ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކަން ހިޔާ ޔޫނިއަނުން ގޮވާލި ނަމަވެސް ވަރަށް ގިނަ ފަރާތްތަކުން މިހާރު ވެސް ކުލި ދައްކަމުން އަންނަ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފި އެވެ.
މެއިންޓަނެންސް ފީއާއެކު ހިޔާ ފްލެޓްތަކަށް މި މަހުން ފެށިގެން މަހަކު 8،500 ރުފިޔާ ދައްކަން އެޗްޑީސީން ވަނީ އަންގައިފަ އެވެ. ނަމަވެސް، އެ ކުލި ބޮޑުކަމަށް ބުނެ، އެ ކުލި ނުދެއްކުމަށް ހިޔާ ޔޫނިއަނުން ވަނީ ހިޔާ ފްލެޓްތަކުގެ ވެރިންނަށް ގޮވާލައިފައެވެ.
އެޗްޑީސީގެ ސްޕޯކްސްޕާސަން އަލީ މަޝާރު "ވަން" އަށް މިއަދު ވިދާޅުވީ، ގިނަ ފަރާތްތަކުން ކުލި ދައްކަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ވަަރަށް ކަންބޮޑުވާ ކަމެއް ހިޔާ ޔޫނިއަނުން އެކުރަނީ. އެފަރާތްތަކުން އެ ހިތްވަރުދެނީ ގާނޫނީ ގޮތުން ހަދާފައިވާ އެގްރީމަންޓަކާ ހިލާފުވުމަށް" މަޝާރު ވިދާޅުވިއެވެ.
ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ނުކުރާނެ ކަމަށް އެޗްޑީސީން މީގެ ކުރިން ބުނެފައިވެއެވެ.
ހިޔާ ފްލެޓްތައް އޭގެ ހައްގުވެރިންނަށް ދިނީ ފިނިޝިން މަސައްކަތް އަމިއްލައަށް ނިންމާ ގޮތަށް ކަމަށް ވުމުން ކުލި ނުނަގާ ހަ މަސް ދުވަސް އެޗްޑީސީން ވަނީ ދީފަ އެވެ. ނަމަވެސް ހިޔާ ޔޫނިއަނުން ވަނީ ގިނަ ފްލެޓްތައް އަދިވެސް ނުނިމޭ ކަމަށް ބުނެ، 5،600 ރުފިޔާއަށް ކުލި ކުޑަކޮށްދޭން އެދިފައެވެ.
ހިޔާ ޔޫނިއަނުން ވަނީ ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމަށް ފްލެޓް ލިބުނު 2،177 މީހުންގެ ސޮޔާއެކީ ސަރުކާރަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ. އަދި ކުލި ކުޑަކޮށްދިނުމަށް އެދި 1،900 މީހުންގެ ވަކިވަކި ސިޓީތަކެއް އެޗްޑީސީއަށް ހުށަހަޅާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު