ހިޔާ ފުލެޓުތަކުގެ ކުލި ގިނަ ފަރާތްތަކުން ދައްކަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނި ނަމަވެސް ކުލި ދައްކާފައިވަނީ 400 އެއްހާ މީހުން ކަމަށް ހިޔާ ޔޫނިއަނުން ބުނެފި އެވެ.
ހިޔާ ޔޫނިއަނުން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުއްޔާ ގުޅޭ ގޮތުން ބޮޑު ޝަކުވާއެއް އެޗްޑީސީ އަށް ނުލިބޭ ކަމަށް ބުނި ނަމަވެސް ހިޔާ ރައްޔިތުންގެ ތެރެއިން 1900 މީހުންގެ ޝަކުވާގެ ސިޓީއެއް އެޗްޑީސީ އަށް ހުށަހެޅި ކަމަށާއި އަދި ކުއްޔާ ގުޅޭ ގޮތުން ވަކި ވަކި ފަރުދުންވެސް އެތައް ޝަކުވާއެއް އެ ކޯޕަރޭޝަނަށް ފޮނުވާފައިވާ ކަމަށެވެ. އަދި ހިޔާ ފުލެޓުގެ ކުލިދެއްކުން އޮމާންކޮށް ކުރިއަށް ދާކަމަށް ބުނެ އެޗްޑީސީން މީޑިއާތައް މެދުވެރިކޮށް ދޮގު މައުލޫމާތު ފަތުރާފައިވާ ކަމަށްވެސް އެ ޔޫނިއަނުން ވަނީ ބުނެފަ އެވެ.
އެގޮތުން ކުލި ދައްކާ މީހުންގެ އަދަދު އިންތިހާއަށް މަދުކަމަށާއި އެ ޔޫނިއަނުން ކުރި ސާވޭއަކުން އެނގުނު ގޮތުގައި ހިޔާ ފުލެޓުތަކުގެ ކުލި ދައްކާފައިވަނީ ކޮންމެ 1000 މީހުންގެ ތެރެއިން 60 މީހެއް ކަމަށެވެ. އަދި ހިޔާގެ ރައްޔިތުން ތިބީ ކުލި ނުދައްކަން ނިންމައިގެން ނޫންކަމަށްވެސް އެ ޔޫނިއަނުން ބުންޏެވެ.
"އާދައިގެމަތިން ކޮންމެ މަހެއްގެ ކުރީކޮޅަކީ އެކިއެކި ހައުސިން ޕުރޮޖެކްޓުތަކެއްގެ ފުލެޓުކުލި އެޗްޑީސީއަށް ދެއްކުމަށްޓަކައި އެޗްޑީސީ އޮފީހަށް ރައްޔިތުން ޖަމާވަމުންދާ ދުވަސްކޮޅެއްކަންވެސް ފާހަގަ ކުރަން. ހިޔާ ފުލެޓުގެ ކުލި ދެއްކި މިންވަރު އިންތިހާއަށް މަދު. މިކަން ބެލުމަށްޓަކައި މި ޔޫނިއަނުން ކުރި ސާވޭއަކުން އެނގިފައިވަނީ ހިޔާ ފުލެޓުން ކުލި ދެއްކިކަމަށް ބެލެވެނީ ޖުމްލަ 400 އެއްހާ ފަރާތުންކަން މި ޔޫނިއަނުން ގަބޫލު ކުރަން. މިއީ ނިސްބަތުން ވަރަށް މަދު އަދި މިހާރު ދިރިއުޅެމުންގެންދާ މިންވަރަށް ބަލާފަ ވަރަށް ކުޑައަދަދެއް." އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެޗްޑީސީގެ މީޑިއާ އޮފިސަރު އަލީ މަޝާރު "ވަން" އަށް މިއަދު ވިދާޅުވީ ހިޔާ ފުލެޓުގެ ކުލި ވަރަށް ގިނަ މީހުން ދައްކަމުން އަންނަ ކަމަށެވެ. ނަމަވެސް ސީދާ އަދަދު ކުއްލިއަކަށް ވިދާޅުވާން ދަތި ކަމަށާއި ޗެކް ކޮށްލާފައި ޖަވާބެއް ދެއްވާނެ ކަމަށެވެ.
ޔޫނިއަނުން އިތުރަށް ބުނީ ހިޔާގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާ މަޖުބޫރުން ކުލި ނެގުމަށް ސަރުކާރުން އަދި އެޗުޑީސީން ކުރަމުންގެންދާ މަސައްކަތް ކުށްވެރިކުރާ ކަމަށެވެ. އަދި މިފަދަ އަމަލުތައް ކުރިއަށް އޮތްތަނުގައި ތަކުރާރު ނުކުރުމަށްވެސް އެ ޔޫނިއަނުން ވަނީ ގޮވާލައިފަ އެވެ.
އެޗްޑީސީން ރޭ ނެރުނު އިއުލާނެއްގައި ބުނީ، ހިޔާ މަޝްރޫއުގެ އެއްބަސްވުމުގެ ހަ ވަނަ މާއްދާގެ ދަށުން ދައްކަން ޖެހޭ އިންސްޓޯލްމަންޓާއި މެނޭޖްމަންޓްފީގެ ތެރެއިން މިމަހު ދައްކަން ޖެހޭ ފައިސާ އިއްޔެގެ ކުރިން ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތު މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ކުލި ދައްކާ މުއްދަތު ފަސްކުރިޔަސް އިތުރު ޖޫރިމާނާއެއް ނަރާނެ ކަމަށް ބުންޏެވެ.
ނަމަވެސް އަންނަ މަހުން ފެށިގެން ކޮންމެ މަހެއްގައި ވެސް ކުލި ދެއްކުމުގެ އެންމެ ފަހުގެ ތާރީހަކީ އެމަހެއްގެ 10 ވަނަ ދުވަސްކަމަށް އެޗްޑީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު