ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުގެ ޔޮޓް ޓުއާސްއަށް 22.7 މިލިއަން ޑޮލަރު ދޭން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުން ހައި ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

މި މައްސަލައަކީ، 30 އޯގަސްޓް 2014 އިން ފެށިގެން 15 ސެޕްޓެންބަރު 2014 އަށް ރާއްޖޭގެ މޫސުން ގޯސްވެގެން ދިއުމާ ގުޅިގެން، ޔޮޓް ޓުއާސް އިން ހިންގި ހއ. އަލިދޫ ރިސޯޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެކަމުގެ އަގު 22.7 މިލިއަނަށް އަރާ ކަމަށްބުނެ، އެލައިޑަށް ހުށަހެޅި މައްސަލައެކެވެ. ނަމަވެސް އެ ހުށަހެޅުން އެލަޑުން ބަލައެއް ނުގަނެއެވެ. އެހެންކަމުން، ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް ޔޮޓްޓުއާސްއިން ހުށަހެޅިއެވެ. ނަމަވެސް އެ މަސައްކަތްވެސް ނާކާމިޔާބު ވުމުން ޔޮޓް ޓުއާސްއިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ.

ނަމަވެސް ސިވިލް ކޯޓުން ބުނީ އެއީ ހުށަހެޅުމުގެ ވަގުތު ފާއިތުވެފައިވާ މައްސަލައަކަށް ވާތީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެއާއެކު ޔޮޓް ޓުއާސްއިން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.

މައްސަލަ ހުށަހެޅުމުގެ ވަގުތު ފާއިތުނުވާ ކަމަށް ހައިކޯޓުން ނިންމުމުން، އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލައިގައި ސުޕްރީމް ކޯޓުން ތާއީދު ކުރީ ހައިކޯޓުގެ ނިންމުމަށެވެ. އަދި އެ މައްސަލަަ ކުރިއަށްގެންދަން ސިވިލް ކޯޓަށް އެންގިއެވެ.

ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު، ހަ މަސްދުވަހުގެ ތެރޭގައި 22.7 މިލިއަން ޑޮލަރު ޔޮޓްޓުއާސްއަށް ދެއްކުމަށް 19 ޖުލައި 2020 ގައި އެލައިޑުގެ މައްޗަށް ހުކުމް ކުރިއެވެ. ނަމަވެސް އެލައިޑްގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެކަމުގައި ޔޮޓް ޓުއާސްއިން އަމަލުކޮށްފައިވަނީ އިންޝުއާކުރި މުދަލަށް ގެއްލުމެއް ލިބުމުން އަމަލުކުރަން އެލައިޑާއެކު ވެފައިވާ އިންޝުއަރެންސް އެއްބަސްވުމުގައި އޮތް ގޮތަށް ނޫން ކަމަށްބުނެ، ސިވިލް ކޯޓުގެ އެ ހުކުމް ހައިކޯޓުން މިއަދު ވަނީ ބާތިލުކޮށްފަައެވެ.

ހައިކޯޓުން ބުނީ، އިންޝުއަރެންސް ވިޔަފާރިއަކީ އިންޝުއަރެންސް އެއްބަސްވުމުގެ ބައިވެރިން އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ބަރޯސާވެގެން ހިންގާ ވިޔަފާރިއެއްކަމުން، އިންޝުއަރެންސް ޕޮލިސީއެއް ދިރިއޮތްހާ ހިނދަކު އެންމެ މަތީ ދަރަޖައަށް ހެޔޮ ނިޔަތާ އެއްގޮތަށް އަމަލުކުރިކަން ފެންނަން އޮންނަން ޖެހޭނެ ކަމަށެވެ.