ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އެސްޓީއޯ އިން ރާއްޖޭގައި ހެދުމަށް ނިންމާފައިވާ ފުށް އުފައްދައި ބަންދުކުރާ ފެކްޓަރީ، ކުޅުދުއްފުށި ސިޓީގައި އެޅުމަށް ބިން ކަނޑައަޅައިފިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުށް ފެކްޓްރީ އަޅާނެ ބިމެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ކުންފުނީގެ ފުށް ފެކްޓްރީ އަޅަން ހަމަޖެހިފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ކުޅުދުއްފުށީ ޕޯޓް ހިންގާ ސަރަހައްދުގައި އެ ކުންފުންޏަށް ދޫކޮށްފައިވާ ބިމުގައި ކަމަށާއި އެ ފެކްޓްރީ އެޅުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެ ކަމަށެވެ.

ފުށް ފެކްޓްރީ އެޅުމުން ކުޅުދުއްފުށީގައި ވިޔަފާރި ފުޅާވެ، ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ފުށް ފެކްޓަރީ ހެދުމުގެ ގޮތުން ހަދަންޖެހޭ ސާވޭ ނިމި، އެ މަސައްކަތަށް ބޭނުންވާ ފައިސާ އާއި އެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ވެސް މިހާރު ހޯދާފައިވާ ކަމަށެވެ.

އެސްޓީއޯ އިން ކުރިން މަސައްކަތް ކުރީ މާލެ ސަރަހައްދުގައި ފުށް ފެކްޓަރީ އެޅުމަށެވެ. އެގޮތުން މާލެ ސަރަހައްދުގެ ބައެއް ބިންތައް ވެސް އެސްޓީއޯއިން ވަނީ ބަލައިފައެވެ.

އެމްޑީޕީގެ ކްލަބް ހައުސް ހަރުގޭގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވެފައިވަނީ، ފުށް ފެކްޓްރީގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށެވެ.

ގޮދަން ފުށް ރާއްޖެ ގެނެސް ގުދަން ކޮށްފައި ގިނަ ދުވަހު ބެހެއްޓުމުން ހަލާކުވާތީ، އެ ފެކްޓަރީގެ ސަބަބުން އެކަމަށް ހައްލު ލިބިގެންދާނެ ކަމަށް އެ ދުވަހު ވިދާޅުވެފައިވެއެވެ. އެގޮތުން ފުށުގެ ބަދަލުގައި ސީދާ ގޮދަން އެތެރެކުރުމުން ގިނަދުވަހު ރައްކާކޮށްފައި ބެހެއްޓޭނެ ކަމަށެވެ.

ސީދާ ގޮދަން ގެނެސްގެން ރާއްޖޭގައި ފުށް އުފެއްދުމުން ތާޒާކަމާއެކު ރައްޔިތުންނަށް ފުށް ލިބިގެންދާނެ ކަމަށާއި އޭގެ އަނެއް ފައިދާއަކީ ބޭނުން ކޮންމެ ވައްތަރެއްގެ ފުށް ލިބުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ. އަދި ދިވެހި ފެކްޓްރީއަކުން ފުށް އުފެއްދުމުން ރައްޔިތުންނަށް ހެޔޮ އަގުގައި ފުށް ސަޕްލައިކުރެވޭނެ ކަމަށް ވެސް އަމްރު ވިދާޅުވެފައިވެއެވެ.