ރިޕޯޓް

ކަނޑޫދޫ ސޯލިހާއެކު ކަނޑޫދޫން: ދަނޑުވެރިކަމުގައި 20 އަހަރު، "ކުރަން މިއަށްވުރެ ރަނގަޅު މަސައްކަތެއް ނެތް"

އަލީ ޔާމިން

ތ. ކަނޑޫދޫން އަލީ ޔާމީން - ވަން އޮންލައިން

އެއިރު ދަނޑުވެރިކަން ކުރީ ވަރަށް ކުޑަކޮށެވެ. ރަށުގައި އެއިރު ދަނޑުވެރިކަން ކުރަނީވެސް ދެތިން މީހެކެވެ. އެއިރު މިކަމަށް މާބޮޑު ތަރުހީބެއްވެސް ނެތެވެ. ރަށުގެ ބިން ބޮޑަސް، ދަނޑުތައް އިންތިހާއަށް މަދެވެ. ނަމަވެސް މިއަދު މުޅި ރަށް ފުރާލައިފައިވަނީ ދަނޑުބިންތަކުންނެވެ. ރަށުގެ މަތިން ޑްރޯން ފޮޓޯއެއް ނަގައިފިނަމަ ފެންނާނީ ކަޅުކުލައިގެ ސަންނެޓް ދާތަކުން އަޅާފައިވާ ބިޔަ މިރުސް ކޮށިތަކެވެ. އެ ކޮށިތަކުގައި ހައްދާ މިރުސް ގަސްތަކަކީ، މިއަދު ރާއްޖޭގެ ގޭބިސީތަކުގެ ބަދިގެ ތަކުން ކުޅިރަހަ ލައްވައިލާ މިރުސް (ކަނޑޫދޫ މިރުހު)ގެ އުފަން މަންޒިލެވެ. މިއީ، ކޮޅުމަޑުލު ކަނޑޫދޫ މިއަދު ފެންނާން އޮތް ގޮތެވެ ރަށުގެ، 100 ޕަސަންޓް މީހުން ދަނޑު ހައްދާއިރު، އެ މަސައްކަތް އެންމެ ފުރަތަމަ ރަށަށް ތައާރަފުކޮށްދިން މީހުން މިއަދުވެސް އެ މަސައްކަތުގައި ދެމި އެބަތިއްބެވެ. އޭގެ ތެރެއިން އެކަކީ، އައްސޭރި، ސޯލިހު ހަސަން، 55އ އެވެ.

ސޯލިހު މި ވަނީ އޭނާގެ ދަނޑުވެރިކަމުގެ މަސައްކަތްތަކާ ގުޅޭ ގޮތުން "ވަން" އަށް ހާއްސަ އިންޓަވިއުއެއް ދީފައެވެ. ތިރީގައި މިވަނީ މި އިންޓަވިއުގެ ހާއްސަ ބައިތަކެވެ.

ދަނޑުވެރިކަމުގެ ތެރެޔަށް ސޯލިހު ވަނީ މީގެ ވިއްސަކަަށް އަހަރު ކުރިންނެވެ. އެއިރު، އޭނާ ހެއްދީ ބަރަބޮލާއި ކަރަލެވެ. އާންމު ގޮތެއްގައި އެ ދެބާވަތް ހައްދައިގެންވެސް ރަނގަޅު އާމްދަނީއެއް ލިބެއެވެ. ކަނޑޫދުއަށް މިރުސް ތައާރަފުވުމާއެކު، އެންމެ ފުރަތަމަ މިރުސް ކޮށްޓެއް އެޅި މީހުންގެ ތެރޭގައިވެސް ސޯލިހު ހިމެނެއެވެ. އެއިރު ކަނޑޫދޫ މިރުސް އެހާ މަޝްހޫރެއް ނޫނެވެ. ގިނަ ބަޔަކަށް އެ މިރުހެއް ނުވެސް އެނގެއެވެ. މިރުހުގެ އަގެއްވެސް ނެތެވެ.

ދަނޑުވެރިކަމުގައި ހައްދާ ބާވަތްތައް އިތުރުކުރަމުން ސޯލިހު ދިޔައީ، އެކަމުގެ ނަފާ ބޮޑުވީމައެވެ. އަމިއްލައަށް މަސައްކަތްތައް ކުރަން އުނދަގޫވުމުން، ބިދޭސީ މަސައްކަތްތެރީން ގެނެސް، އެ މަސައްކަތް ފުޅާކުރިއެވެ. ނަމަވެސް، ދަނޑުވެރިކަމުގެ ވާދަވެރިކަން ރަށުގައި ބޮޑުވެ، ދަނޑުތައް ލިބުން ދަތިވުމާއެކު، މަސައްކަތަށް ގެނައި ބިދޭސީ މަސައްކަތްތެރީން ދޫކޮށް ސޯލިހު މިއަދު އެ މަސައްކަތް ކުރަނީ އަމިއްލައަށެވެ. ޒަމާނީ ވަސީލަތްތަކާއެކު، ދަނޑުވެރިކަން ކުރުމުގެ ވައްޓަފާޅިއަށް އައި އާރޯކަމާއެކު، މަސައްކަތް މިވަނީ އިހުނަށްވުރެ އެތައް ގުނައެއް ލުއިވެފައެވެ. ދަނޑުވެރިކަމަށް ހޭދަކުރަން ޖެހޭ ވަގުތު މިވަނީ މަދުވެފައެވެ. ރަށުގައި އުޅޭ ބިދޭސީ މަސައްކަތު މީހުންނަށް އަގު ދީގެން ބައެއް މަސައްކަތްތައް ކުރުވުމުގެ ސަބަބުން މަސައްކަތްތައް އިތުރަށް ހަލުވިވެއެވެ. ހައްޓަށް ލުއިކޮށް މިއަދު އެ މަސައްކަތް ކުރެވެއެވެ.

"އެންމެ ކުރީން ދަނޑުވެރިކަން ކުރީ އަތުން ފެންޖަހައިގެން، އެގޮތަށް ހަމަ ކުރީ. ކުޑަ ބައި އިންޗި ހޮޅިން ފެންވައިރުކޮށްގެން، އެކަމަކު މިހާރު ދޮޅި އިންޗި ހޮޅިން ފެންވައިރުކޮށްގެން މުޅި ދަނޑަށް ފެން ޖެހޭ ގޮތަށް މި އޮންނަނީ. ގާތްގަނޑަކަށް 100 ވަރަކަށް ވަޅު ކަރައަށް މިހާރު ގަޑިއެއްހާއިރު ތެރޭގައި ފެން ޖަހާލެވޭނެ." ސޯލިހު ބުންޏެވެ.

ބުރަ، އެހެނަސް ބޮޑު އާމްދަނީއެއް

ދަނޑުވެރިކަމަކީ، ހެނދުނު ހެނދުނާ ތެދުވެ ކުރަން ފަށައިގަންނަން ޖެހޭ މަސައްކަތެވެ. މުޅި ދުވަސް އެކަމަށް ހޭދަވާ މަސައްކަތެކެވެ. ދޭހާ އަތްވެއްގައި، ދާ އޮހޮރުވައިގެން، ކިލަޔާ ތަތްތެޅިގެން ކުރަން ޖެހޭ ބުރަ މަސައްކަތެވެ. ދަނޑު ސާފުކުރުމާއި ދަނޑަށް ފެންޖެހުމާއި މިހުރިހާ މަސައްކަތްތަކީ އެކަމަށް ވަގުތު ނަގާ ބުރަ މަސައްކަތްތަކެވެ.

"ފަތިސް ނަމާދުކޮށްލައިގެން، ކޮފީ ތައްޓެއް ބޮއިގެން މިދަނީ ދަނޑަށް. ދެން ދަނޑު މަސައްކަތުގައި އުޅެފައި ނުވައެއް ޖަހާކަންހާއިރު ގެއަށް އައިސް ސައިބޮއި ހަދައިގެން އަނެއްކާވެސް ދަނޑަށް ގޮސް މެންދުރުވަންދެން މަސައްކަތް މިކުރަނީ. ދެން ދަނޑަށް ދަނީ ހަވީރު، ގޮސް އިރުއޮއްސެންދެންވެސް ބައެއް ދުވަސްދުވަހު މަސައްކަތު އުޅެން." މިއީ ކަނޑޫދޫގައި އެންމެ ފުރަތަމަ ދަނޑުވެރިކަން ކުރަން ފެށި އެކަކު ކަމަށްވާ، ސޯލިހުގެ ދުވަސް ދާ ގޮތެވެ.

ސޯލިހުގެ އަތުގައި، 200 ފޫޓު 200 ފޫޓުގެ ދެ މިރުސް ކޮށި އޮތް އިރު، ކަރާ ދަނޑެއްވެސް އެބައޮތެވެ. އަދި ކޮންމެވެސް ވަރަކަށް އެހެން ބާވަތްތައްވެސް ހައްދައެވެ. ސޯލިހު ބުނި ގޮތުގައި ބޮޑު އާމްދަނީއެއް ލިބެނީ މިރުހުންނެވެ. ސޯލިހުގެ ނަޒަރުގައި، އާމްދަނީއެއް ހޯދުމަށް ދަނޑުވެރިކަމަށްވުރެ ވަކި ރަނގަޅު މަސައްކަތެއް ނެތެވެ.

"އާމްދަނީ ހަމަ ވަރަށް ރަނގަޅު. އަޅުގަނޑަކަށް ނުކުރެވޭނެ މިއަށް ވުރެ ރަނގަޅު މަސައްކަތެއް. އަޅުގަނޑު ވަރަށް ގިނަ މަސައްކަތް ކޮށްފިން. މަހަށް ގޮސްފިން. ރިސޯޓު ހަދަން ހިނގައްޖައިން. އަޅުގަނޑަށް ހަމަ އެންމެ ރަނގަޅު އާމްދަނީ އެއް މި ލިބެނީ ދަނޑުވެރިކަމުން." ސޯލިހު ބުންޏެވެ.

ބިމެއް ނެތް، ގޮންޖެހުން ބޮޑު

ކަނޑޫދޫ މިއަދު އޮތީ ފުރިފައެވެ. ދަނޑު ހައްދާނެ ބިމެއް ނެތެވެ. ސޯލިހުގެ އެންމެ ބޮޑު ކަންބޮޑުވުމަކީވެސް އެއީއެވެ. ސޯލިހު ބުނި ގޮތުގައި، ދަނޑު ހައްދާނެ ބިން ނެތުމަކީ، ދަނޑުވެރިކަމުގެ ނަފާ އެންމެ ފުރިހަމައަށް ލިބުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ރަށުގެ ހުޅަނގު ދެކުނުގެ ބޮޑު ސަރަހައްދެއްގެ ފެން ވަނީ ލޮނުވެފައެވެ. އެ ސަހަރައްދުގައި ދަނޑުވެރިކަން ކުރުމަކީ، އުނދަގޫ އަދި ނުވުން ގާތް ކަމެކެވެ. އެކަމަށް އޮތް ހައްލަކީ، ދަނޑުބިންތައް ހިމެނޭ ސަރަހައްދަށް ސާފު ފެން ލިބޭނެ ގޮތް ހަމަޖެހުން ކަމަށް ސޯލިހު ބުންޏެވެ. އަދި ރަށުގައި އަޅަމުން އަންނަ ފެނުގެ ނިޒާމާއެކު އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމުގެ އުންމީދު ބޮޑުކަމަށް އޭނާ ބުންޏެވެ.

ކަނޑޫދޫގައި ހައްދާ ބާވަތްތަކަށް ޖެހޭ ބަލިތައް އިތުރުވަމުންދާއިރު ދަނޑުވެރިކަމަށް ބޭނުންކުރާ ބޭހަކީ، އަގުބޮޑު އަދި ރަށުން ލިބެން ދަތި އެއްޗަކަށްވުމަކީ، ކަނޑޫދޫ ދަނޑުވެރިންގެ ކަންބޮޑުވުން އެކަމުގައި އޮތް ކަމެކެވެ. އަދި އެކަމަށް އަވަސް ހައްލެއް ލިބުމަކީ، ސޯލިހު ހިމެނޭހެން ކަނޑޫދޫ އެހެން ދަނޑުވެރިންގެ ވެސް އެދުމެވެ.

"ބޭސް ލިބުން ވަރަށް ދަތިކަމަށްވެފަ މިއޮންނަނީ. ރަށުން ނުވެސް ލިބެނީ. ސުޕަނިކްސްވެސް ދުވާލެއްގެ މައްޗަށް އެބަދޭ ދެ އުރަ ވަރު. އެއީ 300 ރުފިޔާ ދުވާލެއްގެ މައްޗަށް. އަދި އެހެން ބޭސްތައްވެސް އެހާ އަގުބޮޑު" ސޯލިހު ބުންޏެވެ.

ކަނޑޫދޫގައި ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރާއިރު ދަނޑެއް ނެތް ގެއެއް މިރަށުގައެއް ނެތެވެ. އެތައް ސަތޭކަ ދަނޑުބިމެއް ރަށުގައި އޮތް އިރު، އެތައް ހާސް ކިލޯއެއްގެ ތަކެތި، ހާއްސަކޮށް މިރުސް ކޮންމެ ހަފްތާއަކު މާލެއަށް މިރަށުން ފޮނުވައެވެ. ނަމަވެސް އެކަމުގެ އެންމެ ބޮޑު ފައިދާއެއް ދަނޑުވެރިންނަކަށް ނުލިބެއެވެ. ސޯލިހު ބުނި ގޮތުގައި، ދަނޑުވެރިން ހައްދާ ތަކެތި ތިން ވަނަ ފަރާތެއް މެދުވެރިވެގެން ވިއްކުމަށް ވުރެ، ދަނޑުވެރިންނަށް އަމިއްލައަށް އެތަކެތި މާކެޓްކޮށް ވިއްކޭނެ އިންތިޒާމުތައް ހަމަޖެހުމަކީ ދަނޑުވެރިކަމުގެ ނަފާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ދަނޑުވެރިންނަށް ލިބޭނެ ކަމެކެވެ. ސޯލިހުގެ ވިސްނުން ހުރީ، ދަނޑުވެރިކަމުގައި ދެމިހުރުމަށެވެ. ރަށުގައި ހުރެގެން ބޮޑު އާމްދަނީއެއް ހޯދޭނެ މަސައްކަތަކަށް އެކަންވީތީއެވެ.