ޚަބަރު

ހައްދުންމަތީގެ އިތުރު ތިން ސަރަހައްދެއް ހިމާޔަތްކޮށްފި

މުހައްމަދު އިޝާން

ހައްދުންމަތީގެ އިތުރު ތިން ސަރަހައްދެއް ހިމާޔަތްކޮށްފިއެވެ.

އެންވަޔަރުމެންޓް މިނިސްޓްރީން މިއަދު ބުނީ، ލ. ގާދޫ ރަށުގެ ވެލާ އަރާ ސަރަހައްދާއި ޗަސްބިމާއި ވަށައިގެންވާ ފަރާއި ފަޅު އަދި މޫދުވިނަ ސަރަހައްދު ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ކަމަށެވެ. އެ ސަރަހައްދަކީ 614 ހެކްޓަރުގެ ސަރަހައްދެކެވެ.

އެ ސަރަހައްދު ހިމާޔަތްކުރީ އެ ސަރަހައްދުގެ ދެކުނު ފަރާތާއި ހުޅަނގު ފަރާތުގެ ގޮނޑު ދޮށަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އަދި ދުނިޔޭގެ ފެންވަރުގައި ނެތިދިޔުމުގެ ބިރު ހީވެފައިވާ ދެ ބާވަތްކަމުގައިވާ ކަހަނބު އަދި ވެލާބިސްއަޅައި ވިހައި އާލާވާ ކަމަށް ޒަމާނުއްސުރެ ފާހަގަކުރެވިފައިވާ ސަރަހައްދަކަށްވުމުންނެވެ. އަދި އެރަށުގެ ވަށައިގެންވާ މޫދު ވިނަ އާއި ފަރުގެ ސަރަހައްދަކީ ވެލާ، ކަހަނބަށް ކާނާ ފޯރުކޮށްދޭ އަދި ފަރުހަމަހުގެ ދިރުންތައް އާލަވުމަށް ބޭނުންވާ މާހައުލެއް ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން ބުންޏެވެ.

ގާދޫގެ އިރުމަތި ފަރާތުގައިވާ ޗަސްބިން ސަރަހައްދުގައިވާ މީރު ފެންކުޅިއަކީ އެރަށުގެ ފެން ފަށަލަ ތާޒާކޮށްދޭ އަދި އެރަށުގައި ފެންބޮޑުވުމުގެ ފުރުސަތު ކުޑަކޮށްދިނުމަށް މުހިންމު ދައުރެއް އަދާކުރާ ކުޅިއެއް ކަމަށާއި އެ ސަރަހައްދުން މޫސުމީ ދޫންޏާއި ހިމާޔަތްކޮށްފައިވާ ދޫނީގެ މާހައުލު ދެމެހެއްޓުމަށް އެހީތެރިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ގާދޫ ރަށުގެ ވެލާ އަރާ ސަރަހައްދާއި ޗަސްބިމާއި ވަށައިގެންވާ ފަރާއި ފަޅު އަދި މޫދުވިނަ ސަރަހައްދު ހިމާޔަތްކޮށްފައިވަނީ ސްޕީޝިއަސް ނުވަތަ ހެބިޓެޓް މެނޭޖްމެންޓް އޭރިއާގެ ގިންތީގެ ދަށުންނެވެ.

އެންވަޔަރުމެންޓް މިނިސްޓްރީން މިއަދު ވަނީ ލ. ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދު ވެސް ހިމާޔަތްކޮށްފައެވެ. އެ ސަރަހައްދު ހިމާޔަތްކުރީ އެއީ ފަރުމަހުގެ ބާވަތްތައް ވިހައި އާލަވާ ސަރަހައްދަކަށް ވުމުންނާއި ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުންތަކުގެ ތެރޭގައި ހިމެނޭ އެންމަޑި، ކަހަނބު، ވެލާ އަދި އެކި ބާވަތްކުގެ މިޔަރު އެ ސަރަހައްދު ފެންނަ ކަމަށް ރިކޯޑް ކުރެވިފައިވުމުންނެވެ.

މީގެ އިތުރުން އެ ސަރަހައްދަކީ އައިންމަތީ ދޫނި ނިދުމަށާއި ވިހައި އާލާވުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން ބުންޏެވެ. ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދަކީ 706 ހެކްޓަރުގެ ސަރަހައްދެކެވެ.

އެ ސަރަހައްދު ހިމާޔަތްކުރުމަށް އެންވަޔަރުމެންޓް މިނިސްޓްރީގެ ފަރާތުން ނިންމީ ދެމެހެއްޓެވި ގޮތެއްގައި ބޭނުންކުރެވޭ ހިމާޔަތްކުރެވިފައިވާ ސަރަހައްދުގެ ގިންތީގައެވެ.

ތިމާވެށީގެ ގާނޫނުގެ ދަށުން ދެން ހިމާޔަތްކޮށްފައިވަނީ ލ. ގާދޫ ހިތަދޫ ކަނޑު ސަރަހައްދެވެ. އެ ސަރަހައްދުގެ ބޮޑުމިނަކީ 777 ހެކްޓަރެވެ. އެ ސަރަހައްދު ހިމާޔަތްކޮށްފައިވަނީ ސްޕީޝިއަސް ނުވަތަ ހެބިޓެޓް މެނޭޖްމެންޓް އޭރިއާގެ ގިންތީގެ ދަށުންނެވެ.

އެ ސަރަހައްދު ހިމާޔަތްކުރަން ނިންމީ އެއީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ފަރުމަހުގެ ބާވަތްތައް ބިސް ދޫކޮށް، ވިހައި އަލާވުމަށް ރިކޯޑް ކުރެވިފައިވާ ސަރަހައްދަކަށް ވުމުންނާއި އެ ސަރަހައްދުން ފެންނަ މުހިންމު ދިރުންތަކުގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ވެލާ އާއި ކަހަނބު އަދި އެންމަޑި އާއި ފަރުމަހުގެ ބާވަތްތައް އުޅެމުންދާތީއެވެ. މީގެ އިތުރުން އެ ސަރަހައްދުން ތަފާތު ބާވަތްތަކުގެ މިޔަރާއި މަޑި ފެންނަ ކަމަށް ރިކޯޑުކުރެވިފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.