ޚަބަރު

މާލޭގެ ލޭންޑް ޔޫސް ޕްލޭން ރިޖެކްޓު ކުރުމުގެ ޖާގައެއް ނެތް، ހަދާފައިވާނީ އެންމެ މޮޅަށް: މުއިއްޒު

އަލީ ޔާމިން

މާލޭގެ ލޭންޑް ޔޫޒް ޕްލޭނަށް ފަންނީ ގޮތުން ޕްލޭނިން މިނިސްޓްރީއަށް ބުނެވޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ، މާލޭގެ ލޭންޑް ޔޫޒް ޕްލޭން ތައްޔާރު ކޮށްދެއްވީ، ކުރީގެ ހައުސިން މިނިސްޓަރު ޑރ. ހައިދަރު އަލީ ކަމަށެވެ. ހައިދަރަކީ މިވަގުތު ރާއްޖޭގައި ހުރި އެ މަސައްކަތައް އެންމެ ގާބިލު ބޭފުޅާކަމަށްވެސް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ، މާލޭގެ ލޭންޑް ޔޫސް ޕްލޭން ހަދާފައިވާނީ، މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލާއި އެހެން ސްޓޭކްހޯލްޑަރުންގެ ހިޔާލުތައްވެސް ހިމަނައިގެން އެފަރާތްތަކުގެ ބައިވެރިވުމާވެސް އެކުގައި ކަމަށެވެ.

"މިހާތަނަށް ދުވަހަކުވެސް އެއްވެސް ކައުންސިލަކުން، އަޅުގަނޑަށް ޔަގީން މާލޭގައި އެއްވެސް ކައުންސިލަކުން ރައްޔިތުންގެ ހިޔާލު ނުހޯދާ ވަރަށް ލޭންޑް ޔޫސް ޕްލޭން ހަދަން އަޅުގަނޑުމެން ހިޔާލު ހޯދައިފިން. އެ ހިޔާލުތައް އެއްކޮށްލާފައި ފޮތެއްގެ ސިގައިގައިވެސް ވަނީ ނެރެފައި،" މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭން ހަދައި ޕްލޭނިން މިނިސްޓްރީއަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފޮނުވުމުން އެ މިނިސްޓްރީން ސުވާލު އުފައްދައި ޖަވާބުތައް ހޯދަން ޑިސެމްބަރު މަހު ބޭނުންވި ކަމަށެވެ. އަދި ބައެއް ބައިތައް އޭގައި ހިމެނުމަށް އަންގާފައިވާތީ، އެބައިތައް ހިމަނައިގެން މިދިޔަ މަހު ޕްލޭނިން މިނިސްޓްރީއަށް އަލުން ލޭންޑް ޔޫސް ޕްލޭން ފޮނުވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

"ރިޖެކްޓް ކުރެވޭނެ އެއްވެސް ސަބަބެއް ނޯންނާނެ ފެންވަރަށް އެ ހަދާފައި އެ އޮތީ" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ގާނޫނު އަސާސީގައި ބުނާ ގޮތުގައި ކަމެއް އިސްލާހުކުރަން ނެތް ނަމަ ލޭންޑް ޔޫސް ޕްލޭން ހުށަހަޅާތާ ތިން މަސް ދުވަހުގެ ތެރޭގައި ފާސްކުރަން ޖެހޭނެއެވެ.

ލޭންޑް ޔޫސް ޕްލޭނަކީ، އެ ރަށެއްގެ ބިން ތަރައްގީ ކުރުމަށް ޓެކްނިކަލް ފެންވަރުގައި، ރައްޔިތުންގެ ހިޔާލު ހޯދައިގެން ތައްޔާރުކުރަން ގާނޫނުގައި ލާޒިމުކުރާ އެއްޗެކެވެ.