މަނީލޯންޑާގެ ތުހުމަތަށް ކުރިމިނަލް ކޯޓުން ބަންދުކުރި އެކައުންޓްތަކެއް ދޫކޮށްލަށް ހައިކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ، ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކެއް ބޭނުންކޮށްގެން ކަޅު ބާޒާރުގައި ބޭރު ފައިސާގެ ވިޔަފާރި، ފުޅާ ދާއިރާއެއްގައި ކުރުމާއި ރާއްޖެއަށް މުދާ އެތެރެކުރާކަމަށް ދައްކައިގެން އޮޅުވާލުމުގެ ތެރެއިން، މަލްޓި ލީޕް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ގައި ހުޅުވާފައިވާ އެކައުންޓްތައް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ޓެލެގްރަފިކް ޓްރާންސްފަރ (ޓީ.ޓީ) ހަދައި ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ފައިސާ ފޮނުވައި މަނީ ލޯންޑާ ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ގުޅިގެން، މި މައްސަލަ އިސްތިއުނާފު ކުރާ ފަރާތް ކަމަށްވާ "މަލްޓި ލީޕް ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ގައި ހުރި އެންމެހައި އެކައުންޓްތައް ބަންދުކުރެވެންދެން އެ އެކައުންޓްތައް ފްރީޒް ކުރުމަށް އެދި ދިވެހި ފުލުހުންގެ ފަރާތުން އެދިގެން ދައުލަތުން ހުށަހަޅާފައިވާ މައްސަލައެކެވެ.

އެ ހުށަހެޅުމާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައި ބޭންކް މޯލްޑިވްސް ގައި ހުރި ހަ އެކައުންޓްގައިވާ ފައިސާ، 16 ފެބްރުއަރީ 2022 އިން ފެށިގެން 15 މެއި 2022ގެ ނިޔަލަށް ހިފެހެއްޓުމަށް، އަދި އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމަށް ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެއެވެ.

މި މައްސަލަ މަލްޓި ލީޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، އެ މައްސަލަ ބަލައި، މިދިޔަ ހަފްތާގައި އެ ކޯޓުން ކުރި ހުކުމްގައި ވަނީ، އެ އެކައުންޓްތައް ހިފެހެއްޓުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރަކީ، ބާތިލް އަމުރެއް ކަމަށް ކަނޑައަޅާ ކަމަށެވެ.

މި މައްސަލަ ހައިކޯޓުން ބެއްލެވި ތިން ފަނޑީޔާރުުގެ ބެންޗުގެ ރިޔާސަތު ބެލެހްޓެވީ، ފަނޑިޔާރު ހުސައިން ޝަފީއު އެވެ. ދެން އެ ބެންޗުގަިއ ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ހުކުމްގައި އިތުރަށް ބުނެފައި ވަނީ، މަލްޓި ލީޕް ޕްރައިވެޓް ލިމިޓެޑްގެ ހަ އެކައުންޓެއް ފްރީޒް ކުރުމަށް އެދި ހުށަހެޅިއިރު، މި އެކައުންޓުތަކުގައި ހުރި ފައިސާ ކުށަކާ ގުޅިފައިވާ ކަމަށް އަންދާޒާކުރެވޭ އަދަދަކީ ކޮބައިކަމެއް ބުނެދެވިފައި ނުވާ ކަމަށެވެ. އަދި މި އެކައުންޓުތަކުގައި ހުރި އެންމެހައި ފައިސާއަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމްގެ ކުށާ ގުޅިފައިވާ ކުށެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކާ ގުޅިފައިވާ ފައިސާ ކަމުގައި ގަބޫލުކުރެވޭ ސަބަބު އަމުރަށް އެދުނުއިރު ދެއްކިފައިނުވާއިރު، އަމުރު ނެރުމުގައި ފަނޑިޔާރު، އެ ނިންމުމަށް ވާސިލުވި ގޮތެއްވިޔަސް އެނގެން ނެތްކަން ފާހަގަކޮށްފައިވެއެވެ. އަދި އިސްތިއުނާ ފުކުރާފަރާތުގެ ހަ އެކައުންޓެއްގައި ހުރި ފައިސާ މަނީ ލޯންޑަރިންގެ ކުށާ ގުޅެނީ ކިހިނެއް، އަދި ކޮންގޮތަކުންކަންވެސް ބުނެދެވިފައިނުވާ ކަމަށްވެސް ހުކުމްގައި ވެއެވެ.