އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފިކޭޝަންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ އީރާން ކައިރީ ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.
ކިރިގިސްތާނުގެ ބިޝެކްގެ ގެޒްޕްރޯމް އެރީނާގައި މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވީ 17-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
އިރާން ފުޓްސަލް ޓީމަކީ މިހާތަނަށް ގައުމީ ފުޓްސަލް ޓީމުން ކުޅުނު އެންމެ ވަރުގަދަ ޓީމެވެ. ފީފާ ފުޓްސަލް ރޭންކިންގައި މިވަގުތުވެސް އިރާން އޮތީ ހަވަނައިގައެވެ. އަދި އޭއެފްސީ ފުޓްސަލް ރޭންކިންގައި އީރާން އޮތީ އެއްވަނައިގައެވެ. އީރާންއަކީ އޭޝިއާގެ އެންމެ މަތީ ފުޓްސަލް މުބާރާތް، އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް 12 ފަހަރަށް ކާމިޔާބު ކޮށްފައިވާ ޓީމެކެވެ. އެންމެފަހުން އެ މުބާރާތް އީރާނުން ހޯދީ 2018 ވަނަ އަހަރުއެވެ.
އިރާނަކީ ފުޓްސަލް ވޯލްޑް ކަޕްގައިވެސް އަށް ފަހަރު ވާދަކޮށްފައިވާ ގައުމެކެވެ. 2016 ވަނަ އަހަރު ފީފާ ފުޓްސަލް ވޯލްޑް ކަޕްގެ ތިންވަނަ އިރާނުން ހޯދާފައިވާ އިރު، އެ ފަހަރު ކުއާޓާއަށް ދިޔައީ ގަދަ 16 ގައި ފުޓްސަލްގެ އެންމެ ވަރުގަދަ ގައުމު ބްރެޒިލްވެސް ކަޓުވާލައިފައެވެ.
އީރާނުގެ ކުޅުމުން އެޓީމުގެ ފެންވަރު ފެނިގެންވެސް ދެއެވެ. ހަލުވި ޕާސްތަކަކާއެކު ގިނަ މޫވްމަންޓްތަކެއްގައި މިއަދުގެ މެޗުގައިވެސް އިރާން ފެނިގެން ދިޔަ އިރު، ރާއްޖެއިން ބެލީ އީރާން ހިފަހައްޓަން ފަހަތުގައި ޑިފެންސް ކުރުމަށެވެ. މެޗު ފެށުމަށް ރާއްޖޭން ނުކުތް ކުޅުންތެރިންނަށް ބަލާ އިރު، ގޯލުގައި ހުރީ އިސްމާއީލް ފާތިހު (ތާޑޭ) އެވެ. ދެން ނުކުތް ކުޅުންތެރިންނަކީ ހުސައިން ޝަރީފް (އޮންލީ) އާއި މުހައްމަދު އިމްރާން (އިންމި)ގެ އިތުރުން އިޝާން އިބްރާހީމް (ސައްޓު) އަދި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.
ހާފުގެ ފުރަތަމަ ކޮޅުގައި އީރާނުން ދެ ގޯލު ޖެހިއެވެ. ސަލާ އަގަޕޫރުގެ އިތުރުން މުހައްމަދު ހުސައިން ޖެހި ގޯލުތަކާއެކު އިރާނުން ދެ ގޯލުގެ ލީޑެއް ނެގުމުން ރާއްޖެއިން ވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފައެވެ. އަލީ ހާފިޒް (ހާއްޕެ) ކުޅެން ނުކުމެ ކޮންމެވެސް ވަރަކަށް އިރާންގެ ފަހަތަށް ނުރައްކާވެސް ކުރި އިރު، ފުރަތަމަ ހާފުގައި ރާއްޖެއިން ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމައެކަނި ބޯޅަވެސް ފޮނުވާލީ އޭނާއެވެ.
އީރާންގެ އަގަޕޫރު ޖެހި ދެވަނަ ގޯލެއްގެ އިތުރުން ހުސައިން ތައްޔިބީ، ސައީދު އަހުމަދު އައްބާސީ އަދި މަހުދީ ކަރީމީ ޖެހި ގޯލުތަކާއެކު އީރާނުން ފުރަތަމަ ހާފުގައި ހަތް ގޯލު ޖެހިއެވެ. އައްބާސީ ވަނީ ހާފުގެ ފަހުކޮޅުގައި ފުލުފުލުގައި ދެ ގޯލު ޖަހައިފައެވެ. ފުރަތަމަ ހާފުގެ ފަހު ދިހަވަރަކަށް މިނެޓަށް ރާއްޖޭގެ ގޯލް ބެލެހެއްޓުމަށް ތާޑޭގެ ބަދަލުގައި ޒައިދާން އަހުމަދު (އަސޫ) ނުކުމެ، އޭނާ ރަނގަޅު ސޭވްތަކެއް ކޮށްފައިވެއެވެ.
ދެވަނަ ހާފު ފެށިގެން ދެ މިނެޓް ތެރޭގައި އައްބާސީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ނަތީޖާ 8-0 އަށް ބަދަލުކޮށްލިއެވެ. ދެވަނަ ހާފު ރާއްޖެއިން ފެށީ ތާޑޭ ގޯލުގައި ހުރެގެންނެވެ. ހާފުގެ ކުރީކޮޅުގައި އޭނާގެ ގިނަ ސޭވްތަކެއް ފެނުނެވެ. އެހެން ނަމަވެސް އީރާން ފެނުނީ މާ ބޮޑަށްވެސް ވަރުގަދަކޮށެވެ. ތައްޔިބީގެ އިތުރު ދެ ގޯލާއި، އައްބާސީގެ އިތުރު ދެ ގޯލާއި، ކަދުކޯޑާގެ ދެ ގޯލާއި، މަސްއޫދު ޔޫސުފްގެ ދެ ގޯލާއެކު އީރާނުން ވަނީ މެޗުގެ ނަތީޖާ 16-0 އަށް ބަދަލުކޮށްލައިފައެވެ.
އޭގެ ފަހުންވެސް ކުޅުނު ތިން މިނެޓުގެ ތެރޭގައިވެސް އަލީ ރެޒާ ޕޯރު ޖެހި ގޯލާއެކު އީރާނުން ވަނީ 17 ގޯލު މެޗުގައި ހަމަކޮށްފައެވެ.
ފަހު ހާފުގައި ރާއްޖެއަށްވެސް ގޯލު ޖަހަން ފުރުސަތުތަކެއް ލިބުނެވެ. ހާއްޕެއާއި ޝާއްޕެގެ ބޯޅަތައް އީރާންގެ ގޯލްކީޕަރު މަތަކުރި އިރު، ހުޒައިފަތު ރަޝީދު (ހުޒޭ) އަށް ހުސްކޮށް ލިބުނު ބޯޅައިގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.
މިއީ އޭޝިއާ ފުޓްސަލް މުބާރާތެއްގެ ކޮލިފައިންގައި ރާއްޖޭގެ ޓީމެއް ވާދަކުރާ ފުރަތަމަ ފަހަރެވެ. މި މުބާރާތަށް ތައްޔާރުވުމަށް ގައުމީ ފުޓްސަލް ޓީމުން ވަނީ މިދިޔަ މަހު ތައިލެންޑްގައި ކުރިއަށްދިޔަ އެންއެސްއެފްޑީ އިންވިޓޭޝަަނަލް ފުޓްސަލް ކަޕުގައި ވާދަކޮށް، މުބާރާތުގެ ފަސް ވަނަ ހޯދައިފައެވެ. އެއީ ރޭންކިން މެޗުގައި ޕެނަލްޓީ ޖަހައިގެން 8-7 އިން މޮންގޯލިއާ ބަލިކޮށްގެންނެވެ.
އޭއެފްސީ ފުޓްސަލް މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ހިމަނާފައިވަނީ ސެންޓްރަލް އެންޑް ސައުތު ޒޯންގެ ކޮލިފައިންގައެވެ. އެ ޒޯނުގެ އަށް ގައުމު ވަނީ ކޮލިފައިންގެ ދެ ގްރޫޕަކަށް ބަހައިފައެވެ. ރާއްޖެ ގްރޫޕް އޭގައި އިރާންގެ އިތުރުން ތުރުކުމެނިސްތާން އަދި ކިރްގިސްތާނެވެ. މި ޒޯނުގެ ގްރޫޕް ބީގައި ހިމެނެނީ އުޒްބެކިސްތާން، ތަޖިކިސްތާން، އަފްގާނިސްތާން އަދި ނޭޕާލެވެ.
މިފަހަރުގެ މުބާރާތަށް ދިއުމުގެ ކުރިން ފަރިތަކުރުންތައް ކުރިއަށް ގެންދަން ރާއްޖޭގެ ޓީމަށް ވަނީ އުނދަގޫތަކާ ކުރިމަތިވެފައެވެ. ފުޓްސަލް އަށް ހާއްސަ އިންޑޯއެއް ރައްޖޭގައި ނޯންނާތީ އިންޑޯ ޕިޗެއް ހޯދަން ކުރި މަސައްކަތް ޓީމަށް ކާމިޔާބުވެފައި ނުވާ އިރު، ކުރިން ފަރިތަކުރި ގިޔާސުއްދީން ޕިޗުވެސް މިފަހަރު ލިބިފައެއް ނުވެއެވެ. އެހެންކަމުން ޓީމުގެ ގިނަ ފަރިތަކުރުންތައް ކުރީ ޓާފް ދަނޑުގައެވެ.
ރާއްޖެއަށް ދެން އޮތީ ކޮލިފިކޭޝަން ދެމެޗެވެ. އެއީ މާދަމާ ކިރިގިސްތާނާ ދެކޮޅަށް އޮތް މެޗާއި، އޭގެ އަނެއް ދުވަހު ތުރުކެމިނިސްތާނާ ދެކޮޅަށް އޮތް މެޗެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް