ޚަބަރު

ހިޔާ ފްލެޓްތަކުގެ ކުލި ނުލިބޭނެމަ އެޗްޑީސީއަށް ލޯނެއް ނުދެއްކޭނެ: އޮޑިޓް އޮފީސް

މުހައްމަދު އިޝާން

1

ހިޔާ ފްލެޓުންނާއި އެހެނިހެން ހައުސިން މަޝްރޫއުތަކުން ކުލު ނުލިބޭނެމަ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ދައްކަން ޖެހޭ ލޯނުތައް ނުދެއްކޭނެ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވަނީ ހިޔާ ފްލެޓްތަކުގެ އަގާއި ކުލި ކަނޑައެޅި ގޮތުގެ މައްޗަށް ތައްޔާރުކުރި އޮޑިޓާ ގުޅިގެން ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި އޮޑިޓް އޮފީހުން ބުނީ، ހިޔާ ފްލެޓްތަކުން ގަވާއިދުން ކުލި ދައްކަމުން ނުދާނަމަ އެޗްޑީސީއަށް ލޯނު ނުދެއްކޭނެ ކަމަށެވެ. އެޗްޑީސީއަށް ލޯނު ނުދެއްކޭނެކަމުގެ ކަންބޮޑުވުން އޮޑިޓް އޮފީހުން ފާހަގަކުރީ ހިޔާ ފްލެޓްތަކަށް ބައެއް ފަރާތްތަކުން ކުލި ނުދައްކަމުންދާކަން ފާހަގަކޮށެވެ.

ލޯނުތައް ނުދެއްކި އެޗްޑީސީ ޑީފޯލްޓް ނުވަތަ ދަރަނިވެރިވާނަމަ އެ ކުންފުނި ބަނގުރުޓޫވެ ވިޔަފާރި ނުކުރެވޭ ހިސާބަށް ގޮސްދާނެކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

އޮޑިޓް އޮފީހުގެ ފަރާތުން މާލިއްޔަތު ކޮމިޓީއަށް މިއަދު ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން އެޗްޑީސީން ވަނީ 700 މިލިއަން ޑޮލަރަށްވުރެ ގިނަ ލޯނު ނަގައިފައެވެ. އެ ލޯނުތަކުގެ ތެރެއިން 434 މިލިއަން ޑޮލަރަކީ ހިޔާ ފްލެޓް މަޝްރޫއަށް ނަގާފައިވާ ލޯނުތަކެވެ. އެއީ ސޮވެރިން ގެރެންޓީ ދީގެން ނަގާފައިވާ ލޯނުތަކަށްވުމުން އެ ލޯނުތައް އަނބުރާ ނުދެއްކިއްޖެނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ދައުލަތުންކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

ހިޔާ ފްލެޓުގެ މަޝްރޫއަށް އިންޑަސްޓްރިއަލް އެންޑް ކޮމާޝަން ބޭންކް އޮފް ޗައިނާ (އައިސީބީސީ)އިން ނަގާފައިވާ 368 މިލިއަން ޑޮލަރުގެ ލޯނު ދައްކަން އެޗްޑީސީން ވިއްކަން މަސައްކަތްކުރަމުން އަންނަ 200 މިލިއަން ޑޮލަރުގެ ބޮންޑެއް ވެސް އޭގެ ތެރޭގައި ހިމެނެއެވެ.

އެޗްޑީސީއަށް ލިބެން ޖެހޭ ފައިސާ އެކިއެކި ސަބަބުތަކާ ހުރެ ނުލިބި ހުރުމުގެ ސަބަބުން އެ ކުންފުނީގެ ހަރަދުތައް ބެލެހެއްޓުމަށް ފިނޭންސް މިނިސްޓްރީން ސޮވެރިން ގެރެންޓީގައި ލޯނު ނަގާފައިވާކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. ނަމަވެސް ކުންފުނީގެ ހަރަދުތައް ދަމަހައްޓައި ކުންފުނި ހިންގަން އިތުރު ލޯނު ނަގަން ޖެހިފައިވާކަމަށް ވެސް އޮޑިޓް އޮފީހުން ބުންޏެވެ.

އެޗްޑީސީ ބޮޑެތި އަދަދުތަކުން ދަރަނިވެފައިވާއިރު އެންމެ ރަނގަޅު ގޮތަކީ ހިޔާ ފްލެޓްތަކުގެ ވެރިން އެއްބަސްވުމާ އެއްގޮތަށް ކުލި ދެއްކުންކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟