މަސްވެރިން ބާނާ މަސް ނުކިރުމާއި، މަސްގަންނަ މިންވަރު ކޮންޓްރޯލް ކުރުމާ ގުޅިގެން މަސްވެރިންނަށް ދިމާވާ ދަތިތައް ވަގުތުން ހައްލު ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ މިއަދު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް އެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން މެންބަރު ހުސެއިން ލަތީފު ވިދާޅުވީ، މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ، ހާއްސަކޮށް ދެކުނުގެ މަސްވެރިކަން ރަނގަޅުވެފައިވާއިރު، ކޫއްޑޫއަށް މަސްގަންނަ މިންވަރު ހަތަރުޓަނަށް ލިމިޓްކޮށްފައިވާކަމަށެވެ. އަދި އެހެން ކުންފުނިތަކުންވެސް މަސްގަންނަ މިންވަރު ހަތެއް ނުވަތަ ފަސްޓަނަށް ކޮންޓްރޯލް ކުރުމުގެ ސަބަބުން މި ރަމަޟާންމަހު ގަދަ އަވީގައި ކަނޑުމަތީގައި ދުއްވައިގެން މަސްވެރިން ބާނާ މަސްކޮޅު ކިރުވުމަށް ހަފްތާއެއް ވަންދެން ކިޔުގައި މަޑުކުރަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ބައެއް ދޯނިތަކުން 70 ވަރަކަށް ޓަނުގެ މަސް އުކާލަން ޖެހި، ކިރައިލެވޭވަރަށް ކޮންމެ ދުވަހަކު މަސް ބޭނުމަކީ ހަރަދުގެ ގޮތުން ދެކޮޅުޖެހޭ ކަމަކަށް ނުވާތީ އާއި މިކަމުގެ ސަބަބުން ބައެއް މަސްވެރިން މަހަށް ނުގޮސް ތިބެން ޖެހުމުގެ ސަބަބުން އެތައް މަސްވެރި އާއިލާތަކަށް ލިބެންޖެހޭ އާމްދަނީ ނުލިބި މަސްވެރި އާއިލާތަކަށް ދަތިތައް ކުރިމަތިވެ މަސްވެރިންގެ ޖީބުތައް ހުސްވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ޑީސަލްގެ އަގު ބޮޑުވުމާއި ޑީސަލް ލިބުން ދަތިވުމާއި، ކޮންމެ މަސްވެރި މޫސުމެއްގައި މަސްވެރިންނަށް ދިމާވާ މި މައްސަލަ ހައްލު ކުރެވިފައި ނުވާތީ، އެ މައްސަލަ ވަގުތުން ވަގުތަށް ހައްލު ކޮށްދިނުމަށް ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

މި ކުއްލި މައްސަލަ ބަލައިގަތުމަށް ނެގި ވޯޓުގައި، އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެވަގުތު ޖަލްސާގައި ތިއްބެވި 57 މެންބަރުންގެ ތެރެއިން، އެންމެ ނުވަ މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލުމަށް 41 މެންބަރުން ވޯޓު ދެއްވިއެވެ.