އެސެޓް ރިކަވަރީ ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކާގުޅޭ ރިޕޯޓް އާއްމުކޮށް ޝާއިއު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އެސެޓް ރިކަވަރީ ކޮމިޝަނާބެހޭ މައުލޫމާތު ހޯދުމަށް، އަމިއްލަ މީހެއް ކަމަށްވާ އަހުމަދު އައިމަން ލަތީފް ރައީސް އޮފީހަށް ހުށަހެޅުމުން، އެ އޮފީހުން ދީފައިވާ ޖަވާބުގައި ބުނެފައިވަނީ، އެ ރިޕޯޓް ޝާއިއު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އޭރުން އޭނާ އެދުނު މައުލޫމާތު ލިބޭނެ ކަމަށެވެ.
ރައީސް އޮފީހުން ދިން ޖަވާބު، އައިމަން ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.
އެސެޓް ރިކަވަރީ ކޮމިޝަނަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، 17 ނޮވެމްބަރު 2018 ގައި އުފެއްދެވި ކޮމިޝަނެކެވެ.
އެ ކޮމިޝަން އުފެއްދެވީ، ފަތުރުވެރިކަމަށް ރަށްތައް ދޫކޮށްގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިކޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތާއި ސަރުކާރުގެ ކުންފުނިތަކުން ހިންގި އެތައް ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށެވެ.
ނަމަވެސް މިމަހު 17 ގައި އެ ކޮމިޝަން އުވާލެއްވުމަށްފަހު، އެ ކޮމިޝަނުން ކުރަމުން އައި މަސައްކަތްތައް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖައްސައިފައެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން އެންމެ ހާއްސަ އިސްކަމެއް ދީގެން ކުރި މަސައްކަތަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގުކުރުމެވެ. އެގޮތުން އެ މައްސަލަ ތަހުގީގުކުރުމަށްފަހު، އެ ކޮމިޝަނުން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތު ކުރާ 281 މީހުން ހިމެނޭ ލިސްޓެއް އާއްމުކޮށްފައެވެ. އެ ލިސްޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ 13 ވަޒީރަކުވެސް ހިމެނޭހެން މަޖިލީހުގެ އޭރުގެ އަދި މިހާރުގެވެސް ބައެއް މެންބަރުން ހިމެނެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްވެސް އެ ލިސްޓުގައި ހިމެނެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލުވާ ކަމަށް ތުހުމަތުކުރެވޭ ބައެއް ފަރާތްތަކުގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު، ބައެއް ފަރާތްތައް މިހާރު ދަނީ ޖަލު ހުކުމްވެސް ތަންފީޒުކުރަމުންނެވެ.