ޚަބަރު

ކުރީގެ ކައިވެނި ރަޖިސްޓްރާއަށް ތިން ދުވަހުގެ ތެރޭގައި ވަޒީފާ ދިނުމަށް އަމުރުކޮށްފި

މުހައްމަދު އިޝާން

1

ފެމިލީ ކޯޓުގެ ވަޒީފައިން ވަކިކުރި ކައިވެނި ރަޖިސްޓްރާއަށް ތިން ދުވަހުގެ ތެރޭގައި ވަޒީފާ ދިނުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

ދެހާސް ދިހަވަނަ އަހަރުގެ ޖޫން މަހުގެ 15 ދުވަހުން ފެށިގެން ފެމިލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާގެ މަގާމުގައި ވަޒީފާ އަދާކުރަމުންދިޔަ އަހުމަދު އަބްދުﷲ 2019 ވަނަ އަހަރުގެ މާޗު މަހުގެ 26 ވަނަ ދުވަހު ސަސްޕެންޑުކޮށް، އެއަހަރުގެ މެއި މަހުގެ ދެ ވަނަ ދުވަހު އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އޭނާ ހުށަހެޅީ ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާބެހޭ ގާނޫނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އަދި އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިޔާދަކޮށްދިނުމަށާއި ވަޒީފާ ހަމަޖައްސައިދޭ ދުވަހާ ހަމައަށް މުސާރަ އާއި އިނާޔަތްތައް ދޭންޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ހަ މަސް ދުވަހުގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބޭނެ އަދަދާ އެއްވަރުގެ އަދަދެއް ނަގައިދިނުމަށެވެ.

އެ މައްސަލަ ބަލައި ޓްރައިބިއުނަލުން ނިންމާފައި ވަނީ، އަހުމަދު އަބްދުالله ވަޒީފާއިން ވަކިކޮށްފައި ވަނީ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުނުކޮށް ކަމަށާއި އޭނާ ވަޒީފާއިން ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާ ހިލާފަށް "އަންފެއާ ޑިސްމިސަލް" އެއް ކަމަށެވެ.

އެހެންކަމުން އޭނާ އަދާކުރަމުންދިޔަ މަގާމަށް އަނބުރާ ރުޖޫއަ ކުރުމަށާއި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމުގައި ނުބެލުމަށާއި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން އޭނާގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީހާ ހަމައަށް، އޭނާ އަދާކުރި މަގާމުގެ މުސާރަ އާއި އިނާޔަތްތަކަށްވާ ފައިސާ އަހުމަދު އަބްދުﷲ هއަށް އެކީ އެއް ފަހަރާ ދިނުމަށްވެސް އަމުރުކޮށްފައިވެއެވެ.

ޓްރައިބިއުނަލްގެ އެ ނިންމުން ތަންފާޒުކޮށް ދިނުމަށް އަހުމަދު އަބްދުﷲ ފަރާތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

ސިވިލް ކޯޓު އެ މައްސައިގަ ކުރި އަމުރުގައި ވަނީ، ތިން ދުވަހުގެ ތެރޭގައި ވަޒީފާ ދިނުމަށާއި އަދި ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް 10 ދުވަސް ތެރޭގައި ދިނުމަށެވެ.