ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް ހުޅުވުން އަންނަ މެއި މަހަށް ލަސްކޮށްފިއެވެ.
އާ ސީޕްލޭން ޓާމިނަލަކީ ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ. އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމުނުތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވީ ނަމަވެސް އެތަން އަދި ބޭނުން ކުރަން ފަށާފައެއް ނުވެއެވެ.
އާ ސީޕްލޭން ޓާމިނަލް ހުޅުވަން އެމްއޭސީއެލުން ކުރިން އިއުލާނުކޮށްފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. މިހާރު ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރާ އާ ރަންވޭ އެއްކޮށް ބޭނުންކުރަން ފެށޭނީވެސް ޓީއެމްއޭއިން ބޭނުންކުރާ އިމާރާތް ތަޅާލައި، އެތަން ސާފުކުރުމުންނެވެ.
އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު "ވަން" އަށް މިއަދު ވިދާޅުވީ، އެތަން ހުޅުވުން ލަސްކުރީ ކޮވިޑް-19އާ ހެދި ބައެއް ކުދިކުދި މަސައްކަތްތައް ނުނިމި ހުރުމުން، އެކަންކަން ނިންމައި އެތަން އެއްކޮށް ބޭނުންކުރަން ފެށުމަށް ކަމަށެވެ.
އެގޮތުން އާ ޓާމިނަލަށް ބޭރުން ގެންނަންޖެހޭ ބައެއް ތަކެތި އަދި ލިބިފައި ނުވުމާއި އާ ޓާމިނަލުގައި ހަދާ ލައުންޖުތަކުގެ މަސައްކަތްވެސް އަދި މުޅިން ނުނިމޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރީފު ވިދާޅުވީ، އެ މަސައްކަތްތައް ނިންމައި އާ ޓާމިނަލުން ހުޅުވައި ހިދުމަތް ދޭން ފެށޭނެ ކަމަށް ލަފާކުރަނީ އަންނަ މެއި މަހުގެ 15 ހިސާބުގައެވެ. އަދި އެ މަސައްކަތާ އެކު ބާ ޓާމިނަލްވެސް ތަޅައި ނިންމާލެވޭނެ ކަމަށާއި ނަމަވެސް އެއާއެކު އާ ރަންވޭ ހުޅުވަން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށް ވިދާޅުވިއެވެ.