި ސަރުކާރުން މިހާރު ހަޖަމައްސާފައިވާ ކަމަށް ބަޔާނުގައިވެއެވެ.
ރައީސް އޮފީހުން ބުނީ އެ ޕްލޭންގެ ދަށުން މަސްކިރޭނެ ތަރުތީބާއި ދުވަސް އެ މަސްވެރިންނަށް އަންގާފައިވާ ކަމަށާއި މިވަގުތު ކޫއްޑޫ ފަޅުގައި އޮތް ހުރިހާ މަސް ދޯންޏެއްގެ ހުރިހާ މަސްކިރޭނެ ކަމަށެވެ.
މިވަގުތު ކޫއްޑޫގެ މަސް ރައްކާކުރުމުގެ ކެޕޭސިޓީއަކީ 2،000 ޓަނެވެ. އެހެންވެ ގިނަ މަސްދޯނިތަކެއް ހަތަރެއް ނުވަތަ ފަސް ދުވަހުވެސް ކިޔޫގައި މަޑުކޮށްގެން ތިބެން ވަނީ ޖެހިފައެވެ.
ދެކުނުގެ މަސްކިރުވުމުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ވަނީ ކޫއްޑޫ ފެސިލިޓީގައިވެސް 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމަށް ނިންމައިފައެވެ. މީގެ އިތުރުން ފެލިވަރުގައި 4000 މެޓްރިކް ޓަނުގެ އާ ކޯލްޑް ސްޓޯރޭޖަކާއި ކަނޑުއޮތްގިރި ފެސިލިޓީގައި 200 ޓަނު، ގދ. ތިނަދޫގައި 1،000 ޓަނު އަދި މ. މުލަކުގައި 500 ޓަނުގެ އާ ކޯލްޑް ސްޓޯރޭޖު ގާއިމުކުރުމަށް ވަނީ ނިންމައިފައެވެ.
ސަރުކާރުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ފެލިވަރާއި ކޫއްޑޫއާއި ކަނޑުއޮތްގިރި ފެސިލިޓީ އަޕްގްރޭޑްކޮށް، ތިނަދުއާއި މުލަކުގައި އާ ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކޮށް ނިމުމުން މިފްކޯއަށް މަސްގަނެވޭ މިންވަރު ދުވާލަކަށް 61 ޕަސަންޓް އިތުރުކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިފްކޯއިން އަންނަނީ، މަސްވެރިންނަށް އައިސް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަށް 15 ރަށެއްގައި އައިސްޕްލާންޓް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ދެ ރަށެއްގައި އައިސްޕާންޓް ހަދައި، އެތަނުގެ ހިދުމަތް ވަނީ ދޭން ފަށައިފައެވެ.
މިފްކޯއިން ވަނީ މަސްވެރީންނަށް މަސްކިރުވުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން އެ ކުންފުނީގެ ސްޓޯރޭޖު ކެޕޭސިޓީ އިތުރުކޮށް، މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގަނެ އަދި ފިނިކޮށް ރައްކާކުރުން ހަރުދަނާކުރުމަށް ދުވާލަކު 100 ޓަނު މަސް ފިނިކުރެވޭ އަދި 300 ޓަނު މަސް ސްޓޯރު ކުރެވޭ ބޯޓަކާއި މަސް އެސްޕޯޓްކުރުމަށް 2،400 ޓަނުގެ ރީފާ ކެރިއަރެއް ރާއްޖެ ގެނެސްފައެވެ.
މިދުވަސްވަރު މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައި ވާތީ، މަސް ކިރުމަށް ބޭރުން ބޮޑު ބޯޓެއް ގެންނަން މަސައްކަތް ކުރާ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު