ހިޔާ ފްލެޓްތަކައް ކުލި ނުދައްކަން ގޮވާލުމަކީ ކުށެއް ކަމަށާއި އެމައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން ނިންމާފައިިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
ހިޔާ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ފުލެޓުތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމަށް ބާރުއަޅައި ސޯޝަލްމީޑިއާގައި ދައްކަމުން ގެންދާ ވާހަކަތަކަށް ކުށްވެރިކޮށް އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުލި ނުދައްކަން ގޮވާލާ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން ނިންމާފައިވާކަމަށް އެޗްޑީސީން ބުންޏެވެ.
"ގާނޫނީ ގޮތުން ހެދިފައިވާ އެއްބަސްވުމެއްގައި ބަޔާންކުރެވިފައިވާ ކަންކަމަށް ހިލާފުވުމަށް ގޮވާލާ މިކަމަށް ހިއްވަރުދީ ބާރު އެޅުމަކީ ބޮޑު ކުށެއްކަމުގައި ފާހަގަކޮށް މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ހާލު މައްސަލަ ބަލައިދިނުމަށާއި މިކަމުން ލިބޭނެ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ކަމާބެހޭ މުވައްސަސާތަކަށް ހުށަހަޅާނެ ވާހަކަ ދަންނަވަން،" އެޗްޑީސީން ބުންޏެވެ.
ހިޔާ ފްލެޓްތަކުން އިންސްޓޯލްމަންޓަށް މަހެއްގެ މައްޗަށް ނަގާ 7،500 ރުފިޔާ އާއި މެއިންޓެއިންސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާގެ ފީ ނެގުމުގައި އެ ކުންފުންޏަށް އެއްވެސް ދައްޗެއް ނެތް ކަމަށެވެ. އަދި ހިޔާގެ 16 ޓަވަރުގެ ކަންކަން މެނޭޖު ކުރުމަށާއި ބެލެހެއްޓުމަށްޓަކައި މެނޭޖްމެންޓް ކޯޕަރޭޝަނެއް ހަމަޖެއްސުމަށް ކުރިއަށް ގެންދަންވީ ގޮތާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން އިތުރަށް ބުނީ މެނޭޖްމެންޓް ކޯޕަރޭޝަން އުފެއްދުމުގެ ކުރިން އިމާރާތް އިންޝުއަރެންސް ކުރުމާއި މަރާމާތުކުރުމާއި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލަން ފްލެޓް ގަންނަ ފަރާތުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި ހިޔާ ފްލެޓްތަކުގެ މެއިންޓެނެންސް ފީ ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދެ ޓަވަރެއްގެ ދެމެދުގައި އުފައްދާ ކޯޕަރޭޓިވް ސޮސައިޓީއެއް މެދުވެރިކޮށް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ހިޔާ ފްލެޓްތަކަށް ކުލި ނުދައްކަން ގޮވާލާ ފަރާތްތަކަށް އެޗްޑީސީން ވަރުގަދަ އިންޒާރެއް ދީފައި މިވަނީ ކުލި ނުދެއްކުމަށް ހިޔާ ޔޫނިއަނުން ފްލެޓްތަކުގެ ވެރިންނަށް ގޮވާލާފައި ވަނިކޮށެވެ.
ހިޔާ ފްލެޓްތަކުން ކުލި ނަގަން ފަށާފައިވަނީ މިމަހުގެ ދެ ވަނަ ދުވަހުއެވެ. އަދި އެއްވެސް ޖޫރިމަނާއަކާ ނުލައި، މި މަސް ނިމެންދެން ހިޔާ ފްލެޓްތަކުގެ ކުލި ދެއްކޭނެ ގޮތަށް އެޗްޑީސީން ވަނީ ހަމަޖައްސައިފައެވެ.
ހިޔާ ފުލެޓުތަކުން ކުލި ނަގަން ފަށާފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ކުލި ފަސްކޮށްދެމުން ދިއުމަށްފަހުއެވެ. އެންމެ ފަހުން ސަރުކާރުން ކުލި ފަސްކޮށްދީފައިވަނީ މިދިޔަ ޑިސެމްބަރު މަހުުގެ ތެރޭގައެވެ. އޭރު އިތުރު ތިން މަސްދުވަހަށް ހިޔާ ފުލެޓުތަކުގެ ކުލި ފަސްކޮށްދިނުމަށް ނިންމިކަން އިއުލާންކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ތިން މަސްދުވަހުގެ މުއްދަތު ހަމަވީ މިދިޔަ މަހުގެ ނިޔަލަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު