ޚަބަރު

އާ ރަންވޭ މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ހުޅުވަނީ

އަލީ ޔާމިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ ތެރޭގައި ހުޅުވޭނެ ކަމަށް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

ޓެކްސީ ވޭއެއްގެ ގޮތުގައި އާ ރަންވޭ މިހާރުވެސް އަންނަނީ ބޭނުންކުރަމުންނެވެ. އެއާއެކު ކޮންމެ ދެ މިނެޓަކުން ފްލައިޓު ޖެއްސުމުގެ ގާބިލުކަން ވަނީ ލިބިފައެވެ.

ވީއައިއޭގެ 56 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ، މިއަހަރުގެ ދެވަނަ ކުއާޓަރުގައި އާ ސީޕްލޭން ޓާމިނަލް ހުޅުވޭނެ ކަމަށާއި އާ ފަޔާ ސްޓޭޝަން ތިން ވަނަ ކުއާޓަރުގައި ހުޅުވޭނެ ކަމަށެވެ.

"މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން ޕްލޭންކޮށްފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓާމިނަލް ދެ ވަނަ ކުއާޓަރުގައި ހުޅުވައި، އާ ފަޔާ ސްޓޭޝަނާއެކު އާ ރަންވޭ ތިންވަނަ ކުއާޓަރުގައި ހުޅުވުމަށް." ތޯހާ ވިދާޅުވިއެވެ.

ވީއައިޕީ ބިލްޑިންގެ ފުރަތަމަ ފިޔަވަހި ހުޅުވާފައިވާކަން ފާހަގަކުރައްވައި ތޯހާ ވިދާޅުވީ، ދެވަނަ ފިޔަވަހީގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށެވެ.

ތޯހާ ވިދާޅުވީ، އާ ކާގޯ ޓާމިނަލްއާއި އާ ފިއުލް ފާމުވެސް މިއަހަރުގެ ތެރޭގައި ހުޅުވޭނެ ކަމަށެވެ.

ތޯހާ އިތުރަށް ވިދާޅުވީ، ވީއައިއޭގެ އުމްރާނީ ތަރައްގީގެ އިތުރުން މުވައްޒަފުންގެ ކުރިއެރުމަށްވެސް ހާއްސަ އިސްކަމެއް އެމްއޭސީއެލުން ދެމުން އަންނަ ކަމަށެވެ. އެގޮތުން މުވައްޒަފުންނަށް މަތީ ތައުލީމާއި ތަމްރީން ލިބޭނެ އިންތިޒާމުތަކާއި މުސާރައިގެ ކުރިއެރުން ދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ވީއައިއޭގެ އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގައި 65 މީޓަރުގެ ހުރެއެވެ. ރަންވޭއަށް ފުރަތަމަ ޓެސްޓު ފްލައިޓު ޖެއްސީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 18 ވަނަ ދުވަހުއެވެ. އޭގެ ފަހުން ތިން އަހަރު ވެގެން ދިޔައިރުވެސް އާ ރަންވޭ ރަސްމީކޮށް ބޭނުން ކުރަން ފަށާފައި ނުވިނަމަވެސް މީގެ ކުރިންވެސް އެ ރަންވޭ ފްލައިޓް ޕާކް ކުރަން ވަނީ ބޭނުން ކޮށްފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހެދި އެ ރަންވޭއަކީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިން ހަދާފައިވާ ރަންވޭއެކެވެ.