ބޮޑު ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގުތައް މިފަހަރު ބައްޓަން ކުރާއިރު އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ހިޔާނާތުގެ މައްސަލަތަކުގައި ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް ކަމަށް އަލަށް އެކުލަވައިލި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، އެ ކޮމިޝަންގެ މަސައްކަތްތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު މައުލޫމާތުދެއްވަމުންނެވެ.
ބޮޑު ހިޔާނާތުގެ މަސައްކަތް އެކަށީގެންވާ ސްޕީޑުގައި ކުރިއަށް ނުގެންދާ ކަމަށްބުނެ، މީގެ ކުރިން އޭސީސީގައި ތިއްބެވި މެންބަރުން ވަކިކުރުމަށް މަޖިލީހުން ކުރި މަސައްކަތްތަކާ ގުޅިގެން އެ މެންބަރުން ވަނީ އިސްތިއުފާދެއްވައިފައެވެ.
އެއަށްފަހު އެކުލަވައިލި ކޮމިޝަނުން ކޮމިޓީގައި މިއަދު ބުނީ، އެ މަސައްކަތް އަވަސްކުރުމަށްޓަކައި ބޮޑު ހިޔާނާތުން މަންފާވި ކަމަށް ބުނާ ލިސްޓުގައި ތިބި މީހުންގެ ތަހުގީގާއި އެމްއެމްޕީއާރުސީން ނުއަގުގައި ދޫކުރި ރަށްތަކަށް ހަމަ އަގު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެކުގައި ކަމަށެވެ.
އޭސީސީގެ ރައީސް ވިދާޅުވީ، ތަހުގީގުތައް އަވަސްކުރުމަށް ކުރެވޭނީ ކޮން ކަންތައްތަކެއްތޯ، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް އެކަމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އޭސީސީގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހުރި މައިގަނޑު ގޮންޖެހުންތަކުން އަަރައިގަތުމަށް ގާނޫނީގޮތުން ބަދަލު ގެންނަޖެހޭ ކަންތައްތައް އެބަހުރި ކަމަށާއި އެޓާނީ ޖެނެރަލްއާއެކު އެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބޮޑު ހިޔާނާތުގެ މަސައްކަތް އަވަސްކުރުމަށް އެ މަސައްކަތްތަކަށް އެކަނިވެސް 12 އިންވެސްޓިގޭޓަރުން ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޮރަޕްޝަންގައި ދައުލަތުން ގެއްލިގެންދާ ފައިސާ ހޯދުމާ ގުޅޭގޮތުން ހާއްސަ ސަމާލުކަމެއް ދީގެން ވަކި މަސައްކަތްތަކެއް އެސެޓް ރިކަވަރީއާ ގުޅޭގޮތުން، ޕްރޮސިކިއުޓާ ޖެނެރަލާއި އެޓާނީ ޖެނެރަލްގެ އިތުރުން، ފިނޭންސް މިނިސްޓްރީއާއި ގުޅުން ހުރި އެހެން މުއައްސަސާތަކާއެކު އޮޑީޓާ ޖެނެރަލް ހިމެނޭގޮތަށް، މަސައްކަތްކުރާނެ ޕްލޭނެއްވެސް އެބައޮތް ކަމަށެވެ. އެ ޕްލޭންގެ ދަށުން މަދު ހަފުތާތަކެއްގެ ތެރޭގައި، އެސެޓް ރިކަވަރީގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ބޭނުންވާ ގާނޫނުތައް އެކަށައަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު