މިފްކޯ ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުތައް ނިމުމުން ދުވާލެއްގެ މައްޗަށް އެކުންފުންޏަށް މަސް ގަނެވޭ މިންވަރު 61 ޕަސަންޓް އިތުރުވާނެ ކަމަށް ލަފާކޮށްފިއެވެ.
ސަރުކާރުގެ އޮފިޝަލަކު "ވަން" އަށް މައުލޫމާތު ދެެއްވަމުން މިއަދު ވިދާޅުވީ، ކޯލްޑް ސްޓޯރޭޖު އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން ފެލިވަރުގައި 4000 މެޓްރިކް ޓަނުގެ އާ ކޯލްޑް ސްޓޯރޭޖެއް ގާއިމް ކުރާނެ ކަމަށެވެ. އަދި ކޫއްޑޫ ފެސިލިޓީގައިވެސް 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރާއިރު، ކަނޑުއޮތްގިރި ފެސިލިޓީގައި 200 ޓަނު، ގދ. ތިނަދޫގައި 1،000 ޓަނު އަދި މ. މުލަކުގައި 500 ޓަނުގެ އާ ކޯލްޑް ސްޓޯރޭޖު ގާއިމް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އެއީ މިހާރު ހުރި 2،500 ޓަނުގެ ކޯލްޑް ސްޓޯރޭޖަށް ވުރެ ހަތަރު ވަރަކަށް ގުނަ އިތުރު އަދަދެކެވެ.
އޮފިޝަލު ވިދާޅުވީ، ފެލިވަރާއި ކޫއްޑޫއާއި ކަނޑުއޮތްގިރި ފެސިލިޓީ އަޕްގްރޭޑްކޮށް، ތިނަދުއާއި މުލަކުގައި އާ ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކޮށް ނިމުމުން މިފްކޯއަށް މަސްގަނެވޭ މިންވަރު ދުވާލަކަށް 61 ޕަސަންޓް އިތުރުކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިފްކޯއިން އަންނަނީ، މަސްވެރިންނަށް އައިސް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަށް 15 ރަށެއްގައި އައިސްޕްލާންޓް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ދެ ރަށެއްގައި އައިސްޕާންޓް ހަދައި، އެތަނުގެ ހިދުމަތް ވަނީ ދޭން ފަށައިފައެވެ.
މިފްކޯއިން ވަނީ މަސްވެރީންނަށް މަސްކިރުވުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން އެ ކުންފުނީގެ ސްޓޯރޭޖު ކެޕޭސިޓީ އިތުރުކޮށް، މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގަނެ އަދި ފިނިކޮށް ރައްކާކުރުން ހަރުދަނާކުރުމަށް ދުވާލަކު 100 ޓަނު މަސް ފިނިކުރެވޭ އަދި 300 ޓަނު މަސް ސްޓޯރު ކުރެވޭ ބޯޓަކާއި މަސް އެސްޕޯޓްކުރުމަށް 2،400 ޓަނުގެ ރީފާ ކެރިއަރެއް ރާއްޖެ ގެނެސްފައެވެ.
މިދުވަސްވަރު މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައި ވާތީ، މަސް ކިރުމަށް ބޭރުން ބޮޑު ބޯޓެއް ގެންނަން މަސައްކަތް ކުރާ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު