ކޮންމެ ނަންބަރެއް ފޮތުގައި ހަދާފައި ވެސް ވަގުތުން ދައްކާނެއެވެ. އެނަންބަރަށް މާކްސް ނުދެނީސް ދުރަކަށް ނުދާނެއެވެ.
ހައްްލޯ... ދޮރުން ވަންނަ ގޮތަށް ގޮވާލާނީ ތުއްތުޅަ ބަހުރުވައަކުންނެވެ. "މީޔުއާން.. އާންޓީ މީ ޔުއާން..." ޔުއާން އޭނާގެ މުދައްރިސް ގާތުގައި މިހެން ބުނަނީ ތިމަންނާއަކީ މިވެނި ކުއްޖެއްކަން، ހާއްސަ ނަމެއް އޮންނަ ހާއްސަ ކުއްޖެއްކަން އަންގައިދޭން އެނިޔަތުގައެއް ނޫނެވެ. އެކަމަކު ޔުއާނަކީ ހާއްސަ ކުއްޖެކެވެ. އެތައް ގޮތަކުންނެވެ.
ހިސާބު ނަންބަރު ހެދުމުގައި ހާއްސަ ހުނަރެއް ހުރެއެވެ. ޔޫކޭޖީގެ ކުއްޖަކަށް ވިޔަސް އެގްރޭޑްގެ ކުއްޖަކަށްވުރެ މާމަތީ ނަންބަރުތަކުން ވެސް އެޑިޝަން އަދި ސަބްޓްރެކްޝަންގެ މައްސަލަތައް ހައްލު ކުރެއެވެ. އެކަމަކު މިކުޑަކުއްޖާއަށް ލިބިފައިވާ މިހުނަރު މީހުން ބޭނުންވެގެން ބަލަން ދައްކާށޭ ބުނުުމުން ދައްކާކަށް ނޭނގެއެވެ. އެގޮތަށް ނަންބަރު ހަދަން އޭނާ ބޭނުން ނުވާ ވަގުތަކު ކޮންމެ މީހަކު ބުންޏަސް އެކަމެއް ނުވާނެއެވެ. ނަމަވެސް ވަރަށް ލޯބިން ބުނެފިނަމަ ވެދާނެއެވެ. މިއީ މިކުއްޖާ ގަސްދުގައި ކުރާ ކަމެއް ނޫނެވެ. އެނގިގެން އަނެކުންނަށް ދެރަޔަކަށް ނޫނީ ލާނެއް ކަމުން ކުރާ ކަމެއްވެސް ނޫނެވެ. މިއެނގުމާއި ނޭނގުމުގެ ތެރޭގައި ބޮޑުވަމުން އަންނަ މައުސޫމު ކުއްޖާގެ މައްސަލައެއް ހުންނަ ކަން ފުރަތަމަ ފަހަރުން ދެނެގަތުން ފަސޭހައެއް ނޫނެވެ.
ހިސާބު ހުނަރު ދައްކާލުމަށް އެދުނަސް މިކުއްޖާއަށް އެވަގުތު ނުދަންނަ އެތައް ބައެއްގެ ތެރޭގައި ޖެހިލުންވެފައި އިނދެވެނީއެވެ. ކިރިޔާ ރޮވޭ ނުރޮވޭ ވަރުގައި އެވަރުންވެސް ވަރަށް ގިނަ މީހުންގެ ލޯބި ލިބުމުން އިނގިރޭސި ލަވައެއް ކިޔައިދިނެވެ. ދެން އަވަހަށް ދުވެފައި ދިޔައީ މަންމައާއި ބައްޕަގެ ގާތަށެވެ. ބަސްއަހައެވެ. ގަބޫލު ކުރެއެވެ. އެހެނަނަމަވެސް އިހުތިޔާރަކާ ނުލައި އަމިއްލަ ބާރަކާ ނުލައި ކުރެވޭ ކަންތައްތަކަކީ މިފަދަ ކުދިން ގަސްދުގައި ނުލަފާވެގެން ކުރާ ކަންތައްތަކެއް ނޫނެވެ.
އިސްމާއީލް ޔުއާނަކީ މަންމައަކާއި ބައްޕައެއްގެ ދިރިއުޅުމުގެ އެންމެ މުހިންމު އެންމެ ހާއްސަ ފަރާތެވެ. ހދ. ކުޅުދުއްފުށްޓަށް އުފަން އާސިމާ އާއި ކ.މާލެއަށް އުފަން އާދަމް ޝަރީފުގެ ދެމަފިރިންނަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. ކޮންމެ މަންމައަކުވެސް އަދި ކޮންމެ ބައްޕައަކުވެސް އުއްމީދުކުރާ ފަދައިން މިދެމަފިރިންވެސް އެމީހުންގެ ލޮބުވެތި ދަރިފުޅަށްޓަކައި އެތައް އުއްމީދުތަކެއް ކޮށް ކުލަރީތި އެތައް ހުވަފެންތަކެއް ބެލިއެވެ. ދަރިފުޅުގެ އުމުރުން ވަކިހިސާބަކުން އެއުއްމިދުތަކާއި އެހުވަފެންތަކުގެ ހާލަތާއި ކުލަތައް ބަދަލުކުރަން ޖެހުނުކަމަށްވިޔަސް އެދެމަފިރިން ފަހަރެއްގައިވެސް ދަރިފުޅު މަތިން ފޫހިވެ އުއްމީދު ކުރުން ހުއްޓާލައި ހުވަފެންތައް ފެނަށް ހަދާލައި ނިންމައެއްނުލައެވެ.
އެގޮތަށް މާޔޫސްވެ ހާލަތުގެ މިންވަރާމެދު ޝަކުވާ ކުރުމުގެ ބަދަލުގައި އާސިމާވެސް އަދި ޝަރީފުވެސް އިތުރަށް ހިތްވަރުގަދަކުރިއެވެ. މުޅިން އާފެށުމަކުން ދަރިފުޅު ގޮވައިގެން ދުނިޔޭގެ ހަލަބޮލިކަމުގެ ތެރެއަށް ނުކުމެ ހިތްވަރާއެކު މަސައްކަތް ފެށިއެވެ. މިދަތި އުނދަގޫ ހާލަތުގައި އެކަކު އަނެކެއްގެ އެހީތެރިޔަކަށް ދެމީހުން ފުދުނެވެ. އާނއެކެވެ. ނުހަނު ބޭނުންވެގެން އެތައް ކަމަކަށް ރާވައިގެން ހޯދި ދަރިފުޅަކީ ހުރިހާ ގޮތަކުންވެސް ދުޅަހެޔޮ ކުއްޖަކަށް ނުވުމުން ކޮންމެ މަންމައަކާއި ބައްޕައަކަށްވެސް އެކަން ވާނީ ބޮޑު ހިތާމައަކަށެވެ. އަމުދުން ޔުއާންގެ މައްސަލައިގައި އާސިމާއާއި ޝަރީފަށް ކުރިމަތިިވީ ބޮޑު ސިހުމެކެވެ. ކުއްލި ހައިރާންކަމެކެވެ. އާނއެކެވެ. ޔުއާންވީ އޯޓިޒަމް ކުއްޖަކަށެވެ.
އުމުރުން 6 އަހަރުގެ ޔުއާންއަކީ އެއްވެސް މައްސަލައެއް ހުރި ކުއްޖެއްކަމަކަށް ޔުއާން ދުނިޔެއަށް އައިއްސުރެ ދެއަހަރު ވީއިރުވެސް ނޭނގޭކަމަށް އާސިމާ ބުންޏެވެ. އެކަމަކު ކަންތައްތަކުގައި ލަސްވުމާއި އަމިއްލަ ދުނިޔެއެއްގައި އުޅުންފަދަ ކަންތައްތަކެއްގެ ސަބަބުން ޔުއާންގެ ކޮންމެވެސް މައްސަލައެއް ހުރިކަމުގެ ހިލަން މަންމައާއި ބައްޕައަށް ކުރެވިއްޖެއެވެ. ކަންތައްތަކަށް ސަމާލުކަން ނުދިނުމާއި އަމިއްލަ ދުނިޔެއެއްގައި އުޅުންފަދަ އަދި ހިނގަން ފެށުމުގައާއި ބަސްކިޔުމުގައި އުމުރަށްވުރެ މާބޮޑަށްވެސް ލަސްވާން ފެށުމުން ޑޮކްޓަރަށް ދައްކަން ފެށީއެވެ. އެހެންނަމަވެސް ޑޮކްޓަރުންނަށްވެސް ވަކި ކޮންކަމެއްކަން ފާހަގައެއް ނުކުރެވުނެވެ.
"ތިން އަހަރުވީއިރުވެސް ބަސްކިޔުން އަމުދުން ދިވެހި ވަރަށް ހަމަ ނުކިޔާނެ ބަހެއް، އެހެން އުޅެމުން ގޮސް ޑރ.އަފީފު އިރުޝާދު ދެއްވީ ސްޕީޗް ތެރަޕިސްޓަކަށް ދެއްކުމަށް، އެކަމަކު ތެރަޕީ ދިނުމުންވެސް ވަކި ކުރިއެރުމެއް ނާދޭ. ދެން ވިސްނީ އަދި އޯކޭ ވެދާނެއޭ، ވެދާނެ ނޫންހޭ ހަމަ ވާހަކަ ދެއްކުމުގައި ނޫނީ ދެނެގަތުމުގައި ކުޑަކޮށް ލަސްވެސް ވަނީކަމަށް. އެއީ މައްސަލައެއް ނޫނޭ."
ޔުއާންގެ ބައްޕަ ޝަރީފު ބުނި ގޮތުގައި އާންމުކޮށް ކޮންމެ ތިންމަހަކުން އެއްމަހު ދަރިފުޅު ޑޮކްޓަރަށް ދެއްކުމަކީ ހަމަ ވަރަށް މުހިންމު ކަމެއްކަމަށް ދެކިގެން ގަވާއިދުން ކުރަމުން އައި ކަމެކެވެ.
"އެހެން ދައްކާތީވެ، ޑޮކްޓަރަށް ވެސް ވާހަކަ ދެއްކުން ލަސްވާތީވެ ކަމެއް އުޅޭކަމަށް ލަފާކުރެވިގެން ކަމާބެހޭ ހާއްސަ ފަރާތަކަށް ދައްކާލުމަށް ވިދާޅުވީ. އެކަމަކު ނަންނޯޓުކޮށްގެން ދެއްކުނީ ހަމަސްފަހުން، ސްްޕީޗްތެރަޕިސްޓް ރިކުއެސްޓު ކުރީ އޮކިޕޭޝަނަލް ތެރަޕިސްޓަކަށް ދެއްކުމަށް،"
ޝަރީފު ބުނި ގޮތުގައި އައިޖީއެމްއެޗަށް އޮކިއުޕޭޝަނަލް ތެރަޕިސްޓަކަށް ގާތްގަނޑަކަށް ހަ ވަރަކަށް ފަހަރު ދެއްކި އިރުވެސް ވެގެން އުޅޭ ގޮތެއް ނޭނގުނެވެ. އަދި އައިޖީއެމްއެޗުގެ އެހެން ކަންތަކެއް ހުރުމާއެކު އެހިސާބުން އެކަންވެސް ހުއްޓާލި ކަމަށްވެސް ޝަރފު ބުންޏެވެ. ދެން ނޫހަކުން ފެނުނީ ހުޅުމާލޭ އޯޓިޒަމް އެސޯސިއޭޝަނުގެ ވާހަކަ ކަމަށާއި އެތަނުން ތެރަޕީ ނަގަން ހަމަޖައްސައި އެތަނަށް ދެއްކުނީ ހުޅުމާލޭ އޯޓިޒަމް އެސޯސިއޭޝަނުން ތެރަޕީ ހަމަޖައްސައި އެތަނަށް ދެއްކުނީ ކޮވިޑު19އިގެ ފުރަބަންދު ފެށިތަނާއެވެ. އެތަނުން ޔުއާން ބެލި ފްރާންސްގެ ޑޮކްޓަރަކު ވަރަށް ގިނަ ގޮތްގޮތަށް ބަލައި އެތައް ޓެސްޓުތަކެއް ހެދުމަށްފަހު ޔުއާނަކީ އޯޓިޒަމް ކުއްޖެއްކަމުގެ ޔަގީން ލިޔުން ދިނެވެ.
މިހިސާބަށް ކިޔައިދެވުނު އިރު އާސިމާގެވެސް ޝަރީފުގެވެސް އަޑަށް ވެރިވި ހިތާމައިގެ އަސަރު ފާހަގަވާވަރު ވެއެވެ. އެއީ މުޅި އުމުރުގައިވެސް ދެމީހުން އެންމެ ހުއްޓުން އެރި އަދި ދެރަވި ދުވަހެވެ. ޔުއާންގެ ތަފާތު ގޮތްތަކެއް ހުއްޓަސް ދެމީހުންވެސް ހީކޮށްގެން ތިބީ ޔުއާންގެ ވާހަކަދެއްކުން ލަސްވުމަކީ ރަނގަޅު ކުރެވޭނެ ހަމަ އާދައިގެ ކަމެއްކަމަށެވެ. އެހެންނަމަވެސް އެންމެ ފަހުން އާހިރުގައި ކަންވެ ނިމުނުއިރު ޔުއާންވީ އޯޓިޒަމް ކުއްޖަކަށެވެ.
ޔުއާނަކީ އޯޓިޒަމް ކުއްޖަކަށްވިޔަސް ހުރިހާ ގޮތަކުންވެސް ގާބިލު، ކެރޭ، މުޖުތަމައަށް ފައިދާހުރި ކުއްޖަކަށް ހެދޭތޯ ހުރިހާ މަސައްކަތެއް ކުރާކަމަށާއި އަދި ދުވަހަކުވެސް ޔުއާނަށް ކަންތައް ކޮށްދިނުމުގައި ވަރުބައްޔެއް ނުވާނެކަމަށް ޔުއާންގެ މަންމައާއި ބައްޕަ ބުންޏެވެ.
ދުނިޔޭގެ ފެންވަރުގައި ތަރައްގީވެ ކުރިއަރާފައިވާ ގައުމަކަށް ރާއްޖެ ވިޔަަސް އޯޓިޒަމާ ބެހޭ ގޮތުން މީހުންގެ ހޭލުންތެރިކަން އަދިވެސް ކުޑައެވެ. އޯޓިޒަމް ކުއްޖެއްކަން އެނގުނަސް އެކުދިންގެ މިޒާޖާއި އެކުދިންގެ ތަފާތުކަން އެނގޭ މީހުން މަދެވެ. އެހެންކަމުން އެފަދަ ކުދިންނަށް މުޖުތަމައު ތެރޭގައި ބައެއްފަހަރު ކަންތައް ކުރާގޮތް ވަރަށް ދެރައެވެ. ވަރަށް ގޯހެވެ. ޔުއާނަކީވެސް މިފަދަ ކަންތައްތަކާ ކުރިމަތިލާން ޖެހޭ ކުއްޖެކެވެ. ބައެއްފަހަރު ސްކޫލުގެ މާހައުލުގައި ކުދިންގެ ފަރާތުންނެވެ. އަނެއްބައި ފަހަރު އަމިއްލަ އާއިލާތެރެއިންނެވެެ. އަދި ބައެއްފަހަރު އެ ދާތަނެއްގައި ތިބޭ ބައެއްގެ ސަބަބުންނެވެ.
އަމިއްލަ އާއިލާ ތެރޭގައި ޔުއާނާއި ދިމާއަށް ބުނާބަސްތައް އަޑުއިވުމުން ވަރަށް ހިތުގައި ޖެހޭކަމަށް އާސިމާ ބުންޏެވެ.
"މާ ލޯބިން ގެންގުޅޭތީ ވާ ގޮތް، އެހާ ބަސްނާހަނީ އެހެންވެ. މިހެންވެސް ކިޔާނެ، މައިތިރިނުވެއޭ، އަޑު ހުއްޓާނުލައޭ ދެންވެސް، އެއީ ޔުއާން ގަސްދުގަ ކުރާ ކަމެއް ނޫނޭ ބުންޏަސް އެއާ ދެކޮޅަށް ވާހަކަ ދައްކާނީ ހަމަ ލާނެތްކަމުންނޭ، މާބޯހަރީއޭވެސް ބުނާނެ."
އާސިމާ ބުނި ގޮތުގައި ޔުއާނާ ބެހޭ ގޮތުން އެކަހަލަ ގޮތްގޮތަށް ވާހަކަދައްކައި ބަސްތައް ބުނާތީ އެކަމާ އޭނާ ވަރަށް ދެރަވެއެވެ. އާއިލާތެރޭގައިވެސް އެއްވަރުގެ ކުދިންނާއެކު ކުޅެން ބޭނުން ވެގެން ދާން އުޅޭފަހަރު ތަކުގައި ދަރިފުޅު ނުފޮނުވަން ވެސް ބޭނުންވެއެވެ. އެކަމަކު ކިތަންމެ ބުނެދިނަސް އެކުޑަކުޑަ ކުއްޖާއަށް އެނގޭނީ ކޮންއެއްޗެއް ހެއްޔެވެ؟ ކުޅެން ދިއުމުން ދިމާވަނީ މަލާމާތާއި ގޯނާ ކުރުންތަކެވެ. ބޮޑެތި މީހުންގެ ރުޅިވެރި ނުރުހުމުގެ ބަސްތަކެވެ. ބައެއް ތަންތަނަށް ދިޔައިމަ ބާކީކޮށް އެކަހެރިކޮށްލާފައި ހުރުންފަދަ ކަންތައް ދިމާވެއެވެ. އެހެންކަމުން އާސިމާ އެންމެފަހުން ގަސްދުކުރީ ކިތަންމެ ދަތިކަމަކަށްވިޔަސް ގޭތެރޭގައި އުޅޭން ޖެހޭ ތަނުގެ ގޮތުން އެންމެ ފުދުންތެރި ނޫނަސް މަންމައާއި ބައްޕަގެ ދުނިޔޭގައި ލޯތްބާއެކު ދަރިފުޅު ގެންގުޅުމަށެވެ. އެގޮތަށް ބޭރުތެރެއަށް ފޮނުވުމަށްވުރެ ގޭގައި ދަރިފުޅަށް ލޯބިދީގެން އުފާވެރި ކުއްޖެއްގެ ގޮތުގައި ގެންގުޅުންވެސް މާ ހިތްހަމަޖެހޭނެތީއެވެ.
ޓިއުޝަަނަށްވެސް ކޮންމެކޮންމެ ތަނަކަށް ފޮނުވާކަށް މިހާރު އެމީހުން ބޭނުމެއް ނޫނެވެ. ޔުއާން ދެކެ ލޯބިވާ، އެއީ މުޅިން ފުރިހަމަ ނޫން ކުއްޖެއްކަން ގަބޫލުކޮށް، އެކަން ބަލައިނުގަންނަ އެއްވެސް ފަރާތަކަށް ކުއްޖާ ހިނދުކޮޅަކަށްވެސް ދޫކޮށްނުލަން އެމީހުން ވަނީ އަޒުމު ކަނޑައަޅައިފައެވެ. ޔުއާންއަށް ކިޔަވައިދޭ ޔުއާންގެ މުދައްރިސުން ބުނި ގޮތުގައި ޔުއާނަކީ ވަރަށް ބަސްއަހާ ރަނގަޅު ކުއްޖެކެވެ. ލޯބިން ބުނެދީފިނަމަ ވަރަށް ފަސޭހައިން ގަބޫލުކުރެއެވެ.
ކޮންމެޔަކަސް އެއްބަޔަކު ބަލައިގަންނައިރު ގިނަބައެއްގެ ނުރުހުމާއި ބަސްބުނުންތަކުގެ ތެރެއިން ބޮޑުވަމުން އަންނަ ޔުއާނަށް ފާގަތި މުސްތަގުބަލެއް ލިބުމަކީ "ވަން" ގެ ވެސް އެދުމެވެ.
މިފަދަ ކިތަންމެ ޔުއާނެއް ރާއްޖޭގެ އެކި ދިމާތަކުގައި ތިބޭނެއެވެ. އޯޓިޒަމް ވިޔަސް އެހީއަށް ބޭނުންވާ ކުދިންކަމަށްވިޔަސް މިކުދިންނަކީ ނާގާބިލު ބޭކާރު ކުދިންނަށް ނުހަދަމާތޯއެވެ. އޯޓިޒަމަކީ ބައްޔެއް ނޫނެވެ. ބޭސްކެއުމަކުން ނުވަތަ ސާޖަރީއެއް ހެދުމަކުން ރަނގަޅު ކުރެވޭނެ ކަމެއް ނޫނެވެ. މިއީ އުފެދުމުގައި ސިކުނޑީގެ ހެދިބޮޑުވުމަށް އުނިވެފައިވާ ކަމަކުން ޖެހޭ މައްސަލައަކަށް ވިޔަސް މިއީ ބާކީކޮށްލައި މުޖުތަމައުން އެކަހެރިކޮށްލަން ޖެހޭ ބައެއް ނޫނެވެ. މިފަދަ ކުދިންނަކީ ބޭނުންތެރި، މުޖުތަމައުއަށް ފައިދާހުރި ދަރިންތަކަކަށް ލޯތްބާއި އޯގާތެރިކަމުން ހެދޭނެއެވެ. ވީމާ، އޯޓިޒަމް ކުދިންނާ ދޭތެރޭގައި ދެކޭގޮތް ބަދަލުކޮށް އިތުރަށް ހޭލުންތެރިވަމާތޯއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް